ޚަބަރު

އެމްޑީޕީއާ ދޫކޮށް ނުދާނަން، ފިކުރެއްގެ ދިރުމަށް 50،000 މެންބަރުން ހަމަކުރަންޖެހޭ: ނަޝީދު

އެމްޑީޕީއާ ދުރަށް ދިއުމުގެ އެއްވެސް ވިސްނުމެއް ނުގެންގުޅުއްވާ ކަމަށާއި "ފިކުރެއްގެ ދިރުންް"ގެ ގޮފިތަކަށް 50،000 މެންބަރުން ހަމަކުރަންޖެހޭ ކަމަށް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ނާކާމިޔާބުވި އެ ޕާޓީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ޕްރައިމަރީއަށްފަހު ފުރަތަމަ ފަހަރަށް ކެމްޕެއިން ޓީމުތަކާ ބައްދަލުކުރެއްވުމަށް ކާނިވާ ސަރަހައްދުގައި ހުންނަ "ދޮންމަނިކު ސްކައިވިއު" ގައި ބޭއްވި މެންދުރުގެ ފަރީއްކޮޅަކަށްފަހު ރައީސް ނަޝީދު ވިދާޅުވީ، "ފިކުރެއްގެ ދިރުން"ގެ ބައިވަރު ގޮފި ރަށްރަށުގައި އުފައްދަންޖެހޭ ކަމަށެވެ.

"ކޮންމެ ރަށެއްގައިވެސް އަދި ކޮންމެ ތަނެއްގައިވެސް މި ފިކުރުގެ ބައިވަރު ގޮފި އަޅުގަނޑުމެން އުފައްދައި 50،000 މީހުން އަޅުގަނޑުމެންގެ ފިކުރުގައި އެއް ގޮތްޕެއްގައި ތިބޭނެ ގޮތް ޖެހޭ އިންތިޒާމުވާން،" ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ، އެ މަނިކުފާނު ދަންނަ ހަމައެކަނި ސިޔާސީ ޕާޓީއަކީ އެމްޑީޕީ ކަމަށާއި އެމްޑީޕީއަކީ ރޫޅޭނެ އަދި ބަލިވާނެ ޕާޓީއެއްވެސް ނޫން ކަމަށެވެ. އަދި އެ މަނިކުފާނު އެމްޑީޕީއާ ދުރަށް ވަޑައިނުގަންނަވާނެ ކަމަށްވެސް ވިދާޅުވިއެވެ.

އެ މަނިކުފާނު އިތުރަށް ވިދާޅުވީ، އެމްޑީޕީގެ ތެރޭގައި ފިކުރެއްގެ ދިރުމަށް އިންތިޒާމު ވެވޭނެ ކަމަށާއި ޕާޓީގެ އުސޫލުތަކާއި ރޫހުވެސް އެކަމަށް ޖާގަދޭނެ ކަމަށެވެ.

"އަޅުގަނޑުމެންގެ ފިކުރެއްގެ ދިރުމުގެ ގޮފި އެމްޑީޕީގެ ތެރޭގައި ހެދުން ހުއްޓުވޭނެ އެއްވެސް ގޮތެއްވެސް ނޯންނާނެ. އެއީ އަޅުގަނޑުމެން އަމިއްލައަށް ހިންގާ އަޅުގަނޑުމެންގެ ތަސައްވަރެއް،" ނަޝީދު ވިދާޅުވިއެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ބަލި ރައީސް ނަޝީދު ގަބޫލުކުރެއްވި ނަމަވެސް ރައީސް ސޯލިހުގެ ފަހަތްޕުޅަށް އެމަނިކުފާނު އަރައިވަޑައިގެންފައެއް ނުވެއެވެ. ވިދާޅުވި ގޮތުގައި އެ މަނިކުފާނު ތާއީދުކުރައްވާނެ ކެންޑިޑޭޓެއް ކަނޑައަޅުއްވާނީ ފަހުންނެވެ. އަދި ރިޔާސީ އިންތިހާބުގެ ކުރިން ބަރުލަމާނީ ނިޒާމަށް ރާއްޖޭގެ ވެރިކަން ބަދަލުކުރަން އެއްބަސްވާ ކެންޑިޑޭޓަކަށް ތާއީދުކުރަން ފަސޭހަވާނެ ކަމަށްވެސް ވިދާޅުވިއެވެ.