ޚަބަރު

ބަރުލަމާނީއަށް ބަދަލުކުރަން އެއްބަސްވާ ކެންޑިޑޭޓަކަށް ތާއީދުކުރަން ފަސޭހަވާނެ: ނަޝީދު

އަންނަ ސެޕްޓެމްބަރު މަހު ބާއްވަން ނިންމާފައިވާ ރިޔާސީ އިންތިހާބުގެ ކުރިން ބަރުލަމާނީ ނިޒާމަކަށް ރާއްޖޭގެ ވެރިކަން ބަދަލުކުރަން އެއްބަސްވެވަޑައިގަންނަވާ ކެންޑިޑޭޓަކަށް ތާއީދުކުރަން ފަސޭހަވާނެ ކަމަށް އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ނަތީޖާ އިއުލާނުކުރިތާ 24 ގަޑިއިރަށް ވުރެ ފަހުން ބަލި ގަބޫލުކުރެއްވިކަން އިއުލާންކުރައްވައި އެމްޑީޕީގެ މަޖިލިސް މެންބަރުން ތިއްބަވާ ވަސްޓްއަޕް ގްރޫޕަކަށް ރައީސް ނަޝީދު ފޮނުއްވި މެސެޖެއްގައި ވަނީ، "ފިކުރެއްގެ ދިރުން" ގެ ނަމުގައި ވަކި ސިޔާސީ ހަރަކާތެއް ކުރިއަށް ގެންދަވަން ހުށަހަޅުއްވައިފައެވެ.

އެ މަނިކުފާނު ވިދާޅުވި ގޮތުގައި އެ ހަރަކާތުގެ ދަށުން އެމްޑީޕީގެ ގޮފިތައް ހުރިހާ ރަށެއްގައި އަލުން ހަދައި، ޕާޓީން ކަނޑާލި ކަމަށް ބުނާ 39،000 އަށްވުރެ ގިނަ މީހުން އަލުން ޕާޓީއާ ގުޅި، އެ މީހުންނާއެކު އެ ހަރަކާތުން ތާއީދުކުރާ ކެންޑިޑޭޓަކު ކަނޑައަޅާނީއެވެ. އަދި ރިޔާސީ އިންތިހާބުގެ ކުރިއަށް ބަރުލަމާނީ ނިޒާމަށް ވެރިކަން ބަދަލުކުރުމަށް އެއްބަސްވާ ކެންޑިޑޭޓަކަށް ތާއީދުކުރަން ފަސޭހަވާނެ ކަމަށްވެސް ވިދާޅުވިއެވެ.

ރައީސް ނަޝީދަކީ އަބަދުވެސް ބަރުލަމާނީއަށް ތާއީދުކުރައްވާ ބޭފުޅެކެވެ. ރާއްޖެއަށް ބަރުލަމާނީ ނިޒާމު ގެނައުމަށް ފެންނަ ނުފެންނަ ވޯޓެއް ނެގުމަށްވެސް އެ މަނިކުފާނު މަސައްކަތް ކުރެއްވިއެވެ.

ބަރުލަމާނީއަށް ބަދަލުކުރަން އެއްބަސްވާ ކެންޑިޑޭޓަކަށް ތާއީދުކުރަން ފަސޭހަވާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވެފައިވާއިރު، ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީން ފިޔަވައި ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވާފައިވާ ހުރިހާ ކެންޑިޑޭޓުންވެސް ތާއީދުކުރައްވަނީ ރިޔާސީ ނިޒާމަށެވެ.

ރައީސް ޔާމީން ވިދާޅުވެފައިވާ ގޮތުގައި ޕާސަނަލީ އެ މަނިކުފާނަށް އެންމެ ކަމުދަނީ ބަރުލަމާނީ ނިޒާމެވެ. ނަމަވެސް ރާއްޖޭގެ ހާލަތު އޮތް ގޮތުން ރާއްޖޭގައި އަދި ކުރިއަށް ގެންދެވޭނީ ރިޔާސީ ނިޒާމެއް ކަމަށް އެ މަނިކުފާނު ވިދާޅުވެފައިވެއެވެ.