ޚަބަރު

ނިޝާހަކީ ހިތްވަރުގަދަ ކަމުގެ ލާމަސީލު ނަމޫނާއެއް: ރައީސް

ސްނޯކްލިންއަށް ގޮސް އުޅެނިކޮށް އިއްޔެ މަރުވި، ނިޝާހް އަބްދުލްގަފޫރަކީ ހިތްވަރުގަދަ ކަމުގެ ލާމަސީލު ނަމޫނާއެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހު މިފަދައިން ވިދާޅުވީ، ނިޝާހްގެ މަރާ ގުޅިގެން އޭނާގެ އާއިލާއަށް ތައުޒިޔާ ވިދާޅުވެ މިއަދު ކުރެއްވި ޓުވީޓެއްގައެވެ.

"އިއްޔެ އަޅުގަނޑުމެންނާ ވަކިވެގެންދިޔަ ނިޝާހް އަބްދުލްގަފޫރަކީ ހިތްވަރުގަދަކަމާއި އިންސާނިއްޔަތުކަމުގެ ލާމަސީލު މިސާލެއް. ސްކައުޓް އެސޯސިއޭޝަނަށް ރީތި ނަން ހޯދައިދިން ޒުވާނެއް. އެ މަރުހޫމްގެ ފުރާނައަށް މާތް ﷲ ހެޔޮ ރަޙުމަތް ލައްވައި އާއިލާއަށް ކެތްތެރިކަން ދެއްވާށި،" ރައީސް ވިދާޅުވިއެވެ.

ނިޝާހު މަރުވީ އޭނާ މަސައްކަތްކުރާ މާފުށިވަރު ރިސޯޓު ކައިރިއަށް ސްނޯކްލިންއަށް ގޮސް އުޅެނިކޮށެވެ.

ނިޝާހަކީ 2018 ވަނަ އަހަރު އިނގުރައިދޫގައި މޫދަށް އެރި އުޅުނު ކުއްޖެއްގެ ފުރާނަ ސަލާމަތްކުރި ސްކައުޓެކެވެ. އެކަމުގެ އަގުވަޒަންކުރުމުގެ ގޮތުން ސަރުކާރުން ވަނީ ނިޝާހަށް 2019 ވަނަ އަހަރު ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އިނާމުވެސް ދީފައެވެ.