އެންވަޔަރަމެންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ހުންނެވި އަލީ ސޯލިހު، ޓްރާންސްޕޯޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމުގެ މަގާމަށް ބަދަލު ކުރައްވައިފިއެވެ.
ޓްރާންސްޕޯޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމުގެ މަގާމަށް އަލީ ސޯލިހު ބަދަލުކުރައްވާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ، ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ސްޕޯކްސްޕާސަންގެ މަގާމު ވެސް ފުރުއްވާ އަލީ ސޯލިހު އެންމެ ފުރަތަމަ ހުންނެވީ ކުރިން ހިންގި ޓެކްނޮލޮޖީ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމުގައެވެ. ނަމަވެސް ވަކި ހިސާބަކުން ޓެކްނޮލޮޖީ މިނިސްޓްރީ އުވާލައި، އެ މިނިސްޓްރީގެ މަސައްކަތްތައް އެންވަޔަރަމެންޓް މިނިސްޓްރީގެ ދަށަށް ބަދަލު ކުރުމުން އޭނާ މިހާތަނަށް ހުންނެވީ އެންވަޔަރަމެންޓް މިނިސްޓްރީގައެވެ.
މިދިޔަ މަހު ވެސް ސަރުކާރުން ވަނީ މަގާމުތަކަކަށް ބަދަލު ގެނެސްފައެވެ. އެގޮތުން ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށް ހުންނެވި ޝިމާޒު އަލީ އެ މިނިސްޓްރީން ވަކިކޮށް, ޔޫތު މިނިސްޓްރީއަށް ވަނީ ބަދަލުކޮށްފައެވެ. އަދި އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ހުންނެވި އަހުމަދު ރިޔާޒް ވަނީ ޓްރާންސްޕޯޓް މިނިސްޓްރީއަށް ބަދަލުކޮށްފައެވެ.
ޔޫތު މިނިސްޓްރީއަށް ޝިމާޒް ބަދަލުކުރި އިރު، ޓްރާންސްޕޯޓް މިނިސްޓްރީގެ ތެރެއިން ކޮރަޕްޝަން ހިންގިކަމުގެ ތުހުމަތުތަކެއް އޭނާއަށް ކުރެއެވެ. އަދި ރިޔާޒަކީ ޖިންސީ ފުރައްސާރައިގެ ތުހުމަތުތަކެއްގައި ސަސްޕެންޑް ކުރި ބޭފުޅެކެވެ.
ޖިންސީ ފުރައްސާރައިގެ މައްސަލައެއްގައި ރިޔާޒު ސަސްޕެންޑު ކުރީ މިދިޔަ އަހަރުގެ މެއި މަހުގެ 29 ވަނަ ދުވަހުއެވެ. އޭނާ ސަސްޕެންޝަނުގައި ހުންނެވީ މުސާރައާއި އިނާޔަތްތައް ލިބޭ ގޮތަށެވެ. މި މައްސަލަ ތަހުގީގު ކުރި ނަމަވެސް ފަހުން މި މައްސަލައަށް ވީގޮތް އަދި ވަނީ ސާފުވާ ގޮތެއް ނުވެއެވެ.
ޝިމާޒްގެ މައްޗަށް ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކާއެކު އޭނާއަށް ފިޔަވަޅު އަޅައިދިނުމަށް އެދި ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާ ވަނީ މިދިޔަ އޮކްޓޫބަރު މަހުގެ ތެރޭގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ސިޓީ ފޮނުއްވައިފައެވެ. ޝިމާޒަށް ކުރާ ތުހުމަތުތަކުގެ ތެރެއިން ބައެއް މައްސަލަތައް މިނިސްޓްރީން ބަލަދަމުންދާ އިރު، ގަވާއިދާ ހިލާފަށް ވެހިކަލް ރަޖިސްޓްރީކޮށްދިން ކަމަށް ތުހުމަތުވާ މައްސަލަތަކެއްވެސް ހިމެނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު