ބޭސްފަރުވާއަށް އިންޑިއާގެ ކޮޗިންއަށް ދިޔަ ދިވެހި ޒުވާނަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.

ގެއްލިގެން ހޯދަމުންދަނީ ކ. ތުލުސްދޫ/ ފަރިޝްތާ މުހައްމަދު މަހުދީ، 35އ. އެވެ.

މަހުދީގެ ދައްދަ އާމިނަތު އަރުޝީ "ވަން" އަށް މިއަދު ބުނީ ނަފުސާނީ ބައްޔަށް ފަރުވާ ހޯދަން ޅިޔަނާއެކު އިންޑިއާއަށް ދިޔަ މަހުދީ ގެއްލިގެން ހޯދަން ފެށީ މިއަދު ރާއްޖެ ގަޑިން 9:00 އެހާކަންހާއިރު ކަމަށެވެ.

"މިއަދު ކޮޗިންގައި ހުންނަ އަމްރިތާ ހޮސްޕިޓަލަށް ޑޮކްޓަރަށް ދައްކަން ދިޔައީ. ކޮއްކޮއަކީ ބައިޕޯލޯ ޑިސްއޯޑާ ހުންނަ މީހެއް. ހޮސްޕިޓަލަށް ގެންދިއުމުން ކޮއްކޮ ވަނީ ޑޮކްޓަރަށް ދައްކަން ދެކޮޅު ހަދައި ހޮސްޕިޓަލުން ބޭރަށް ދުއްވައިގަނެފަ. އެ ފަހަކުން އަދި ކޮއްކޮ ނުފެނޭ،" އަރުޝީ ބުންޏެވެ.

އޭނާ ބުނީ މަހުދީ ގެއްލުނު މައްސަލަ އިންޑިއާގެ ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށާއި އަދި އެކަން ރާއްޖޭގެ ފޮރިން މިނިސްޓްރީގެ ސަަމާލުކަމަށްވެސް ގެނެސްފައިވާ ކަމަށެވެ. އެގޮތުން މަހުދީ ހޯދުމުގެ މަސައްކަތުގެ ތެރެއިން އަމްރިތާ ހޮސްޕިޓަލް ސަރަހައްދުގެ މަގުތަކުގައި ހުރި ސީސީޓީވީ ކެމެރާތައް ބެލި ނަމަވެސް، ފެނިފައިނުވާ ކަމަށް ބުންޏެވެ.

ފޮރިން މިނިސްޓްރީގެ ކޮމިއުނިކޭޝަން ސްޓްރެޓެޖިސްޓް ސަފާތު އަހުމަދު ޒާހިރު "ވަން" މިއަދު ވިދާޅުވީ، އިންޑިއާގައި ދިވެއްސަކު ގެއްލިގެން އުޅޭ މައްސަލަ އެ މިނިސްޓްރީން ވަރަށް ގާތުން ބަލަމުންދާ ކަމަށެވެ. ނަމަވެސް އެކަމުގެ އިތުރު ތަފުސީލެއް ނެތް ކަމަށް ބުންޏެވެ.