އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ އިންތިހާބު ކުރިއަށްދިޔަ ވަގުތު ވޯޓުލާ މަރުކަޒުތަކުގައި ހަމަނުޖެހުން ހިންގި މައްސަލައިގައި ހައްޔަރުކުރި އެންމެން ދޫކޮށްލައިފިއެވެ.
ގދ. ރަތަފަންދޫ އާއި އެއަތޮޅު ތިނަދޫގެ އިތުރުން މާލޭ އިސްކަންދަރު ސްކޫލުގައި ހުރި ވޯޓުފޮއްޓަށް ގެއްލުންދިން މައްސަލައިގައި މިދިޔަ ހޮނިހިރު ދުވަހު ވަނީ ބަޔަކު ހައްޔަރުކޮށްފައެވެ.
އެގޮތުން ތިނަދޫން އެކަކު ހައްޔަރުކުރި އިރު، ރަތަފަންދޫން ވަނީ ދެ މީހަކު ހައްޔަރުކޮށްފައެވެ. އަދި އިސްކަންދަރު ސްކޫލުގައި ގުނަން ތައްޔާރިވެފައި ހުރި ވޯޓު ފޮއްޓަކުން ވޯޓު ކަރުދާސްތަކެއް ހިފައިގެން ދުއްވައިގަންނަން މަސައްކަތްކުރި ދެ މީހަކުވެސް ހައްޔަރުކުރިއެވެ.
ފުލުހުންގެ މީޑިއާއިން "ވަން" އަށް މިއަދު ބުނީ ވޯޓުލާ މަރުކަޒުތަކުން މިދިޔަ ހޮނިހިރު ދުވަހު ހައްޔަރުކުރި އެންމެން ޝަރުތު ކުރުމަށްފަހު މިހާރު ދޫކޮށްލާފައިވާ ކަމަށެވެ.
ތިނަދޫ ވޯޓުފޮށި ފަޅާލައި އެތަނުގެ ތެރޭގައި މާރާމާރީވެސް ވަނީ ހިންގައިފައެވެ. އަދި ރަތަފަންދޫގައި ބަޔަކަށް ދެ ވޯޓު ކަރުދާސް ދިން ކަމަށްބުނެ މައްސަލަ ހޫނުވެ، އެތަނުގައިވެސް ވަނީ ހަމަނުޖެހުން އުފައްދައި މާރާމާރީ ހިންގައިފައެވެ. ނަމަވެސް އެއްވެސް މީހަކަށް އަނިޔާ ނުވާކަމަށް އެ ދެ ރަށުގެ ކައުންސިލުން ވަނީ ބުނެފައެވެ.
އޭގެ އިތުރުން ގދ. ގައްދޫގައި ބޮޑީ ކެމެރާއެއް ހަރުކޮށްގެން ވޯޓުލީ މައްސަލައެއް ހޫނުވެ ވޯޓު ކަރުދާސް ވީދާލައި، ބައެއް މީހުން ވޯޓު ކަރުދާސްތައް ގެއަށް ގެންދިޔަ ކަމުގެ ތުހުމަތުވެސް ކުރިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު