ކުރީން ދިވެހިން ހީކުރަނީ ދުނިޔޭގައި އިންޓަނެޓް އެންމެ ސުލޯ ގައުމަކީ ދިވެހިރާއްޖެ ކަމަށެވެ. ވަކިވަކީން ރަށްތައް ހުރުމާއި އިންޓަނެޓް ދޭ ފައިބަރ ކޭބަލް ކަނޑު ހުރަސްކޮށް އަޅަންޖެހޭތީ ގިނަ ދިވެހީން ހީކުރަނީ މި ރާއްޖޭގައި ހަލުއި އިންޓަނެޓް ދިނުމަކީ ވާނެ ކަމެއް ނޫން ކަމަށެވެ. އެހެން ނަމަވެސް ޒަމާން ބަދަލުވެއްޖެއެވެ. މި ރާއްޖޭގެ ޓެލެކޮމިއުނިކޭޝަން ނެޓްވޯކްތައް ދުނިޔޭގެ ކުރިއަރާފައިވާ އެހެން ގައުމުތަކާ އެއްވަރުކޮށްފިއެވެ. އިންޓަނެޓްގެ ސުޕީޑްވެސް މިހާރު ހުރީ ދުނިޔޭގެ ކުރިއަރާފައިވާ އެހެން ގައުމުތަކާ އެއްހަމައެއްގައެވެ. އަގުވެސް ކުރީން ބޮޑު ކަމަށް ބުނި ފަރާތްތަކުން މިހާރު އެ ޝަކުވާއެއްވެސް ނުކުރެއެވެ.
ދިވެހިރާއްޖެއަކީ މި ސަރަހައްދުގެ އެހެން ގައުމުތަކާއި ހުރިހާ ގޮތަކުންވެސް ތަފާތު ވަސީލަތްތައް މަދު ބިންކުޑަ ގައުމެކެވެ. ކަނޑު ހުރަސްކޮށް ހުރިހާ ކަމެއް ގެންދަން ޖެހޭ ޖަޒީރާ ކުދި ރަށްތަކެއްގައި މީހުން ދިރިއުޅޭ ރާއްޖެއެކެވެ. ދިވެހީން އިންޓަނެޓް އަދި މޯބައިލް ބޭނުންކުރަންފެށި ފަހުންވެސް މާ ގިނަ އަހަރުތަކެއް އަދި ނުވެއެވެ. ރަށްތަކުގައި އެންޓަނާ ޖަހައިގެން ރޭންޖް ނުލިބޭ ވާހަކަ ގޮވި ޒަމާން އެއީ ދުރު މާޒީއެއް ނޫނެވެ. ފޯނު ހިފައިގެން ގަސްގަހަށް އެރި ބަޔަކުވެސް އެބަ ތިއްބެއެވެ. ކަރުތާ ފެނަށް މޫދަށް އެރިގެން ފޯނު ހިފައިގެން ރޭންޖް ހޯދަން ނުވަތަ ޑޭޓާ ލިބޭތޯ އުޅުނު މީހުންނާ މިހާރުވެސް ދިމާވެއެވެ.
އެކަމަކު އެ ހާލަތު ބަދަލުވެއްޖެއެވެ. ދިވެހީން މިއަދު މިތިބީ އިންޓަނެޓާއި މޯބައިލް ފޯނުގެވެސް އެންމެ ފަހުގެ އަދަދުތައް ހިފައިގެންނެވެ. 5 ޖީ ނެޓްވޯކް ރާއްޖޭގެ ބޮޑު އާބާދީއަކަށް ލިބޭއިރު 4ޖީ ނެޓްވޯކް ނުލިބޭ ރަށެއް މިހާރު ރާއްޖެއަކު ނެތެވެ. ބުރޯޑް ބޭންޑުގެ އިންޓަނެޓް ކުދި ރަށްތަކުގައި އެދަނީ ގެތަކަށް ވައްދަމުންނެވެ. ބޮޑެތި ހުރިހާ ރަށެއްގައި ކޮންމެ ގެއެއްގައި އެންމެ ޒަމާނީ ވައިފައި ރައުޓަރުތައް ހުރީ ހަރުކުރެވިފައެވެ. މިހާރު އިންޓަނެޓަކީ އެންމެ އަސާސީ އެއް ހިދުމަތް ކަމަށް ދިވެހީން ވެސް ބަލައިގެންފިއެވެ.
އެހެން ނަމަވެސް އަދިވެސް ބައެއް ދިވެހީން ގަބޫލު ކުރަނީ އެންމެ ސުލޯ އިންޓަނެޓް ލިބޭ ގައުމުތަކުގެ ތެރޭގައި މި ރާއްޖެ ހިމެނޭ ކަމަށެވެ. އެހެން ނަމަވެސް ދުނިޔޭގެ އެންމެ އިންޓަނެޓް ސުލޯ ގައުމަކީ ރާއްޖެއެއް ނޫނެވެ. އެ ލިސްޓުގައި މި ދިވެހިރާއްޖެ ނުވެސް ހިމެނެއެވެ. ދުނިޔޭގެ އެންމެ ލަސް އިންޓަނެޓް ލިބޭ ގައުމަކީ އޭޝިޔާ ބައްރުގެ ގައުމެއް ކަމަށްވާ ތުރުކްމެނިސްތާނެވެ. އެ ގައުމުގެ އިންޓަނެޓް ސުޕީޑް އުޅެނީ އަދިވެސް އެންމެ އެމްބީ އަކަށްވުރެވެސް ދަށުގައެވެ. އާންމު ސުޕީޑަކީ 0.5 އެމްބީޕީއެސް އެވެ.
އެމެރިކާ ބައްރުގެ ގައުމު ތަކުގެ ތެރެއިން އިންޓަނެޓް އެންމެ ލަސް ގައުމަކީ ބޮލީވިއާއެވެ. 7.5 އެމް.ބީ.ޕީއެސްގެ ސުޕީޑް ލިބޭ މި ގައުމަކީ އެމެރިކާ ބައްރުގެ އެންމެ ފަގީރު ގައުމުތަކުގެ ތެރޭގައި ހިމެނޭ ގައުމެކެވެ. ހޮންޑިއުރެސް އަކީ ވެސް މި ލިސްޓުން ޖާގަ ހޯދާ ސައުތު އެމެރިކާގެ ގައުމެކެވެ.
ގިނަ ބަޔަކަށް ހީކުރެވޭ ގޮތުގައި ޔޫރަޕްގެ ގައުމުތަކަކީ ހުރިހާ ކަމެއްގައިވެސް ކުރިއަރާފައިވާ ގައުމުތަކެކެވެ. އެހެން ނަމަވެސް އިންޓަނެޓް ސުޕީޑް މި ގައުމު ތަކުގައިވެސް އާންމުކޮށް ހުރީ މި ރާއްޖެއަށްވުރެ އެތައް ގުނައެއް ދަށުގައެވެ. އާންމު އިންޓަނެޓް ލިބޭ ސުޕީޑް ހުރީ 13.5 އެމްބީގައެވެ. އެހެން ކަމުން ދިވެހިން މިހާރު ބޭނުން ކުރާ އިންޓަނެޓް ސުޕީޑް މި ހުރިހާ ގައުމުތަކަށްވުރެ އެތައް ގުނައެއް މިހާރުވެސް މަތިވެއްޖެވެ.
ދުނިޔޭގެ އެންމެ ފަގީރު ގައުމުގައި އިންޓަނެޓްގެ ސުޕީޑް ހުރީ 1.5 އެމް.ބީ.ޕީއެސް ގައެވެ. އެހެން ކަމުން އެފްރިކާ ބައްރުގައި އޮތް އިތިއޯޕިއާއަށް ވުރެ އޭޝިޔާ ބައްރުގައި އޮތް ތުރުކްމެނިސްތާންގެ ސުޕީޑް ދަށްވުމުން ސާފުވާ ކަމަކީ އިންޓަނެޓްގެ ސުޕީޑް މަތިވުމާއި ގައުމުގެ ފަގީރުކަމާވެސް މާބޮޑު ގުޅުމެއް ނެތްކަމެވެ.