މިދިޔަ އަހަރު ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް ސާފު ފައިދާގެ ގޮތުގައި 1.48 ބިލިއަން ރުފިޔާ ލިބިއްޖެއެވެ.
ބީއެމްއެލުން މިއަދު ބުނީ މިދިޔަ އަހަރުގެ އެންމެ ފަހު ކުއާޓާގައި ޓެކްސްއަށް ކެނޑުމަށްފަހު ފައިދާގެ ގޮތުގައި 212 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށާއި އަދި ހިންގުމުގެ ފައިދާގެ ގޮތުގައި 489 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށެވެ.
މިދިޔަ އަހަރު ޓެކުހަށް ކެނޑުމަށްފަހު ފައިދާގެ ގޮތުގައި ބޭންކަށް ވަނީ 1.48 ބިލިއަށް ރުފިޔާ ލިބިފައެވެ. އެ ނަތީޖާ ހާސިލު ކުރެވިފައިވަނީ ހުރިހާ ދާއިރާއަކުންވެސް ލިބިފައިވާ ކުރިއެރުންތައް ދެމެހެއްޓިގެން ކަމަށް ބީއެމްއެލުން ބުންޏެވެ.
މިދިޔަ އަހަރު ބޭންކުގެ އެސެޓަށް ގާތްގަނޑަކަށް ތިން ބިލިއަން ރުފިޔާ އިތުރުވެފައިވާ އިރު، ކަސްޓަމަރުން ޑިޕޮސިޓްކޮށްފައިވާ އަދަދަށް 1.8 ބިލިއަން ރުފިޔާ އިތުރުވެފައިވާ ކަމަށްވެސް ބީއެމްއެލުން ބުންޏެވެ. އަދި މިދިޔަ އަހަރު އާންމު ފަރުދުންނާއި ވިޔަފާރިތަކަށް 4.3 ބިލިއަން ރުފިޔާގެ އާ ލޯނު ދޫކޮށްފައިވާ އިރު، ބޭންކުގެ ރައުސްމާލާއި ލިކުއިޑިޓީ ރޭޝިއޯ ގާނޫނުން ލާޒިމުކުރާ މިންވަރަށް މަތީގައި ހިފެހެއްޓިފައިވާ ކަމަށްވެސް ބީއެމްއެލުން ބުންޏެވެ.
ބޭންކުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ކާލް ސްޓުމްކަ ވިދާޅުވީ މިދިޔަ އަހަރުގެ ހަތަރުވަނަ ކުއާޓާގައި ހާސިލުކުރެވިފައިވާ ހަރުދަނާ ނަތީޖާއަށް ފަހު، މިއަހަރުގެ ސްޓްރެޓަޖީގައި ހިމެނޭ ލަނޑުދަނޑިތައް ހާސިލުކުރުމަށް ނުހަނު އިސްކަމެއްދެއްވައިގެން މަސައްކަތް ކުރައްވަމުންގެންދަވާ ކަމަށެވެ.
"2022 ވަނަ އަހަރަކީ ބޭންކަށް ވަރަށްވެސް ހާއްސަ އަހަރެއް. އެއީ ބޭންކަށް 40 އަހަރު ފުރުން ފާހަގަކުރި އަހަރު. ބޭންކުގެ 40 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ކޮންމެ މަހަކު ހަރަކާތެއް ހިންގައި، ޖުމުލަ 12 ހަރަކާތެއް މިވަނީ ހިންގާފައި. މިއީ އަޅުގަނޑުމެންގެ ކަސްޓަމަރުންނާއި މުޖުތަމައަށާއި މުވައްޒަފުން ހިމެނޭހެން އެ ފަރާތްތަކަށް އެހީތެރިވުމަށް އެކި ދާއިރާތަކަށް އަމާޒުކޮށްގެން، ހިންގުނު ބޭނުންތެރި އަދި މުހިންމު ހަރަކާތްތަކެއް. މީގެ ތެރޭގައި ތައުލީމާއި ތިމާވެށީގެ އިތުރުން ސިއްހީ ދާއިރާ ހިމެނޭ،" ކާލް ސްޓުމްކަ ވިދާޅުވިއެވެ.
މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާއެކު ބީއެމްއެލުން ވަނީ މިހާތަނަށް 20 އަތޮޅެއްގައި ބޭންކުގެ 35 ބްރާންޗާއި 84 ސެލްފް ސާވިސް ބޭންކިން ސެންޓަރާއި 7،900 ޕޮއިންޓް އޮފް ސޭލް މާޗަންޓުންނާއި 142 އޭޓީއެމްގެ އިތުރުން 200 އަށްވުރެ ގިނަ ކޭޝް އޭޖެންޓުންގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިން ހިދުމަތް ތާއާރަފުކޮށްފައެވެ.