މަތިއުތުރު ޕްރޮވިންސްގައި ހިމެނޭ ރަށެއްގައި ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި އުމުރުން ދުވަސްވީ މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން މީޑިއާތަކަށް މިއަދު ފޮނުވި މެސެޖެއްގައި ބުނީ، މަތި އުތުރު ޕްރޮވިންސްގައި ހިމެނޭ ހއ. ހދ. އަދި ށ. އަތޮޅުގެ ރަށެއްގައި އުމުރުން 13 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ މައްސަލައެއް މިދިޔަ ޑިސެމްބަރު މަހުގެ 28 ވަނަ ދުވަހު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.
ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން 60 އަހަރުގެ ދިވެހި ފިރިހެނަކު ކޯޓު އަމުރެއްގެ ދަށުން ރޭގެ ވަގުތެއްގައި ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށްވެސް ބުންޏެވެ.
ކުޑަކުދިންނާ ގުޅޭ މިފަދަ މައްސަލަތަކަކީ ފުލުހުން ވަރަށް ސީރިއަސްކޮށް ބަލަމުންދާ މައްސަލަތައް ކަމުން އެފަދަ މައްސަލަތަކުގައި ހިމެނޭ ކުދިންގެ ވަނަވަރު އާންމުވެދާނެތީ އަތޮޅާއި ރަށް ފުލުހުން ހާމައެއް ނުކުރެއެވެ.