ކުރިއަށް އޮތް ދޮޅު އަހަރު ދުވަހުގެ ތެރޭގައި ރާއްޖެއަށް ސްމާޓް އައިޑީ ކާޑު ތައާރަފުކޮށް، އެ ކާޑު ބޭނުންކޮށްގެން ފައިސާ ދެއްކޭނެ މަގު ފަހިކޮށްދެއްވާނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ޕީއެސްއެމް ނިއުސްގެ "ނޭޝަން ޗެޓް" ޕްރޮގްރާމުގައި މިރޭ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މިއީ ސަރުކާރުން ގެންގުޅޭ "މޯލްޑިވްސް 2.0" ގެ ޑިޖިޓަލް ތަސައްވުރުގެ ދަށުން ކުރިއަށްދާ މަޝްރޫއެއް ކަމަށެވެ. މި އާ ކާޑަކީ ޗިޕާއި ފިންގާޕްރިންޓް ހިމެނޭހެން، އެންމެ ޒަމާނީ ފެންވަރަށް ފަރުމާކުރެވޭ ކާޑެއްކަމަަށް ރައީސް ވިދާޅުވިއެވެ.
"އަޅުގަނޑުމެން އަތުގައި އޮންނާނީ ފިޒިކަލް އައިޑީކާޑެއް. އެހެން ނަމަވެސް އައިޑީކާޑުގެ ބާވަތް ބަދަލުވަނީ ޑިޖިޓަލައިޒްކޮށް، ސްމާޓްކޮށް. އޭގެއިން ހަމަ ގާތްގަނޑަކަށް ހުރިހާ ކަމެއް ކުރެވޭ ކަހަލަ ޕޭމަންޓް ދެއްކުން ވިޔަސް ހުރިހާ ކަމެއްވެސް ކުރެވޭ ގޮތަށް މި ބަދަލުތައް އަންނަނީ" ރައީސް ވިދާޅުވިއެވެ.
"އެ ކާޑުން ހުރިހާ ކަމެއްވެސް ކުރެވޭނެ، ތަންތަނުން ހިދުމަތް ހޯދަން ވިޔަސް، ހިދުމަތް ލިބިގަތުން ކަމަށް ވިޔަސް"
އެ މަނިކުފާނު ވިދާޅުވީ އެ ނިޒާމު ތަންފީޒު ކުރުމަށްޓަކައި ބޭނުންވާ ގާނޫނީ އޮނިގަނޑު އެކުލަވާލުމަށް މިހާރު ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅާފައިވާ ކަމަށެވެ. އަދި އެ މަޝްރޫއުގައި ދައުލަތުގެ ހުރިހާ އިދާރާތަކާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިތުރުން ބޭންކުތައްވެސް ބައިވެރިވާން ޖެހޭނެކަމަށް ރައީސް ވިދާޅުވިއެވެ.
ޑިޖިޓަލް އިގްތިސޯދެއް ބިނާކުރުމުގެ އެންމެ ބޮޑު މަގުސަދަކީ ކޮރަޕްޝަން ނައްތާލައި، ކޮންމެ ރަށެއްގައި ހުރެގެންވެސް ދެފުށް ފެންނަ ގޮތެއްގައި ސަރުކާރުގެ ހިދުމަތްތައް ހޯދޭނެ މަގު ފަހިކޮށްދިނުންކަމަށް ރައީސް ވިދާޅުވިއެވެ. ސަރުކާރުގެ އަމާޒަކީ 2030 ވަނަ އަހަރު އަންނައިރު، ރާއްޖޭގެ ޖުމްލަ އުފެއްދުންތެރިކަމުގެ 15 ޕަސަންޓް ޑިޖިޓަލް އިގްތިސާދުން ހިއްސާކުރުންކަމަށް ރައީސް ވިދާޅުވިއެވެ.
މުހައްމަދު އިޝާން
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ކޮމެންޓް