(23 ޖެނުއަރީގެ އަދަދާ ގުޅޭ)
* އެންޓި-ކޮރަޕްޝަން ބޯޑަށް އައު ޢިމާރާތެއް ހޯދުމަކީވެސް އަޅުގަނޑު އިސްކަންދިން ކަމެކެވެ. އަޅުގަނޑު އެންޓި-ކޮރަޕްޝަން ބޯޑުގެ ކޮމިޝަނަރކަމާ ޙަވާލުވިއިރު އެންޓި-ކޮރަޕްޝަން ބޯޑު ހިނގަމުންދިޔައީ ލ.އަތޮޅު ފިހާރައިގައެވެ. (ހަނދާންވާގޮތުން) އަތޮޅުފިހާރައެއްގައި އޮފީހެއް ހުރުމަކީ މައްސަލައެއް ނޫނެވެ. 1967 ގައި އަޅުގަނޑު ސަރުކާރަށް ވަންއިރުވެސް އަތޮޅުފިހާރަތަކުގައި އޮފީސްތައް ހުރެއެވެ. އެންޓި-ކޮރަޕްޝަން ބޯޑު އަތޮޅުފިހާރައެއްގައި ހުރުމުން މައްސަލައަކަށްވީ ދެސަބަބަކާ ހުރެއެވެ. ބޯޑަށް ހާޒިރުކުރާ ސަރުކާރުގެ ވަކިފެންވަރެއްގެ ބޭފުޅުން އެކަން މައްސަލައަކަށް ހެއްދެވުމެވެ. އެދުވަސްވަރާ މިހާރާ މީހުންގެ ވިސްނުން ވަރަށް ތަފާތެވެ. ސުވާލެއް ކޮށްލަންވެސް އެންޓި-ކޮރަޕްޝަން ބޯޑަށް މީހަކު ހާޒިރުކުރުމަކީވެސް އަގުވެއްޓުމެއްކަމުގައި މީހުން ދެކެއެވެ. އެހެންކަމުން ބޯޑަށް ހާޒިރުކުރާ މީހުން ބޭނުންވަނީ ގިނަ އޮފީސްތަކެއް ހުންނަ އޮފީސް ބިލްޑިންގެއްގައި އެންޓި-ކޮރަޕްޝަން ބޯޑު ހުރުމެވެ. އޭރުން ވަންނުވަން ދޮރެއް ނޭނގި ހިނގައިދާނެއެވެ. އަނެއްކޮޅުން އެންޓި-ކޮރަޕްޝަން ބޯޑު ފުޅާކުރާން ވިސްނާއިރު ޖާގައިގެ ދަތިކަމަކީވެސް މައްސަލައެކެވެ.
އެހެންކަމުން އެހެން ޢިމާރާތެއް ލިބޭތޯ މަސައްކަތްކުރުމުން އެންމެފުރަތަމަ ލިބުނީ މިހާރުގެ ޕޯސްޓަލް ބިލްޑިންގ އެހެރަތާނގައިހުރި ސަރުކާރުގެ ހުސް ޢިމާރާތެކެވެ. އަޅުގަނޑުމެން ބަލައިލިއިރު އެއީ ޖާގަހުރި ތަނެއްކަމުގައިވިޔަސް ވަރަށް ބާތަނެކެވެ. އެއީވެސް އެހެން އޮފީސްތަކާ ވަކީންހުރި ތަނެކެވެ. އެހެންކަމުން އަޅުގަނޑު رئيس الجــمــهــوريّـــة ގެ އަރިހުގައި އެވާހަކަ ދެންނެވުމުން ހުރަވީ ބިލްޑިންގުން އެންޓި-ކޮރަޕްޝަން ބޯޑަށް ޖާގަ ދެއްވައިފިއެވެ. އެދުވަސްވަރަށް ފުދޭވަރުގެ ޖާގަހުރި ތަނެއް ލިބިއްޖެއެވެ.
* އެންޓި-ކޮރަޕްޝަން ބޯޑާމެދު މުވައްޒަފުން ޝައުޤުވެރިކުރުވުމަށްވެސް އަޅުގަނޑު ފިޔަވަޅު އެޅީމެވެ. މުވައްޒަފުންނަށް ތަޢުލީމާއި ތަމްރީނުގެ ފުރުޞަތު ހޯދައިދިން ވާހަކައާއި މަޤާމުގެ ކުރިއެރުން ދިނުމުގެ ވާހަކަ އަޅުގަނޑު ވަނީ ބަޔާންކޮށްފައެވެ. އިތުރު ފިޔަވަޅެއްގެގޮތުން މުވައްޒަފުންގެ ވެލްފެއަރ ފަންޑެއް އުފެއްދީމެވެ. މުވައްޒަފުންގެ ޗަންދާއާ އެކުގައެވެ. މުވައްޒަފުންގެ ބައްދަލުވުމަކަށް ހުށަހަޅައި ފާސްކޮށްގެންނެވެ. އަޅުގަނޑު ހަނދާންވާގޮތުގައި ކޮންމެ މަހަކުވެސް މުވައްޒަފެއްގެ އަތުން ނެގީ މުސާރައިގެ އެއްޕަސެންޓެވެ. އޭގެ ދެގުނަޔަށްވުރެވެސް ގިނައިން އަޅުގަނޑު ފަންޑަށް ޗަންދާ ދިނީމެވެ. ފަންޑު ތަރައްޤީކުރުމަށްޓަކައި ބޯޑުގެ އެތެރޭގައި މުވައްޒަފުންނަށް ބިސްކޯދާއި ޗޮކްލެޓާއި ލުއިބުއިންތައް ވިއްކީމުއެވެ. ފަންޑުން ކުރާކަމަކީ މުވައްޒަފުންގެ އުފަންދުވަހާ ވިދިގެންނާއި، މުވައްޒަފަކު ނުވަތަ މުވައްޒަފެއްގެ އަނތްބަކު ވިހެއުންފަދަ އަދި މުވައްޒަފެއްގެ ދަރިޔަކު ޚިތާނުކުރުންފަދަ ކަންކަމާ ވިދިގެން ހަދިޔާދިނުމާއި، މުވައްޒަފަކު ބޭނުންވާހިނދު އަނބުރާދައްކާން ފައިސާ ދިނުމެވެ.
މުވައްޒަފުންގެ ވެލްފެއަރ ފަންޑު އުފެއްދީ 19 އޯގަސްޓް 2002 ގައެވެ. ފަންޑުގެ ކަންތައް ބަލަހައްޓަވައިދެއްވަން އަޅުގަނޑު ޙަވާލުކުރީ الـفــاضـــل عــلــــى رشـــيــد عــمـــــر އާއެވެ. އެދުވަސްވަރު ބޯޑުގެ ޑިރެކްޓަރ އޮފް އެޑްމިނިސްޓްރޭޝަން الـفــاضـــل عــبــدالـــعـــــزيـــــز مــــوســـى ގެ ބެއްލެވުމުގެ ދަށުން ބޯޑުގެ ބަޖެޓު ބަލަހައްޓަވައިދެއްވަނީވެސް عــلــــى رشـــيــد އެވެ.
އަނބުރާ ދައްކާގޮތަށް އެންމެފުރަތަމަ މުވައްޒަފަކަށް ދޭންފެށީ 2,500/- ރުފިޔާއެވެ. ދުވަސްކޮޅެއްގެފަހުން އެ ޢަދަދުވަނީ 10,000/- ރުފިޔާއަށް ބަދަލުކޮށްފައެވެ. އަޅުގަނޑު ބޯޑުގެ ވަޒީފާއިން ބަދަލުވިއިރު މުވައްޒަފުންނަށްވަނީ ނުވަލައްކަޔަށްވުރެ ގިނަ ރުފިޔާ އަނބުރައިދައްކަން ދޫކޮށްފައެވެ. އަޅުގަނޑު އިންދި އޮށަކުން ފެޅި މި ނިރަށް އަޅުގަނޑަށްވުރެ ފަހުން ތިއްބަވާ ވެރީންވެސް ޢިނާޔަތް ދެއްވިއެވެ. ގެންދަވަނީ ފެންދެއްވައި ހައްދަވަމުންނެވެ. މިހާރު ޚަބަރު ލިބޭގޮތުގައި އެއީ ހިޔާދޭ މޭވާލިބޭ ގަހެކެވެ. އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ރެކްރިއޭޝަން ކްލަބެވެ. މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓުގައި ގަވާއިދުން ރަޖިސްޓަރީކޮށްފައިވާ ކްލަބެކެވެ. އެކަމާ އަޅުގަނޑު އުފާކުރަމެވެ. ކިތަންމެ މައްޗަކަށް ހެދި ގޮފިތައް ދިގުވިޔަސް އެއީ އަޅުގަނޑު އިންދި އޮށަކުން ފެޅި ނިރެކެވެ.
* މުވައްޒަފުންގެ ފެންވަރު މަތިކުރުމަށްޓަކައި އަޅުގަނޑު ބޯޑުގެ އެތެރޭގެ ލައިބްރަރީއެއްގެވެސް ބިންގާ އެޅީމެވެ. ޤާނޫނީ ރިފަރެންސްތަކާއި، އެކައުންޓިންގއާބެހޭ ފޮތްތަކާއި ކޮރަޕްޝަން ޕްރިވެންޓްކުރުމާބެހޭ މަޢުލޫމާތުގެ ފޮތްތައް ހޯދީމެވެ. ކޮންމެ އަހަރެއްގެ ބަޖެޓުގައިވެސް ބޭރުން ފޮތްގަންނާން ފައިސާ ހިމެނީމެވެ. އަޅުގަނޑު އަމިއްލަގޮތުން ވަރަށްގިނަ ދިވެހި ފޮތްތައްވެސް ހަދިޔާކުރީމެވެ. އެ ލައިބްރަރީގެ މިހާރުގެ ޙާލަތެއް ނޭނގެއެވެ.
* ރާއްޖޭގެ ސިޔާސީ ޙަޔާތަށް ބަދަލުތަކެއް އައިސް އިންތިޤާލީ އެންޓި-ކޮރަޕްޝަން ކޮމިޝަނެއްގެ ދައުރު އަންނާން ކައިރިވުމުން އަޅުގަނޑު ޤަބޫލުކުރީ އެންޓި-ކޮރަޕްޝަން ބޯޑުގައި އަޅުގަނޑުގެ ދައުރު ނިންމައިލުމުގެ ވަގުތު ޖެހިއްޖެކަމުގައެވެ. ކޮންމެއަކަސް އަޅުގަނޑު އެންޓި-ކޮރަޕްޝަން ބޯޑާ ވަކިވީ، އެތަނަކީ ޤާބިލު ޒުވާނުންނާއި ތަޖުރިބާކާރު ހަރުބޭފުޅުން ތިއްބެވި ފިސާރި އެކަށޭނަކަންހުރި އިދާރާއަކަށް ހަދައިފައެވެ. ތިރީގައިމިވަނީ އަޅުގަނޑު ވަކިވިއިރު އެންޓި-ކޮރަޕްޝަން ބޯޑުގައިހުރި މަޤާމުތަކެވެ.
# މަޤާމު މަޤާމުތަކުގެ ޢަދަދު
1 ކޮމިޝަނަރ 1
2 އެގްޒެކެޓިވް ޑިރެކްޓަރ 1
3 އެސިސްޓެންޓް އެގްޒެކެޓިވް ޑިރެކްޓަރ 1
4 ޑިރެކްޓަރ ޖެނެރަލް، ޕްރިވެންޝަން 1
5 ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް 1
6 އެސިސްޓެންޓް ޑިރެކްޓަރ ޖެނެރަލް 1
7 ޑިރެކްޓަރ 2
8 ޑެޕިއުޓީ ޑިރެކްޓަރ 1
9 އެސިސްޓެންޓް ޑިރެކްޓަރ 5
10 ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ 1
11 ސީނިއަރ ކޮމްޕިއުޓަރ ޕްރޮގްރާމަރ 1
12 ސީނިއަރ ސެކްރެޓެރީ 2
13 އެސިސްޓެންޓް ކޮމްޕިއުޓަރ ޕްރޮގްރާމަރ 1
14 އެސިސްޓެންޓް އެސައިންމަންޓް އޮފިސަރ 1
15 އެސިސްޓެންޓް ބަޖެޓު އޮފިސަރ 1
16 ބަޖެޓު އޮފިސަރ (ޓްރޭނީ) 1
17 އެސައިންމަންޓް އޮފިސަރ (ޓްރޭނީ) 9
18 އޮޑިޓް އެކައުންޓެންޓް (ޓްރޭނީ) 2
19 ކޮމްޕިއުޓަރ ޕްރޮގްރާމަރ (ޓްރޭނީ) 2
20 ސެކްރެޓެރީ 6
21 ޑޭޓާ ޕްރޮސެސިންގ އޮފިސަރ (ޓްރޭނީ) 1
22 އެސިސްޓެންޓް ސެކްރެޓެރީ 2
23 ޕިޔޯނު 3
24 މަސައްކަތު 1
ޖުމްލަ: 48
މަޤާމުތަކުގައި ތިއްބެވި ބޭފުޅުންގެ ތެރެއިން ގިނަ ބޭފުޅުން މިހާރުވެސް ޝަޚްޞީގޮތުން އަޅުގަނޑަށް އެނގެއެވެ. ހަނދާން އެބަހުއްޓެވެ. އަނެއްބައި ބޭފުޅުންގެ މޫނުފުޅުތަކެއް އަޅުގަނޑުގެ ހަނދާނުގެ ސްކްރީނަކުން ސާފުކޮށެއް ނުފެނެއެވެ. އެހެންކަމުން ރަނގަޅުވާނެކަމުގައި ޤަބޫލުކުރެވުނީ ނަންފުޅުތައް ނުލިޔެ ދޫކޮށްލުމެވެ.
އާދެ، މިއީ އެންޓި-ކޮރަޕްޝަން ބޯޑުގައި އަޅުގަނޑު ހޭދަކުރި ދައުރުގެ ވާހަކަ ކުރުގޮތަކަށެވެ. رئيس الجــمــهــوريّـــة الأستـــاذ مــأمــــون عــبــدالــقــيّـــوم އަޅުގަނޑާ ޙަވާލުކުރެއްވީ އިންދެވިތާ ތިންއަހަރުވާން ކައިރިވެފައިހުރި ގަހެކެވެ. ނުހެދި ގާވެފައިހުރި ގަހެކެވެ. އަޅުގަނޑުވަނީ އެގަހުގެ މެޑަކޮށައި ކާނާއަޅައި ފެންދީ އެގަސް ހައްދައިފައެވެ. މި މަސައްކަތުގައި ކަންފަހިކޮށްދެއްވީ އެމަނިކުފާނެވެ. މިކަންކުރެވުނީ އެމަނިކުފާނު އެހީތެރިވެވަޑައިގެންދެއްވީތީއެވެ. ކަންކަން ކުރިޔަދެއްވީތީއެވެ. އެހެންކަމުން ޝުކުރާއެކު އެކަން ފާހަގަކުރަމެވެ.
އަޅުގަނޑުގެ މަސައްކަތުގައި އަޅުގަނޑުގެ އެކުވެރީންގެ އެހީތެރިކަމާއި އެއްބާރުލެއްވުން ވަރަށްބޮޑެވެ. الـفــاضـــل عــبــدالـــعـــــزيـــــز مــــوســـى ބޯޑާ ގުޅިވަޑައިގެންނެވީއްސުރެ އޭނާއެވެ. الـفــاضـــل عــلــــى رشـــيــد عــمـــــر އެވެ. الأستـــاذ عــبــد اللّــه آدم އެވެ. الـفــاضـــل عــبــدالـــرّحــيـــم عــبــدالــرّحمـــــن އާއި الـفــاضـــل مـــوســى عــلــــى ދީދީ، ލައިޓްނިންގ، ގދ.ތިނަދޫ (H-16-13-16 ހުޅުމާލެ) އެވެ. އެބޭފުޅުންނަށް ލޯތްބާއެކު ޝުކުރު އަދާކުރަމެވެ.
މިބަޔާނާއެކުގައި މިވަނީ އެންޓި-ކޮރަޕްޝަން ކޮމިޝަނުން އަޅުގަނޑަށް ދެއްވި ހަނދާނީ ލިޔުމެއްގެ ނަކަލެކެވެ. އަޅުގަނޑުގެ މަސައްކަތަށް ހެކިވާ ބަޔާނެކެވެ.
އެންޓި-ކޮރަޕްޝަން ބޯޑު ނޫން އެހެން ތަނަކަށް އަޅުގަނޑު ބަދަލުކޮށްދެއްވާތޯ رئيس الجــمــهــوريّـــة ގެ އޮފީހުގައި ދެންނެވުމުން އަޅުގަނޑު ބޭނުންވަނީ ކޮންދާއިރާއެއްތޯ رئيس الجــمــهــوريّـــة ގެ އޮފީހުން ސުވާލުކުރެއްވިއެވެ. އަޅުގަނޑު ދެންނެވީ އެތަނެއްގައި އަޅުގަނޑު ދިގުމުއްދަތަކަށް ޚިދުމަތްކޮށްފައިވާ ދާއިރާއެއްގެ ވާހަކައެވެ. ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުގެ ވާހަކައެވެ. އަޅުގަނޑުވަނީ ދިވެހިބަހާއި އަދަބަށް ޚިދުމަތްކުރާ މަޖިލީހުގެ ސެކްރެޓެރީގެ އެހީތެރިޔާކަމާއި، އެ މަޖިލީހުގެ ސެކްރެޓެރީކަމާއި، ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުގެ އެސިސްޓެންޓް ޓު ދަ ޑިރެކްޓަރކަމާއި، އެސިސްޓެންޓް ޑިރެކްޓަރކަމާއި، ޑެޕިއުޓީ ޑިރެކްޓަރކަމާއި ޑިރެކްޓަރކަން ކޮށްފައެވެ. 1979 ވަނަ އަހަރުން ފެށިގެން 2008 ވަނަ އަހަރުގެ ނޮވެމްބަރާ ހަމަޔަށް އެ މަރުކަޒަށް ލަފާދޭ މަޖިލީހުގެ މެމްބަރުކަން ކޮށްފައެވެ.
ރައީސްއޮފީހުން ދެދުވަހެއްގެފަހުން އަޅުގަނޑަށް އެންގެވީ ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުގެ ރައީސް އަޅުގަނޑު ބޭނުންފުޅު ނޫންކަމުގައެވެ. އޭރުވެސް އަޅުގަނޑަކީ އެ މަރުކަޒަށް ލަފާދޭ މަޖިލީހުގެ މެމްބަރަކީމެވެ. ފަތްތޫރައިގެ ނާއިބު މުޙައްރިރަކީމެވެ. ބަސްކޮމެޓީގެ މެމްބަރަކީމެވެ. އެހެންކަމުން އެ މަރުކަޒުގެ ރައީސް އަޅުގަނޑު ޤަބޫލުނުކުރެއްވި ސަބަބު ބަޔާންކުރުމުގެ ބޭނުން އޮތްކަމަކަށް އަޅުގަނޑު ނުދެކެމެވެ. އެ ދާއިރާގައި އަޅުގަނޑު "ހޭކުނު" ގޮތުގެ ވާހަކަވެސް ކޮންމެވެސް އެހެން ފުރުޞަތެއްގައި ލިޔުމުގެ ތައުފީޤު އެދިހުރީމެވެ. އަޅުގަނޑު ދެން رئيس الجــمــهــوريّـــة ގެ އޮފީހުގައި އެދުނީ ފެނިވަޑައިގަންނަވާ މަޤާމަކަށް ހަމަޖައްސަވައިދެއްވުމަށެވެ.
ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުން އަޅުގަނޑު ޤަބޫލު ނުކުރެއްވުމުން އަޅުގަނޑު ބަދަލުކުރެއްވީ އިސްލާމީ ކަންތައްތަކާބެހޭ އެންމެމަތީ މަޖިލީހުގެ ނާއިބު ރައީސްގެ މަޤާމަށެވެ. ކަމާބެހޭގޮތުން 16 އޮކްޓޯބަރ 2008 ގައި رئيس الجــمــهــوريّـــة އަޅުގަނޑަށް ފޮނުއްވި ލިޔުމުގައި އެ މަޤާމަކީ މިނިސްޓަރުގެ ނާއިބުންގެ ފެންވަރުގެ މަޤާމެއްކަމުގައިވެސް އަންގަވައިފައިވެއެވެ. އިސްލާމީ ކަންތައްތަކާބެހޭ އެންމެމަތީ މަޖިލީހުގެ ރައީސަކީ އޮނަރަބްލް ޑޮކްޓަރ محـمّــد رشـــيــد إبــــراهــيـــــم އެވެ. އެމަނިކުފާނު އަޅުގަނޑާ ޙަވާލުކުރެއްވީ ޚުޠުބާ ލިޔުއްވުމުގެ ކަންތައް ބެލެހެއްޓުމާއި ކުޑަކުދީންގެ ހިތްތަކުގައި އިސްލާމީ އަޚްލާޤީ އަގުތައް އަށަގަންނަކަހަލަ ނިދާގަޑީގެ ވާހަކަތަކެއްލިޔެ ކުރެހުމާއެކު އާޓްކަރުދާހުގައި ރަނގަޅު ފެންވަރުގައި ރީތިކޮށް ޗާޕުކޮށް ޝާއިޢުކުރުމާއި މިބާވަތުގެ މަސައްކަތްތަކެކެވެ. އަޅުގަނޑުމެންނަށް އެމަސައްކަތް ފަށައިނުގެނެވުނުކަމުގައިވިޔަސް އެ ދާއިރާއަކީ އަޅުގަނޑަށް ކުރެވިދާނެ މަސައްކަތްހުރި ދާއިރާއެއްކަން އަޅުގަނޑަށް އިޙްސާސްވިއެވެ. ދަތުގެ މީހަކު މަސްވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރުމަށްވުރެ އަޅުގަނޑު އެ ދާއިރާއަށް ވަކިން ނުފާޑު ނުވާނެކަމުގެ ކަށަވަރުކަން ލިބުނެވެ. ރާއްޖެ ފިޔަވައި ދުނިޔޭގައިވެސް މަސްމަހާމެހީގެ އަނގަޔަށް އަތްބާނައި ކޮބަޑި ނައްޓައި ދަތްސާފުކުރުމާއި ފުޓުނި އެޅުމާއި ދަތްއުފުރުން ނޯންނާތީއެވެ. ކޮންމެއަކަސް ރިޔާސީ އިންތިޚާބުގައި رئيس مــأمــــون އަށް ނާކާމިޔާބާ ކުރިމަތިވެވަޑައިގެންނެވުމާއެކު، އިސްލާމީ ކަންތައްތަކާބެހޭ އެންމެމަތީ މަޖިލީހުގައި ޤައުމަށް ޚިދުމަތްކުރުމުގެ ފުރުޞަތެއް އަޅުގަނޑަކަށް ނުލިބެއެވެ. رئيس محـمّــد نشـــيــد ވެރިކަމަށް ވަޑައިގެންނެވުމާއެކު رئيس الجــمــهــوريّـــة ގެ އޮފީހުގެ ނަންބަރު 3825/2008/ސީބީޑީ(އެސް) ނޯޓުން އަޅުގަނޑަށް އިސްތިޢުފާދޭން އެންގެވިއެވެ. އެކަމަކު އަޅުގަނޑު އިސްތިޢުފާއެއް ނުދެމެވެ. އަޅުގަނޑު ހުރި މަޤާމު އެންމެފުރަތަމަ ސިޔާސީ މަޤާމަކަށްވީ އަޅުގަނޑު އެދިގެންކަމުގައިނުވާތީ، އަޅުގަނޑު ބޭނުންވީ ސަރުކާރުން އަޅުގަނޑު ވަކިކުރައްވާނަމަ ވަކިކުރެއްވުމެވެ. ދައުރު ބަދަލުވީފަހުން އެންމެކުޑަމިނުން މުވައްޒަފުންގެ ބައްދަލުވުމެއްގައިވެސް އަޅުގަނޑު ބައިވެރިޔެއް ނުކުރައްވައެވެ. އަޅުގަނޑު މަސައްކަތްކުރާން އިންކޮޓަރީން ނެރެ ލައިބްރަރީގެ ކަނަކުން މޭޒެއް ދިނެވެ. 20 މެއި 2009 ގައި އޭރުގެ رئيس الجــمــهــوريّـــة الـفــاضـــل محـمّــد نشـــيــد ސޮއިކުރައްވައި އަޅުގަނޑަށް ފޮނުއްވި ލިޔުމަކުން އަޅުގަނޑު މަޤާމުން ވަކިކުރައްވައިފިއެވެ. ސަރުކާރުގެ މުވައްޒަފެއްގެ ޙައިޘިއްޔަތުން އަޅުގަނޑުގެ ޤައުމީ ޚިދުމަތުގެ ބާބު މިހިސާބުން ނިމުނީއެވެ.