ދުނިޔެ

އަރަބި ގައުމުތަކުގެ ތެރެއިން ހުސްވި އަހަރު އެންމެ ގިނަބަޔަކު ޒިޔާރަތްކުރި ތިންވަނަ ގައުމަކަށް މޮރޮކޯ!

އަރަބި ގައުމުތަކުގެ ތެރެއިން އެންމެ ގިނަ ފަތުރުވެރިން ހުސްވި 2022 ވަނަ އަހަރު ޒިޔާރަތްކުރި ތިންވަނަ ގައުމަކީ މޮރޮކޯ ކަމަށް ވޯލްޑް ޓޫރިޒަމް އޮގަނައިޒޭޝަނުގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ޔޫއެންޑަބްލިޔުޓީއޯގެ ތަފާސްހިސާބުތަކުން އެނގޭ ގޮތުގައި 2022 ވަނަ އަހަރުގެ ފުރަތަމަ ނުވަ މަސް ދުވަހު މޮރޮކޯއަށް ޒިޔާރަތްކުރީ އެގާރަ މިލިޔަން މީހުންނެވެ. އަރަބި ގައުމުތަކުގެ ތެރެއިން އެ މުއްދަތުގެ ތެރޭގައި އެންމެ ގިނަ ބަޔަކު ޒިޔާރަތްކުރީ ސައޫދީ އަރަބިޔާއަށެވެ. އެއީ 18 މިލިޔަން މީހުންނެވެ. ސައޫދީ އަރަބިޔާއަށް ޒިޔާރަތްކުރި މީހުންގެ ތެރޭގައި ގިނައީ ހައްޖާއި އުމްރާގެ އަޅުކަން ފުރިހަމަކުރަން ދިޔަ މީހުންނެވެ.

އަރަބި ގައުމުތަކުގެ ލިސްޓުން ދެވަނަ ލިބެނީ ޔުނައިޓެޑް އަރަބް އެމިރޭޓްސްއަށެވެ. ހުސްވި އަހަރުގެ ފުރަތަމަ ނުވަ މަސް ދުވަހު އެގައުމަށް ޖުމްލަ ފަނަރަ މިލިޔަން މީހުން ޒިޔާރަތްކުރިއެވެ. އޭގެތެރޭގައި މައިގަޑުގޮތެއްގައި ހިމެނެނީ ދުބާއީ އާއި އަބޫދާބީއަށް ޒިޔާރަތްކުރި މީހުންނެވެ. މި އަދަދުތަކަކީ އަހަރުގެ ފުރަތަމަ ތިން ކުއާޓަރުގެ އަދަދުތައް ކަމަށްވާތީ ވޯލްޑްކަޕް ބަލަން ގަތަރަށްދިޔަ މީހުން މީގެ ތެރެއަކު ނުހިމެނެއެވެ.

ޔޫއެންޑަބްލިޔުޓީއޯއިން ލަފާކުރާ ގޮތުގައި މިފެށުނު 2023 ވަނަ އަހަރަކީ ކޮވިޑުގެ ކުރިން ހުރި ހިސާބަށް މޮރޮކޯގެ ފަތުރުވެރިކަމުގެ ސިނާއަތް އުފުލިގެންދާނެ އަހަރެކެވެ. ކޮވިޑާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތައް އުވާލައި ބޯޑަރުތައް ހުޅުވައިލިފަހުން ދުނިޔޭގެ ނިސްބަތުންވެސް ފަތުރުވެރިކަމުގައި އެންމެ ބޮޑު ކުރިއެރުންތަކެއް ހޯދި އެއްގައުމަކީ މޮރޮކޯއެވެ.