މިއަހަރުގެ ދެވަނަ ކުއާޓަރުގައި ދިރާގަށް އާމްދަނީގެ ގޮތުގައި 734 މިލިޔަން ރުފިޔާ ލިބިފައިވާކަމަށް ދިރާގުގެ ކުއާޓަލީ ރިޕޯޓުން ދައްކައިފިއެވެ.
ރިޕޯޓުގައިވާ މިއީ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ލިބުނު 730 މިލިޔަން ރުފިޔާގެ އާމްދަނީއާ އަޅާބަލާއިރު 0.46 ޕަސަންޓުގެ ކުރިއެރުމެކެވެ. ރިޕޯޓުގައިވާ ގޮތުން ދިރާގުން މައިގަނޑު ގޮތެއްގައި އާމްދަނީ ހޯދަނީ މޯބައިލް ހިދުމަތްތަކާއި، ފިކްސްޑް ލައިން، ބްރޯޑްބޭންޑް އިންޓަނެޓް އަދި އެންޓަޕްރައިޒް ވިޔަފާރިތަކުންނެވެ.
އެގޮތުން ދެވަނަ ކުއާޓަރުގައި މޯބައިލް ހިދުމަތްތަކުން އެ ކުންފުންޏަށް 394 މިލިޔަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވެއެވެ. މިއީ އަހަރުގެ ފުރަތަމަ ކުއާޓަރުގައި މޯބައިލް ހިދުމަތުން ލިބުނު 404 މިލިޔަން ރުފިޔާއާ އަޅާބަލާއިރު 2.47 ޕަސަންޓުގެ ދަށްވުމެކެވެ. މޯބައިލް ހިދުމަތްތަކުން ލިބުނު އާމްދަނީ ދަށްވި ނަމަވެސް، ފިކްސްޑް ބްރޯޑްބޭންޑް ހިދުމަތްތަކުން ލިބުނު އާމްދަނީ އިތުރުވެފައިވާ ކަމަށާއި، އެގޮތުން ދެވަނަ ކުއާޓަރުގައި އެ ދާއިރާއިން 315 މިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ ފުރަތަމަ ކުއާޓަރުގައި ލިބުނު 302 މިލިޔަން ރުފިޔާއަށްވުރެ 4.3 ޕަސަންޓުގެ އިތުރު އަދަދެއްކަން ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
ދެވަނަ ކުއާޓަރުގައި ޓެކުހަށް ކެނޑުމުގެ ކުރިން ސާފު ފައިދާގެ ގޮތުގައި 249 މިލިޔަން ރުފިޔާ ދިރާގަށް ލިބިފައިވެއެވެ. އެ އަދަދަކީ ފުރަތަމަ ކުއާޓަރުގައި ލިބުނު 256 މިލިޔަން ރުފިޔާއާ އަޅާބަލާއިރު ދަށް އަދަދެކެވެ. އަދި، ޓެކުހަށް ކެނޑުމަށްފަހު ދިރާގަށް ލިބުނު ސާފު ފައިދާވެސް ވަނީ ދަށްވެފައެވެ.
އެގޮތުން މިއަހަރުގެ ދެވަނަ ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި ލިބިފައިވަނީ 214 މިލިޔަން ރުފިޔާއެވެ. މިއީ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި ލިބުނު 220 މިލިޔަން ރުފިޔާއާ އަޅާބަލާއިރު ދަށް އަދަދެއްކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
މުހައްމަދު އިޝާން
ދިރާގު
ދިރާގު
ދިރާގު
ދިރާގު
ކޮމެންޓް