މިއަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ދޮޅު ލައްކައަށްވުރެ އިތުރުވެފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ހާމަކޮށްފިއެވެ.

މިނިސްޓްރީން އާއްމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން މިއަހަރުގެ ފުރަތަމަ 28 ދުވަހުގެ ތެރޭގައި ޖުމުލަ 155,886 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މިއީ ފާއިތުވި ދެ އަހަރުގެ ޖެނުއަރީ މަހުގެ ހިސާބުތަކާ އަޅައި ބަލާއިރު ރެކޯޑު އަދަދަކެވެ. އެގޮތުން މިދިޔަ އަހަރުގެ ޖެނުއަރީގައި 131,764 ފަތުރުވެރިން ޒިޔާރަތްކުރި އިރު، 2021 ވަނަ އަހަރު ޖެނުއަރީގައި ރާއްޖެއަށް ޒިޔާރަތްކުރީ 92,103 ފަތުރުވެރިންނެވެ.

ޓޫރިޒަމް މިނިސްޓްރީން މިހާތަނަށް އާއްމުކޮށްފައިވަނީ މިމަހުގެ 28 ވަނަ ދުވަހާ ހަމައަށް ފަތުރުވެރިން އައި އަދަދެވެ. ފަހުގެ އަޕްޑޭޓްތައް އަދި އާއްމުކޮށްފައި ނުވި ނަމަވެސް މިދުވަސްވަރު އެވްރެޖުކޮށް ދުވާލަކަށް 5,567 ފަތުރުވެރިން ރާއްޖެ އަންނަ ކަމަށް މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ. އެހެންކަމުން މި މަހުގެ ބާކީ ތިން ދުވަހާއެކު ފަތުރުވެރިންގެ އަދަދު 172,587 އަށްވުރެ އިތުރުވާނެ ކަމަށް ބެލެވެއެވެ.

ތަފާސްހިސާބުތައް ދައްކާ ގޮތުން މިމަހު އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ރަޝިއާ އިންނެވެ. އެ ގައުމުން މިހާތަނަށް 21,497 ފަތުރުވެރިން ރާއްޖެ އައިސްފައިވާ އިރު، އެއީ މާކެޓުގެ 13.8 ޕަސެންޓެވެ. ލިސްޓުގެ ދެވަނައިގައި އޮތް އިންޑިއާ އިން 17,004 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ އިރު، 14,995 ފަތުރުވެރިންނާއެކު ލިސްޓުގެ ތިންވަނައިގައި އޮތީ އިޓަލީއެވެ.

ކޮވިޑް-19 އާ ގުޅިގެން ތިން އަހަރުގެ މެދުކެނޑުމަކަށްފަހު ޗައިނާގެ ފަތުރުވެރިން މިއަހަރު ރާއްޖެ އަންނަން ފަށާފައިވާ އިރު، އެ ގައުމު މިހާރު އޮތީ ލިސްޓުގެ އަށްވަނައިގައެވެ. ޗައިނާއަކީ ކޮވިޑުގެ ކުރިން ރާއްޖޭގެ އެންމެ ޓޮޕް މާކެޓެވެ. ޗައިނާ ފަތުރުވެރިންގެ އަދަދުތައް އިތުރުވަމުން އަންނަ އިރު، މިމަހުގެ މިހާތަނަށް އެގައުމުން 5,390 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ.