ޚަބަރު

ނަޝީދު އާ ޕާޓީއެއް ހެދުމަށް އެމަނިކުފާނުގެ ފަހަތްޕުޅުގައި ތިބި މީހުން އެބަ ވިސްނައިދޭ: މޫސަ

އަލީ ޔާމިން

އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ފަހަތްޕުޅުގައި ތިބި މީހުން އެމަނިކުފާނަށް ވިސްނައިދެނީ އާ ޕާޓީއެއް އުފެއްދުމަށް ކަމަށް އެ ޕާޓީގެ ކުރީގެ ޗެއާޕާސަން މޫސާ މަނިކު (ރީކޯ މޫސަ) ވިދާޅުވެއްޖެއެވެ.

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ރައީސް ނަޝީދު ބަލިކުރައްވައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކާމިޔާބުކުރެއްވުމުން އެމްޑީޕީގައި ރައީސް ނަޝީދުގެ އޮތް ބާރާއި އާރު ކެނޑުނީކަމަށް ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ. އަދި ބައެއް ފަރާތްތަކުން ދަނީ އެމަނިކުފާނުގެ ސިޔާސީ ހަޔާތްޕުޅަށް ދެންވާނެ ގޮތަކާ މެދު ސުވާލު އުފައްދަމުންނެވެ.

ރައީސް ނަޝީދު ވަނީ ޕްރައިމަރީން ބަލިވެވަޑައިގެންފި ނަމަ، ރައީސް ސޯލިހުގެ ފަހަތްޕުޅަށް ނާރުއްވާނެ ކަމަށްވެސް ވިދާޅުވެފައެވެ. އަދި އިދިކޮޅާވެސް ނުގުޅޭނެކަން ހާމަކުރައްވައި ވިދާޅުވެފައިވަނީ ބަލިވެވަޑައިގެންފިނަމަ އޮންނަވާނީ ގޭގައި ކަމަށެވެ.

ބަލި ގަބޫލުފުޅުކުރައްވައި އެމްޑީޕީގެ މަޖިލިސް މެންބަރުން ތިއްބަވާ ވަސްޓްއަޕް ގްރޫޕަކަށް ރައީސް ނަޝީދު މިއަދު ފޮނުއްވި މެސެޖެއްގައި ވަނީ، "ފިކުރެއްގެ ދިރުން" ގެ ނަމުގައި ވަކި ސިޔާސީ ހަރަކާތެއް ކުރިއަށް ގެންދަވަން ހުށަހަޅުއްވައިފައެވެ. މަނިކުފާނު ވިދާޅުވި ގޮތުގައި އެ ހަރަކާތުގެ ދަށުން އެމްޑީޕީގެ ގޮފިތައް ހުރިހާ ރަށެއްގައި އަލުން ހަދައި، ޕާޓީން ކަނޑާލި ކަމަށް ބުނާ 39،000 އަށްވުރެ ގިނަ މީހުން އަލުން ޕާޓީއާ ގުޅި، އެ މީހުންނާއެކު އެ ހަރަކާތުން ތާއީދުކުރާ ކެންޑިޑޭޓަކު ކަނޑައަޅާނީއެވެ. އަދި ރިޔާސީ އިންތިހާބުގެ ކުރިއަށް ބަރުލަމާނީ ނިޒާމަށް ވެރިކަން ބަދަލުކުރުމަށް އެއްބަސްވާ ކެންޑިޑޭޓަކަށް ތާއީދުކުރަން ފަސޭހަވާނެ ކަމަށްވެސް ވިދާޅުވިއެވެ.

އެ ވާހަކަތަކާ ގުޅޭގޮތުން ރައީސް ސޯލިހާ ގާތް ގުޅުމެއް އޮންނަ މޫސަ މިއަދު ކުރެއްވި ޓުވީޓެއްގައި ރައީސް ނަޝީދުގެ ނަން ވިދާޅުނުވެ ވިދާޅުވީ، އެމަނިކުފާނުގެ ވަށައިގެން ތިބި މީހުން ވިސްނައިދެމުންދަނީ އާ ސިޔާސީ ޕާޓީއެއް އުފެއްދުމަށް ކަމަށެވެ.

"ވަށައިގެން ތިބި އެންމެން ވިސްނައިދެނީ މަނިކުފާނު ފަހަތުގައި މީހުން އެބަތިއްބި ވިއްޔާއޭ އަލަށް ޕާޓީއެއް ހައްދަވާށޭ؟ އަދި ރިޔާސީ އިންތިހާބަށް ނުުކުންނަވާށޭ! މިއީ އެވެރިންގެ ޖާހަށްޓަކައި ބަދަލުހިފުމުގެ ރޫހުގައި ލަފާދެނީ. އާހިރުގައި ކޮށިދަނޑާއި ކަތިވަޅިޔާ ގެއްލޭނީ، މަރިޔަނބުގެ ވާހަކަ؟،" މޫސަ ވިދާޅުވިއެވެ.

މޫސަ އިތުރަށް ވަނީ، އެމްޑީޕީގެ ވިޕްލައިނާ ހިލާފުވުމުން ޕާޓީން ވަކިނުކުރަނީތޯ ސުވާލު އުފައްދައިފައެވެ. އަދި ރައީސް ނަޝީދު މިހާރު ވަނީ އެމްޑީޕީގެ ރޫހާ ހިލާފުވެވަޑައިގެންފައި ކަމަށް އެމްޑީޕީގައި އިސްކޮށް އުޅުނު ބައެއް މެންބަރުން ގަބޫލުކުރައްވާ ކަމަށް މޫސަ ވިދާޅުވިއެވެ.

މިއަދު ރައީސް ނަޝީދު، އެމަނިކުފާނުގެ ސަޕޯޓަރުންނާއެކު ބޭއްވި ބައްދަލުވުމެއްގައި ވިދާޅުވީ އެމްޑީޕީއާ ދުރަށް ދިއުމުގެ އެއްވެސް ވިސްނުމެއް ނުގެންގުޅުއްވާ ކަމަށާއި "ފިކުރެއްގެ ދިރުންް"ގެ ގޮފިތަކަށް 50،000 މެންބަރުން ހަމަކުރަންޖެހޭ ކަމަށެވެ. އަދި އެމްޑީޕީއަކީ ރޫޅޭނެ އަދި ބަލިވާނެ ޕާޓީއެއްވެސް ނޫން ކަމަށް ވެސް ވިދާޅުވިއެވެ.