ސްނޯކްލިންއަށް ދިޔަ ދިވެހި ޒުވާނަކު މަރުވެއްޖެއެވެ.
"ވަން" އަށް ކަށަވަރުވެފައިވާ ގޮތުގައި މަރުވެފައިވަނީ ރ. އިނގުރައިދޫ، ނިޝާހު އަބްދުލްގަފޫރެވެ. ނިޝާހު މަރުވީ އޭނާ މަސައްކަތްކުރާ މާފުށިވަރު ރިސޯޓު ކައިރިއަށް ސްނޯކްލިންއަށް ގޮސް އުޅެނިކޮށެވެ.
ނިޝާހަކީ 2018 ވަނަ އަހަރު އިނގުރައިދޫގައި މޫދަށް އެރި އުޅުނު ކުއްޖެއްގެ ފުރާނަ ސަލާމަތްކުރި ސްކައުޓެކެވެ. އެކަމުގެ އަގުވަޒަންކުރުމުގެ ގޮތުން ސަރުކާރުން ވަނީ ނިޝާހަށް 2019 ވަނަ އަހަރު ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އިނާމުވެސް ދީފައެވެ.
އިނގުރައިދޫ ކައުންސިލުން އެ ޒުވާނާ މަރުވިކަން "ވަން"އަށް ކަށަވަރުކޮށްދިން ނަމަވެސް، އޭނާ މަރުވީ ކިހިނެއް ކަމެއް ޔަގީން ނުވާ ކަމަށް ވަނީ ބުނެފައެވެ.
ފުލުހުން މިރޭ ބުނީ މާފުށިވަރު މޯލްޑިވްސް ރިސޯޓުގައި ބޮއެ އަޅަން މޫދަށް ފައިބާ އުޅުނު 18 އަހަރުގެ ފިރިހެނަކު ހާލު ދެރަވެގެން ހޮސްޕިޓަލަށް ގެންދާކަމުގެ މައުލޫމާތު މިރޭ 6:54 ހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށާއި އޭނާއަށް މަހިބަދޫ ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް މަރުވެފައިވާ ކަމަށް ހޮސްޕިޓަލުން ފުލުހުންނަށް މައުލޫމާތުދީފައިވާ ކަމަށެވެ.
އެ ހާދިސާއާ ގުޅިގެން އިތުރަށް ބަލަން ޖެހޭ ކަންކަން ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.