ޚަބަރު

ގްރީން ޕާޓީގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ޖާބިރު ފަށްޓަވައިފި

ޑީއާރުޕީގެ ލީޑަރު އަދި ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު އެ ޕާޓީއާ ވަކިވެ، އާ ސިޔާސީ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ފައްޓަވައިފިއެވެ.

ޖާބިރު "ވަން" އަށް މިއަދު ވިދާޅުވީ، ޑީއާރުޕީގެ ލީޑަރުކަމުން އިސްތިއުފާ ދެއްވައި ޕާޓީގެ މެންބަރު ކަމުން މިއަދުގެ ވަގުތެއްގައި ވަކިވެވަޑައިގެންފައިވާ ކަމަށެވެ. އަދި އެގޮތަށް ނިންމެވީ، ޑީއާރުޕީ އުވާލުމުގެ މަސައްކަތް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ކުރަމުން ގެންދާތީ އާއި އެ މައްސަލަ ކޯޓުގައި ހިނގަމުންދާތީ ކަމަށް ވިދާޅުވިއެވެ.

ޖާބިރު ވިދާޅުވީ، އަލަށް އުފައްދަން މަސައްކަތްކުރާ ޕާޓީއަށް ކިޔާނީ ގްރީން ޕާޓީ އޮފް ދަ މޯލްޑިވްސް (ޖީޕީއެމް) ކަމަށެވެ. އެ ޕާޓީން ބޮޑަށް މަސައްކަތްކުރާނީ ސިޔާސީ ކަންކަމާއެކު، ތިމާވެއްޓާ ގުޅުން ހުރި ދާއިރާތަކުން ކަމަށް ވިދާޅުވިއެވެ.

"މިސާލަކަށް ތަރައްގީގެ މަޝްރޫއުތައް ކުރިއަށްގެންދާއިރުވެސް ތިމާވެއްޓާ ރައްޓެހިކޮށް ކުރިއަށްގެންދަން ގްރީން ޕާޓީން ބާރު އަޅާނެ." ޖާބިރު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، 3،000 މެންބަރުން ހަމަކޮށް ކުރިއަށް އޮތް 45 ދުވަހުގެ ތެރޭގައި ޕާޓީ އުފެއްދުމަށް އީސީއަށް ހުށަހަޅާނެ ކަމަށެވެ. އަދި ޕާޓީއަށް މެންބަރުން ވެއްދުމުގެ މަސައްކަތް އަންނަ ބުރާސްފަތި ދުވަހުން ފެށިގެން ފަށާނެ ކަމަށް ވިދާޅުވިއެވެ.

ޖާބިރު އިތުރަށް ވިދާޅުވީ، ޑީއާރުޕީ އުވާލިނަމަވެސް ވެރިކަމަށް ކުރިމަތިލައްވާނެ ކަމަށެވެ.