ސަރުކާރުން ތަރައްގީކުރަން ނިންމާފައިވާ ބ. ތުޅާދޫ، ށ، ބިލެތްފަހި، ތ. ވިލުފުށި އަދި ހދ. މަކުނުދޫ އެއާޕޯޓުތަކަށް ބޭނުންވާ ބިން ހިއްކަން ތިން ބިޑެއް ހުށަހަޅާފައިވާ ކަމަށް ހައުސިން މިނިސްޓްރީން ބުނެފިއެވެ.
ހައުސިން މިނިސްޓްރީން ބުނީ އެ ހަތަރު ރަށުގެ އެއާޕޯޓުގެ ބިން ހިއްކަން ތިން ބިޑެއް މިދިޔަ ބުރާސްފަތި ދުވަހު ފިނޭންސް މިނިސްޓްރީއަށް ހުށަހަޅާފައިވާ ކަމަށެވެ. ބިޑުތައް އިވެލުއޭޓް ކުރުމުގެ މަސައްކަތް ފިނޭންސް މިނިސްޓްރީއާ ގުޅިގެން އެ މިނިސްޓްރީން ކުރަމުންދާ ކަމަށްވެސް ބުންޏެވެ.
ތުޅާދޫ، ބިލެތްފެހި، ވިލުފުށި އަދި މަކުނުދޫގެ އެއާޕޯޓުގެ ބިން ހިއްކަން ހުށަހަޅާފައިވާ ބިޑުތަކުގެ އިވެލުއޭޝަން މަސައްކަތް ކުރިއަށްދާކަން މިނިސްޓްރީން ހާމަކޮށްފައިވާ އިރު، ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ އަމަލީ މަސައްކަތް ފެށުމަށް މިމަހުގެ 19 ވަނަ ދުވަހުގެ ރޭ ހަނިމާދޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ މަކުނުދޫ، ބިލެތްފަހި، ތުޅާދޫ، އަދި ވިލުފުށީ އެއާޕޯޓް ހަދަން ފައިސާ ހޯދިއްޖެ ކަމަށާއި މަސައްކަތް ކުރާނެ ބަޔަކު ހޯދުމަށް ނީލަމަށް ހުޅުވާލެވިފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތީ މަސައްކަތް ފެށުން ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
އެ ހަތަރު ރަށުގެ އިތުރުން ފ. މަގޫދޫ އާއި ރ. އަތޮޅު ދެކުނުބިތް (ރަށް އަދި ކަނޑައެޅިފައެއް ނުވޭ) ގައިވެސް އެއާޕޯޓް ތަރައްގީކުރަން ވަނީ ހުޅުވާލައިފައެވެ.
"ކްރޮސް ސަބްސިޑީގެ ގޮތުގައި ފަތުރުވެރިކަމުގެ ބޭނުމަށް ރަށް، ބިން ނުވަތަ ފަޅު ކުއްޔަށް ދިނުމާބެހޭ ގަވާއިދު"ގެ ދަށުން ހަ ސަރަހައްދެއްގައި ޑޮމެސްޓިކް އެއާޕޯޓް ތަރައްގީކުރުމަށް ނުވަތަ ތަރައްގީ ފައިނޭންސް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން އެކްސްޕްރެޝަން އޮފް އިންޓްރެސްޓް ނުވަތަ ޕްރޮޕޯސަލް ހުށަހެޅުމަށް ހުޅުވާލާފައިވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުއެވެ.
އެއާޕޯޓު ތަރައްގީކުރުމުގެ މަސައްކަތަށް ޝައުގުވެރިކަން ފާޅުކުރުމުގައާއި ފައިނޭންސްކުރުމަށް އެންމެ ދަށްވެގެން ހުށަހެޅޭނެ އަދަދަކީ ތިން މިލިއަން ޑޮލަރެވެ. އަދި އެއިން ކޮންމެ އެއާޕޯޓެއްގެ ބަދަލުގައި ރިސޯޓު ތަރައްގީކުރުމަށް ރަށްތައް އެ ކުންފުންނިތަކަށް ދޫކުރާނެއެވެ. އެ ކުންފުނިތަކަށް ދޫކުރަން ހަމަޖެހިފައިވާ ރަށްތަކުގެ މައުލޫމާތު އަދި ސަރުކާރުން ހާމަކޮށްފައެއް ނުވެއެވެ.