ރ. ފުއްގިރި ވިއްކާލައިގެން ރިޝްވަތުގެ ގޮތުގައި ފައިސާ ހޯދައި، އެ ފައިސާ ލޯންޑާކުރި ކަމުގެ ތުހުމަތުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބުދުލްގައްޔޫމުގެ މައްޗަށް ހިންގާ ޝަރީއަތުން އޭނާ ތަނާޒުލްވެވަޑައިގަންނަވަން ޖެހޭ ސަބަބެއް ނެތް އެ މައްސަލަ ބައްލަވާ ކްރިމިނަލް ކޯޓުގެ ގާޒީ އަލީ ނަދީމް ވިދާޅުވެއްޖެއެވެ.
ފުއްގިރި މައްސަލަ ބައްލަވާ ގާޒީ އަލީ ނަދީމަކީ، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރެއްވި ބޭފުޅެއްކަން ފާހަގަކުރައްވައި ޔާމީންގެ ދިފާއީ ވަކީލުން ވަނީ، ގާޒީ އަލީ ނަދީމް މި މައްސަލައިން ތަނާޒުލްވެވަޑައިގަތުމަށް އެދިވަޑައިގެންފައެވެ.
އެ މައްސަލައިގައި މިއަދު ކްރިމިނަލް ކޯޓުގައި ކުރިއަށްގެންދިޔަ އަޑުއެހުމުގައި ގާޒީ އަލީ ނަދީމް ވިދާޅުވީ، މި މައްސަލައިން ތަނާޒުލްވެވަޑައިގަންނަވަން ޖެހޭ ފަދަ ސަބަބެއް ނެތް ކަމަށެވެ. އެގޮތުން އެ މައްސަލައިގެ ތަހުގީގު މަރުހަލާއިން ފެށިގެން، ދައުވާ ހުށަހެޅުމަށްފަހުވެސް މައްސަލައާ ގުޅޭ ކަމެއްގައި އޭނާގެ އެއްވެސް ބައިވެރިވުމެއް ނޯންނާނެ ކަމަށް ވިދާޅުވިއެވެ.
ގާޒީ ވިދާޅުވީ، އަދީބުގެ މައްޗަށް ކުރެވޭ އެއްވެސް ޖިނާއީ ކުށަކާ ގުޅިގެން ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރައްވާފައި ނުވާނެ ކަމަށާއި ފުއްގިރި މައްސަލައިގައި އަދީބު ހެކިބަސް ދެއްވާ ނަމަވެސް، މައްސަލަ ނިމިގެންދާ ގޮތުން އަދީބުގެ މަސްލަަހަތަކަށް އަސަރެއް ނޯންނާނެ ކަމަށެވެ.
މިއަދުގެ އަޑުއެހުމުގައި ގާޒީ ނަދީމް ވަނީ ފުއްގިރި މައްސަލައިގެ ހަސްމުންގެ ހުށައެޅުންތަކާ ގުޅިގެން ޝަރީއަތުން ސާފުކުރަން ބޭނުންވާ ބައެއް ކަންކަން ސާފު ކުރައްވައިފައެވެ.
މި މައްސަލައިގެ އަޑުއެހުމެއް ދެން އޮންނާނީ އަންނަ މަހުގެ 14 ވަނަ ދުވަހުގެ 13:00 ގައެވެ. އެ ދުވަހުގެ އަޑުއެހުމުގައި އޮންނާނީ ހެކި ރައްކާތެރިކުރުމުގެ އަމުރުތަކާއި ޝަރީއަތުގެ ކުރީގެ ހުށަހެޅުންތަކަށް ގޮތް ނިންމުމެވެ.
ފުއްގިރި މައްސަލައިގައި މއ. ކުރިކީލަހިޔާ އަހުމަދު ކްރިކް ރިޒާގެ މައްޗަށާއި ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން އަދި ސަން އިންވެސްޓްމަންޓްގެ މައްޗަށްވެސް ވަނީ ދައުވާކޮށްފައެވެ. ރިޒާގެ މައްޗަށް ކޮށްފައި ވަނީ ރިޝްވަތު ހިފުމުގައި މެދުވެރިއަކަށް ވުމުގެ ދައުވާ އާއި މަނީލޯންޑަރިންގެ ދައުވާއެވެ. އަދި ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން އަދި ސަން އިންވެސްޓްމަންޓްގެ މައްޗަށްވެސް ކޮށްފައިވަނީ މަނީ ލޯންޑަރިންގެ ދައުވާއެވެ.
ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ބުނެފައިވާ ގޮތުން، ޔާމީން ވަނީ މަގާމުގެ ނުފޫޒު ބޭނުންކުރައްވައިގެން އަހުމަދު ކްރިކް ރިޒާ މެދުވެރިކޮށް ރިޝްވަތުގެ ގޮތުގައި 1،117،000 އެމެރިކާ ޑޮލަރު ހޯދައި ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން އާއި ސަން އިންވެސްޓްމެންޓް ބޭނުންކޮށްގެން އެ ފައިސާ ލޯންޑާކުރުމަށްޓަކައި ފަށަލަކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު