ރައްޔިތުންގެ މަޖިލީސް ހުޅުވާ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ކަނޑައަޅުއްވައިފިއެވެ.
އެ ދުވަހަކީ ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ރިޔާސީ ބަޔާން އިއްވަވާ ދުވަހެވެ.
ރައީސް އޮފީހުން މިއަދު ބުނީ މިއަހަރު ރައްޔިތުންގެ މަޖިލީސް ހުޅުވާ ދުވަހަކީ އަންނަ ފެބްރުއަރީ މަހުގެ ހަ ވަނަ ދުވަސް ކަމަށާއި އަދި އެ ދުވަސް ސަރުކާރު ބަންދުވާނެ ކަމަށެވެ.
ކޮންމެ އަހަރެއްގެ ވެސް މަޖިލީހުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ގައުމުގެ ހާލަތު ބަޔާންކޮށްދީ، އަދި ގައުމުގެ ހާލަތު އިތުރަށް ރަނގަޅުކުރުމަށްޓަކައި ކުރަންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާއަށް ފެނިވަޑައިގަންނަވާ ކަންތައްތަކުގެ މައްޗަށް އެކުލެވޭ ރިޔާސީ ބަޔާނެއް ގާނޫނުއަސާސީގެ 84 ވަނަ މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި އިއްވަން ޖެހެއެވެ.
މިދިޔަ އަހަރުގެ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުނު މަސައްކަތްތަކުގެ ތެރެއިން 54.7 ޕަސެންޓް މަސައްކަތް ނިންމައި މަޖިލިސް ޗުއްޓީއަށް ގޮސްފައިވަނީ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހުއެވެ.
މަޖިލީހުގެ މިދިޔަ އަހަރުގެ ތިންވަނަ ދައުރުގެ އެންމެ ފަހު ޖަލްސާގެ ގޮތުގައި ޖަލްސާ ނިންމަވައިލެއްވުމުގެ ކުރިން، މަޖިލިސް ރިޔާސަތުގައި އެވަގުތު އިންނެވި، ވިލިފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފު ވިދާޅުވެފައިވަނީ މަޖިލީހުގެ ދެވަނަ ދައުރުގައި ނުނިމި އޮތް 29 ބިލާއި އަލަށް ހުށަހެޅި 13 ބިލާއެކު ޖުމުލަ 42 ބިލުގެ މަސައްކަތް ތިންވަނަ ދައުރުގައި ކުރި ކަމަށެވެ. އޭގެ ތެރެއިން 23 ބިލުގެ މަސައްކަތް ނިންމި ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.