ޚަބަރު

ދިއްދޫ ބަނދަރު ހެދުމާއި ޖެޓީ ހެދުމުގެ މަސައްކަތުގެ 61 ޕަސެންޓް ނިމިއްޖެ

ހއ. ދިއްދޫ ބަނދަރު ތަރައްގީ ކުރުމާއި ޖެޓީ ހެދުމުގެ މަޝްރޫއުގެ 61 ޕަސެންޓް މަސައްކަތް ނިންމާލައިފިއެވެ.

އެމްޓީސީސީން މިއަދު ބުނި އެ މަޝްރޫއުގެ ދަށުން ބޭރުތޮށި ލުމުގެ މަސައްކަތް މިހާރު ނިމިފައިވާ ކަމަށާއި ރިވެޓްމެންޓް ޕްރޮފައިލް ކުރުމުގެ މަސައްކަތުގެ 81 ޕަސެންޓް ފުރިހަމަކުރެވިފައިވާ ކަމަށެވެ.

މީގެ އިތުރުން ހާބާ ޕޭވްމެންޓް އެޅުމުގެ މަސައްކަތުގެ 77 ޕަސެންޓް އަދި އާ ހާބާ ބޭސިން ފުންކުރުމުގެ މަސައްކަތުގެ 85 ޕަސެންޓް ވެސް މިހާރު ނިންމިފައިވާ ކަމަށް އެމްޓީސީސީން ބުންޏެވެ.

މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި އެމްޓީސީސީއާ ހަވާލުކުރި މި މަޝްރޫއުގެ އަގަކީ 69.8 މިލިއަން ރުފިޔާއެވެ.

މި މަޝްރޫއުގެ ދަށުން 78،000 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި 378 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި 58 މީޓަރުގެ ގްރޮއިން ޖެހުމާއި 478 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުން ހިމެނެއެވެ. އަދި 630 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުމާއި 6،858 އަކަ މީޓަރުގެ ސަރަހައްދެއްގައި ހާބަރު ޕޭވްމަންޓް ހެދުމާއި ޖެޓީއެއް ހެދުމާއި ނެރު ބައްތި އާއި ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތްވެސް ހިމެނެއެވެ.