މިނިސްޓްރީ އޮފް ޖެންޑާ ފެމިލީ އެންޑް ސޯޝަލް ސާވިސަސް ހުޅުމާލެއަށް ބަދަލުކޮށްފިއެވެ.
ޖެންޑާ މިނިސްޓްރީން އިއްޔެ ކުރި އިއުލާނެއްގައި ބުނީ، ސީޓްރެކްސް ބިލްޑިންގައި ދެމުންގެންދިޔަ އެ މިނިސްޓްރީގެ ހިދުމަތްތައް ހުޅުމާލެއަށް ބަދަލުކޮށްފައިވާ ކަމަށާއި އެ އޮފީހުގެ ހިދުމަތްތައް ހޯދުމަށް 7422575 ގުޅުމަށް އެދޭ ކަމަށެވެ.
ޖެންޑާ މިނިސްޓްރީ ބަދަލުކޮށްފައިވަނީ ސަރުކާރުގެ އޮފީސްތައް ބަދަލުކުރުމަށް ހުޅުމާލޭގައި އިމާރަތްކުރި މަރުހޫމް އުމަރު ޒާހިރު ބިލްޑިންއަށެވެ. ޖެންޑާ މިނިސްޓްރީގެ ހުރިހާ ހިދުމަތެއް އެ އޮފީހުން ލިބެން ހުންނާނެ ކަމަށް އެ މިނިސްޓްރީން މައުލޫމާތުދެއެވެ.
މާލޭގައި ކުރިން ޖެންޑާ މިނިސްޓްރީ ހިންގަމުން އައީ ދެ އިމާރާތެއްގައެވެ. އެއީ ސީޓްރެކް ބިލްޑިންއާއި ބިއްލޫރިޖެހިގޭގައެވެ. ސީޓްރެކް ބިލްޑިންގައި ޖެންޑާ މިނިސްޓްރީން ހިންގީ އެ މިނިސްޓްރީގެ އެޑްމިން މަސައްކަތްތަކެވެ. އަދި ބިއްލޫރިޖެހިގޭގައި މިހާރު ހިންގަމުން އަންނަނީ ޖެންޑާ މިނިސްޓްރީގެ ދަށުން ހިންގަމުން އަންނަ ފެމިިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމެންޓެވެ. އެ ޑިޕާޓްމެންޓުގެ ހިންގުން ވެސް ދެ މަހައްހާ ދުވަހުގެ ތެރޭގައި ހުޅުމާލެއަށް ބަދަލުކުރާނެ ކަމަށް މިނިސްޓްރީން މައުލޫމާތުދެއެވެ.
އުމަރު ޒާހިރު ބިލްޑިންގެ ގްރައުންޑް ފްލޯއާއި ފުރަތަމަ ފަންގިފިލާ ހާއްސަކޮށްފައިވަނީ ވެހިކަލް ޕާކިން އަށެވެ. ތިންވަނަ ފަންގިފިލާ ޓްރާންސްޕޯޓް މިނިސްޓްރީ ހިންގުމަށް ނިންމާފައިވާ އިރު، ހަތަރުވަނަ ފަންގިފިލާ ހާއްސަ ކޮށްފައިވަނީ ރާއްޖޭގައި ހުޅުވާ އެމެރިކާގެ އެމްބަސީއަށެވެ. ފަސްވަނަ ފަންގިފިލާގައި ހަޔާ އެޑިއުކޭޝަން ހިންގުމަށް ނިންމާފައިވާ އިރު، ހަ ވަނަ ފަންގިފިލާގައި މީޓީން ރޫމަކާއި ސެމިނާތައް ބޭއްވުމަށް ވަނީ ހާއްސަކޮށްފައެވެ.
އެ އިމާރާތުގެ ކޮންމެ ފަންގިފިލާއެއްގައި 25،00 އަކަފޫޓް ހުރެއެވެ. އުމަރު ޒާހިރު ބިލްޑިންއަކީ ދައުލަތުގެ ބަޖެޓުން 185 މިލިއަން ރުފިޔާ ހަރަދުކޮށްގެން ހެދި ތަނެކެވެ. އެ އިމާރަތް ހެދުމުގެ މަގުސަދަކީ ސަރުކާރު އޮފީސްތައް ހިންގުމަށް އަމިއްލަ މީހުންގެ އިމާރަތްތައް ހިފަން ޖެހުމުގެ ސަބަބުން ކުރަންޖެހޭ ހޭދަ ކުޑަކުރުމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު