ޚަބަރު

ރާއްޖެ އާއި ޕޮލެންޑުގެ ގުޅުން އިތުރަށް ހަރުދަނާކުރުމަށް މަޝްވަރާކޮށްފި

ރިފާ ހަލީލު

ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖެ އާއި ޕޮލެންޑުގެ ދޭދޭގުޅުން އިތުރަށް ބަދަހިކުރެވޭނެ ދާއިރާތަކާ ގުޅޭގޮތުން ޕޮލެންޑް ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ނޮން-ރެޒިޑެންޓް ސަފީރު އެޑަމް ބްރަކޮވްސްކީ އާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް މަޝްވަރާކުރައްވައިފިއެވެ.

ރައީސް އޮފީހުން މިއަދު ބުނީ މި މަޝްވަރާތައް ކުރައްވާފައިވަނީ ޕޮލެންޑުގެ ސަފީރު މިއަދު ރައީސް ސޯލިހުގެ އަރިހަށް ކުރެއްވި ވަދާއީ ޒިޔާރަތުގައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ސޯލިހު ވަނީ، ޕޮލެންޑުގެ ސަފީރަށް މަރުހަބާ އާއި ހެޔޮއެދުންތައް އަރިސްކުރައްވައިފައެވެ. އަދި އެމަނިކުފާނު ވަނީ ރާއްޖެ އާއި ޕޮލެންޑުގެ ގުޅުން ބަދަހި ކުރެއްވުމަށް ޕޮލެންޑުގެ ސަފީރު ކުރެއްވި އިހުލާސްތެރި މަސައްކަތްޕުޅު ފާހަގަކުރައްވައި ސަފީރަށް ޝުކުރު އަދާ ކުރައްވައިފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ސޯލިހާއި ޕޮލެންޑުގެ ސަފީރު ވަނީ ފަތުރުވެރިކަމުގެ ދާއިރާއިންނާއި ވިޔަފާރި އާއި ސިވިލް އޭވިއޭޝަން އަދި މީހުން ބިނާކުރުމާއި މޫސުމީ ބަދަލުކަތަކާ ގުޅޭގޮތުން ގުޅިގެން މަސައްކަތްކުރުމުގެ މައްޗަށް ވާހަކަ ދައްކަވާފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ޕޮލެންޑުގެ ސަފީރު އިތުރަށް ވިދާޅުވީ ދެގައުމުގެ ދެމެދުގައި އޮތް ގާތްގުޅުން ކުރިޔަށް އޮތްތަނުގައި އިތުރަށް ބަދަހިވެގެން ދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. ރައީސް ސޯލިހު ވަނީ ޕޮލެންޑާއި ރާއްޖެއާ ދެމެދު ގުޅުން ބަދަހި ކުރުމަށް ސަފީރު ދެއްވާ އަހަންމިއްޔަތު ކަމަށް ޝުކުރު އަދާކުރައްވައި ކުރިއަށް އޮތް ތަނުގައި ސަފީރަށް ކާމިޔާބީއަށް އެދިވަޑައިގަންނަވައިފައެވެ.

ރާއްޖެ އާއި ޕޮލެންޑާ ދެމެދު ސިޔާސީ ގުޅުން ގާއިމުކޮށްފައިވަނީ 1984 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ އެއް ވަނަ ދުވަހުއެވެ.