ގަތަރުގައި މިއަހަރު ބޭއްވުނު ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގައި ފީފާއަށް އެންމެ ބޮޑު ފާޑުކިޔުމެއް އަމާޒުވި އެއްކަމަކީ ޕެނަލްޓީ ޝޫޓްއައުޓްތަކުގައި ބައެއް ގޯލްކީޕަރުންގެ ޗަރުކޭސް ހުއްޓުވުމަށް ފިޔަވަޅު ނޭޅުމެވެ. ވޯލްޑްކަޕް ނިމުމާއެކު ލަސްކުރުމެއްނެތި މި މައްސަލަ ހައްލުކުރުމަށް ފީފާއިން ވަނީ ފިޔަވަޅުތަކެއް އަޅައިފައެވެ. ދުނިޔޭގެ ފުޓްބޯޅައިގެ ގަވާއިދަށް އުނިއިތުރުގެނެސް އިސްލާހުކުރާ ފަރާތަކީ ފީފާގެ އިންޓަނޭޝަނަލް ފުޓުބޯލް އެސޯސިއޭޝަން ބޯޑް ނުވަތަ އިފާބްއެވެ. މި ބޯޑުން މިހާރު ވަނީ ޕެނަލްޓީ ޖަހާއިރު ކީޕަރާއި ކުޅުންތެރިޔާއާ ދެމެދު އެއްވެސް ގޮތަކަށް އަނގައިންވިޔަސް ހަރަކާތުންވިޔަސް މުއާމަލާތު ނުކުރެވޭނޭ ބީދަޔަކުން ގަވާއިދެއް ހަދައިފައެވެ. އެހެންވީމާ ޖަހަންދާ ކުޅުންތެރިޔާއަށްވެސް އަދި ކީޕަރަށްވެސް ނަފްސާނީ ގޭމް ކުޅޭކަށް ދެން ޖާގައެއް ނޯންނާނެއެވެ.
އާ ގަވާއިދު ބުނާގޮތުން ޕެނަލްޓީ ޖަހަންދާ ކުޅުންތެރިޔާ އޭރިއާ ތެރެއަށް ވަނުމަށްފަހު ޕެނަލްޓީ ޖެހުމާ ހަމައަށް ދެ ކުޅުންތެރިންގެ ހަރަކާތްތައް ނުހަނު ބޮޑަށް ބަލަންވާނެއެވެ. އަނގަބަހުން ވިޔަސް، ހަރަކާތުންވިޔަސް، ލޮލުގެ އިޝާރާތަކުން ވިޔަސް ބިރުދައްކައި ނަފްސާނީގޮތުން ބަލިކަށި ކުރުމަށް ކަމެއް ކުރޭތޯ ބަލަންވާނެއެވެ. ބޯޅަ ދުރަށް ޖަހައި ކޮންސެންޓްރޭޝަން ގެއްލުވައިލަން އުޅޭތޯ ބަލަންވާނެއެވެ. މިފަދަ އެއްވެސް އަމަލެއް ހިންގައިފިނަމަ ސީދާ ރަތެއް ދައްކަން ޖެހޭނެއެވެ. ގަވާއިދަށް ބަދަލުތަކެއް މި ގެނައީ މިފަހަރުގެ ތަށި އާޖެންޓީނާއަށް ހޯދައި ދިނުމުގައި އާޖެންޓީނާގެ ކީޕަރު އެމީލިއާނޯ މާޓިނެޒްގެ ހަރަކާތްތަކުން އިދިކޮޅު ކުޅުންތެރިންނަށް ނަފުސާނީގޮތުން އަސަރުކުރި ކަމަށް ވަރަށް ގިނަ ބަޔަކު ތުހުމަތު ކުރަމުންދަނިކޮށެވެ. މާޓިނެޒްއަކީ އާޖެންޓީނާގެ މިފަހަރުގެ ހީރޯއެވެ.
މާޓިނެޒް ވަނީ ކުއާޓާ ފައިނަލްގައި ހޮލެންޑާ ދެކޮޅަށް އަދި ފައިނަލްގައި ފްރާންސާ ދެކޮޅަށް ޕެނަލްޓީ މަތަކުރުމުގައި އާދަޔާ ހިލާފު ހުޝިޔާރު ކަމެއް ދައްކައިފައެވެ. އެކަމަކު އެކަންކުރީ ގޯލް ރޮނގުމަތީގައި ހުރެ ނަށައި ލަވަކިޔައި އިދިކޮޅު ކުޅުންތެރިންނަށް ނަފްސާނީގޮތުން އަސަރުކުރާ ކަހަލަ ކިތަންމެ ޗަރުކޭހެއް ދެއްކުމަށްފަހުގައެވެ. މިކަންތަކާ ގުޅިގެން ފައިނަލް މެޗުގައި އޭނާއަށް ރީނދޫކާޑެއްވެސް ދެއްކިފައިވެއެވެ. ވޯލްޑްކަޕް ކޮލިފައިން ޕްލޭއޮފްގައި ޕެރޫ އާއި އޮސްޓްރޭލިޔާ ކުޅުނު މެޗުގައި އޮސްޓްރޭލިޔާގެ ކީޕަރުގެ ފަރާތުންވެސް މި ހަރަކާތްތައް ވަރަށް ބޮޑަށް ފެނިގެންގޮސްފައިވެއެވެ. ޕެނަލްޓީ ޖަހައިގެން އެ މެޗުގައި ޕެރޫގެ މައްޗަށް ކުރިހޯދައި ވޯލްޑްކަޕުގެ ޖާގައެއް ހޯދީ އޮސްޓްރޭލިޔާއިންނެވެ. ޕެނަލްޓީ ޝޫޓްއައުޓްގައި އޮސްޓްރޭލިޔާ މޮޅުވީ ފަހެއް ހަތަރަކުންނެވެ.
އާ ގަވާއިދަށް އަމަލުކުރަން ފެށީމާ ޕެނަލްޓީ ޖެހުމުގެ ކުރިންވެސް އަދި ފަހުންވެސް ގޯލް ކުރިމަތީގައި ހުރެގެން ޑާންސެއް ނުކުރެވޭނެއެވެ. މިއީ މިހާރު ކީޕަރުންގެ ވަރަށް އާއްމު ކަމެކެވެ. ޕެނަލްޓީގެ ކުރިން ޑާންސް ކުރަނީ ޖަހަން ހުންނަ ކުޅުންތެރިޔާ ނަފްސާނީގޮތުން ބަލިކަށިކޮށްލުމަށްޓަކައެވެ. ޕެނަލްޓީ މަތަކުރުމަށްފަހު، ނުވަތަ ނާކާމިޔާބުވުމަށްފަހު ޑާންސް ކުރަނީ އުފާފާޅުކުރުމުގެ ގޮތުންނެވެ. އަދި ދެން އަންނަ ކުޅުންތެރިޔާގެ ރޫހު މަރައިލުމުގެ ގޮތުންނެވެ. އެނގިފައިވާ ގޮތުގައި އުފާފާޅުކުރުމުގެ ގޮތުންވިޔަސް ޑާންސްކުރުން އާ ގަވާއިދުގެ ދަށުން ވަނީ މަނާކުރެވިފައެވެ. އެކަމަކު އާ ގަވާއިދުގައި ބުނާ ވާހަކަތައް މުޅިން ޔަގީންވާނީ މިއަހަރުގެ މާޗު މަހުގެ ތެރޭގައި އަންނަ ބައިނަލްއަގުވާމީ ބްރޭކްގެ ކުރިން ފީފާއިން މި ގަވާއިދު އާއްމުކޮށް އިއުލާންކުރުމުންނެވެ.
ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގައި ޕެނަލްޓީ ޖެހުމަކީ އާ ކަމެއް ނޫނެވެ. ވަރަށް ޒަމާންވީ ކަމެކެވެ. އެހެންނަމަވެސް ޕެނަލްޓީގައި ކީޕަރުންގެ ޗަރުކޭސް އާދަޔާ ހިލާފު އުހަށް އުފުލިގެން ދިޔައީ ވަރަށް ފަހަކުންނެވެ. ޕެނަލްޓީ ޖަހައިގެން މީގެކުރިން ވޯލްޑްކަޕް ކާމިޔާބު ކުރި ޓީމުތަކުގެ ތެރޭގައި ބްރެޒިލް އާއި އިޓަލީ ހިމެނެއެވެ. މިފަހަރު އާޖެންޓީނާ ތަށި ހޯދީވެސް ޕެނަލްޓީ ޖަހައިގެންނެވެ. އެކަމަކު ކުރިން ތަށި ހޯދި ޓީމުތަކުގެ ކީޕަރުން ނުކުރާ ކިތަންމެ ކަމެއް، އަދި ނުކުޅޭ ކިތަންމެ މައިންޑް ގޭމެއް އާޖެންޓީނާގެ ކީޕަރު އެމީލިއާނޯ މާޓިނެޒްގެ ފަރާތުން ވަނީ ފެނިފައެވެ. އިނާމު ދިނުމުގެ ރަސްމިއްޔާތުގެ ތެރޭގައިވެސް ކުޅިވަރުގެ އަހުލާގުން ބޭރުގެ އަމަލުތަކެއް އޭނާގެ ފަރާތުން ވަނީ ފެނިގެން ގޮސްފައެވެ. މާޓިނެޒްއަކީ އިނގިރޭސިވިލާތުގެ ކުލަބެއްކަމަށްވާ އެސްޓަންވިލާގެ ގޯލްކީޕަރުވެސްމެއެވެ.
ދުނިޔޭގެ ފުޓުބޯޅައިގެ ގަވާއިދަށް އުނިއިތުރާއި އިސްލާހު ގެނައުމުގެ ބާރު ލިބިފައިވާ އިންޓަރނޭޝަނަލް ފުޓްބޯލް އެސޯސިއޭޝަން ބޯޑް ނުވަތަ އިފާބް އެކުލެވިގެންވަނީ ޖުމްލަ ފަސް އިދާރާއެއްގެ މައްޗަށެވެ. އެއީ އިންގްލެންޑް، ސްކޮޓްލެންޑް، ވޭލްސް، އަދި އުތުރު އަޔަލެންޑްގެ އެސޯސިއޭޝަންތަކާއި ފީފާއެވެ. ކުރިން ދެންނެވި ހަތަރު އެސޯސިއޭޝަނުގެ ތެރެއިން ކޮންމެ އެސޯސިއޭޝަނަކަށް އެއްވޯޓެވެ. ފީފާއަށް ހަތަރު ވޯޓެވެ. ފީފާއަކީ ކުރިން ދެންނެވި ހަތަރު އެސޯސިއޭޝަން ފިޔަވައި ދެން ފީފާގައި ހިމެނޭ 207 ގައުމީ އެސޯސިއޭޝަން ތަމްސީލުކުރާ ފަރާތެވެ. އިނގިރޭސި ހަތަރު އެސޯސިއޭޝަނަށް ވަކި ޚާއްސަ އިމްތިޔާޒުތަކެއް ލިބިފައިވަނީ ޒަމާނީ ފުޓްބޯޅަ ތައާރަފުކުރުމުގައި އެ ހަތަރު އެސޯސިއޭޝަނުގެ ދައުރު ފާހަގަކޮށް ބާރުވެރިކުރުމުގެ ގޮތުންނެވެ.