ހަމަނުޖެހުންތަކާއި ކޯޅުންތަކުގެ ތެރެއިން ކުރިއަށްދިޔަ އެމްޑީޕީގެ ވާދަވެރިކަން ބޮޑު ރިޔާސީ ޕްރައިމަރީއަށްފަހު، އެ ޕްރައިމަރީގައި ވާދަކުރެއްވި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ފުރަތަމަ ފަހަރަށް، ރޭ ބައްދަލުވެއްޖެއެވެ.
ދެ ބޭފުޅުން ބައްދަލުވީ އިންޑިއާގެ 74 ވަނަ ޖުމްހޫރީ ދުވަސް ފާހަގަކުރުމަށްޓަކައި ދަރުބާރުގޭގައި ރޭ ބޭއްވި ހަފުލާގެ ތެރެއިންނެވެ. ނަމަވެސް ދެ ރައީސުން ތިއްބެވީ ދެ މޭޒުކޮޅެއްގައެވެ.
އެގޮތުން ރައީސް ސޯލިހާއި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި އިންޑިއާ ސަފީރު އެއް މޭޒެއްގައި ތިއްބެވި އިރު، ރައީސް ނަޝީދު އިންނެވީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލާއި އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނާއެކު އެއް މޭޒުކޮޅެއްގައެވެ.
ދެ ބޭފުޅުންގެ ދެމެދުގައި ކިތަންމެ ވާދަވެރިކަމެއް އޮތް ނަމަވެސް އެ ހަފުލާގެ ފޮޓޯތަކުން ފެންނީ އެއްބޭފުޅަކު އަނެއް ބޭފުޅަކަށް ހިނިފުޅުވަޑުވައިގެން ސަލާން ކުރައްވަނި ކޮށްނެވެ. އަދި ދެ ބޭފުޅުން ފޮޓޯއަކަށް ހުއްޓިވަޑައިގެންވެސް ތިއްބަވައެވެ.
ރައީސް ސޯލިހާއި ރައީސް ނަޝީދު، ދެ ބޭފުޅުންގެ މެދުގައި ހިޔާލުތަފާތުވުމާއި ހިތްހަމަނުޖެހުން ފުރަތަމަ އުފެދުނީ މިހާރު އޮތް ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމަށް ބޭފުޅަކު ހަމަޖެއްސެވުމުގެ މަސައްކަތުގެ ތެރެއިންނެވެ. އެ މަސައްކަތުގެ ތެރެއިން ދެ ބޭފުޅުންގެ ދެމެދުގައި ވާދަވެރިކަން އުފެދި، ދެ ފެކްޝަނެއްވެސް އުފެދުނެވެ.
މިދިޔަ ހޮނިހިރު ދުވަހު ދެ ބޭފުޅުން ވާދަކުރެއްވި ރިޔާސީ ޕްރައިމަރީން ރައީސް ސޯލިހަށް ލިބިވަޑައިގަތީ 61 ޕަސެންޓެވެ. ނަޝީދަށް ހޯއްދެވުނީ 39 ޕަސެންޓެވެ. ރިޔާސީ ޕްރައިމަރީގެ ނަތީޖާ ރައީސް ނަޝީދު ގަބޫލުފުޅު ކުރެއްވި ނަމަވެސް ރިޔާސީ އިންތިހާބުގައި ރައީސް ސޯލިހާއެކު ނުހުންނަވާނެ ކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.
އޭގެ ބަދަލުގައި ރައީސް ނަޝީދު ވަނީ، ރިޔާސީ ޕްރައިމަރީގައި އެ މަނިކުފާނު ބޭނުން ކުރެއްވި ސްލޯގަން، ފިކުރެއްގެ ދިރުންގެ ނަމުގައި އިތުރު ފެކްޝަނެއް އުފައްދަވައި އެމްޑީޕީގެ ތެރެއިން އިތުރު ސިޔާސީ ހަރަކާތެއް ފައްޓަވައިފައެވެ. އަދި ޕާޓީގައި ސަރުކާރަށް ތާއީދު ނުކުރާ ފަރާތްތަކުން އެ ފެކްޝަނާ ގުޅުމަށް ނަޝީދު ވަނީ އެދިވަޑައިގެންފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު