އެލައިޑް އިންޝިއުރެންސް ކުންފުނީގެ 38ވަނަ އަހަރީ ދުވަހާ ގުޅިގެން ފުލުހުން ހިންގާ "ރައްކާ" ޕްރޮގްރާމަށް 100 ހެލްމެޓް ހަދިޔާކޮށްފިއެވެ.
ރައްކާ ޕްރޮގްރާމަކީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް އާއްމުން ހޭލުންތެރިކޮށް މަގުމަތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ހިންގަމުން އަންނަ ޕްރޮގްރާމެކެވެ. 2015 ވަނަ އަހަރުން ފެށިގެން ކުރިއަށްގެންދާ އެ ޕްރޮގްރާމްގެ ހަރަކާތްތައް މާލެއާއި އަތޮޅުތެރޭގައިވެސް އަންނަނީ ހިންގަމުންނެވެ.
އެލައިޑް ހެޑް އޮފީހުގައި މިއަދު ބޭއްވި ޕްރެސް ކޮންފަރެންސެއްގައި އެ ހެލްމެޓްތައް ފުލުހުންނާ ހަވާލުކޮށްދެއްވީ އެ ކުންފުނީގެ ޖެނެރަލް މެނޭޖަރު އިބްރާހިމް ފިރުޝާނެވެ. ފުލުހުންގެ ފަރާތުން ހެލްމެޓުތަކާ ހަވާލުވެވަޑައިގެންނެވީ ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް އަަހުމަދު ފަސީހެވެ.
ނޫސްވެރިންނާ ވާހަކަދައްކަވަމުން ފަސީހު ވިދާޅުވީ އެލައިޑަކީ 2015 ވަނަ އަހަރުން ފެށިގެން ރައްކާގެ ހުރިހާ ޕްރޮގްރާމެއްގައި މުހިންމު ދައުރެއް އަދާކުރަމުން އަންނަ ކުންފުންޏެއް ކަމަށާއި އެ ޕްރޮގްރާމަށް އެލައިޑުގެ ފަރާތުން އެކި ގޮތްގޮތުން އެހީތެރިކަން ލިބެމުންދާ ކަމަށެވެ. އަދި އެ ޕްރޮގްރާމުގެ ސަބަބުން މުޖުތަމައު ތެރެއިން ރަނގަޅު ބަދަލުތައް ފެންނަމުން އަންނަ ކަމަށާއި މި އަހަރުވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހޭލުންތެރިކަމުގެ އެކި ޕްރޮގްރާމުތައް ބޭއްވުމަށް ރާވަމުން އަންނަ ކަމަށް ވިދާޅުވިއެވެ.
ފަސީހު ވިދާޅުވީ ރައްކާ ޕްރޮގްރާމުގެ ދަށުން މިދިޔަ އަހަރު އެކަނިވެސް މާލެއާއި އަތޮޅުތެރޭގައި 30ހަށްވުރެ ގިނަ ހަރަކާތް ހިންގާފައިވާނެ ކަމަށާއި އޭގެ ތެރެއިން ގިނަ ހަރަކާތްތައް ހިންގާފައިވަނީވެސް އަތޮޅުތެރޭގައި ކަމަށެވެ. އަދި އެލައިޑުން ހަދިޔާކުރި ހެލްމެޓްތައް މި އަހަރު ހިންގަން ރާވާފައިވާ ޕްރޮގްރާމުތަކުގެ ތެރެއިން ރަށްރަށުގައި ހިންގާ ހަރަކާތްތަކުގައި ބައިވެރިވާ ފަރާތްތަކަށް ހަދިޔާ ކުރާނެ ކަމަށް ފަސީހު ވިދާޅުވިއެވެ.
އެލައިޑުގެ އަހަރީ ދުވަހާ ގުޅިގެން އެ ކުންފުނިން ވަނީ އިތުރު ހަރަކާތްތަކެއްވެސް ހިންގަން ރާވައިފައެވެ. އެގޮތުން މިއަދު ކަޕް ކޭކް ބެހުމުގެ ހަރަކާތެއް ހިންގަން ރާވާފައިވާއިރު، އެލައިޑުގެ ފްރަންޓް އޮފީހުން އެންމެ ފުރަތަމަ ހިދުމަތް ހޯދާ 38 ކަސްޓަމަރުންނަށް އެލައިޑުގެ މި އަހަރުގެ ކަލަންޑަރު ހަދިޔާ ކުރުމަށްވެސް ވަނީ ރާވައިފައެވެ.
އޭގެ އިތުރުން ފެބްރުއަރީން ފެށިގެން އެލައިޑް މޮޓޯ ކޮންޕްރެހެންސިވް އިންޝިއުރެންސް ކުރާ ފުރަތަމަ 140 ކަސްޓަމަރުންނަށް ހިލޭ ހެލްމެޓު ދިނުމަށްވެސް އެލައިޑުން ވަނީ ނިންމައިފައެވެ. މި ކޮންޕްރެހެންސިވް އިންޝިއުރެންސްގެ ދަށުން ގާނޫނުން ލާޒިމްކުރާ ތާޑް ޕާޓީ އިންޝިއުރެންސްއާއި އަމިއްލަ އުޅަނދަށް އެކި ގޮތްގޮތުން ލިބޭ ގެއްލުންވެސް ކަށަވަރުކޮށްދޭނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު