ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޗުއްޓީއަށް ވަޑައިގަންނަވާ މުއްދަތުގައި، މަޖިލީހުގެ އިދާރާގެ ބޭނުންކޮށްގެން "ޒުވާނުންގެ ޕާލަމަންޓް" ހިންގުމުގެ ހިޔާލެއް ރައީސް ޑރ. މުހައްމަދު މުއިއްޒު ފާޅުކުރައްވައިފިއެވެ.

ޕީއެސްއެމް ނިއުސްގެ "ނޭޝަން ޗެޓް" ޕްރޮގްރާމުގައި މިރޭ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ޒުވާނުންނަށް ހަގީގީ މާނައިގައި މިނިވަންކަން ލިބޭނީ ގައުމު ހިންގުމުގެ ނިޒާމުގެ ތެރެއިން ބަސްބުނުމުގެ ފުރުސަތު ފަހިވެގެން ކަމަށެވެ. އެގޮތުން، މީގެ ކުރިން އެކި ސިފަސިފައިގައި ބާއްވަމުން އައި ޔޫތު ޕާލަމަންޓް، ދާއިމީ އަދި ވަރުގަދަ ނިޒާމެއްގެ ތެރެއަށް ފެއްތުމަކީ އެ މަނިކުފާނުގެ ވިސްނުންފުޅެއްކަމަށް ވިދާޅުވިއެވެ.

ރައީސްގެ ހިޔާލަކީ 93 ދާއިރާއެއް ތަމްސީލުވާނޭހެން، ކޮންމެ ދާއިރާއަކުން ޒުވާނުންގެ މަންދޫބަކު އިންތިހާބު ކުރުމެވެ. އެ މަންދޫބުން ހޮވާނީ އެ ދާއިރާއެއްގެ ޒުވާނުންގެ މެދުގައި ނެގޭ ވޯޓަކުންކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

."އަޅުގަނޑުގެ ހިޔާލުގައި ހުރީ، ރައްޔިތުންގެ މަޖިލިސް ކޮންމެ ދައުރެއް ނިންމާފައި ޗުއްޓީއަށްދާ މުއްދަތުގައި ޒުވާނުންގެ ޕާލަމަންޓް އޮޕަރޭޓް ކުރާ ގޮތަށް ހެދުން،" ރައީސް ވިދާޅުވިއެވެ.

މިއީ އަދި ހިޔާލެއް ނަމަވެސް، މަޝްވަރާގެ ތެރެއިން އެކަން ބައްޓަންކުރެވޭނެކަމަށް ރައީސް ވިދާޅުވިއެވެ. އެ ނިޒާމުގެ ސަބަބުން ގައުމުގެ މުހިންމު ކަންކަމުގައި ޒުވާނުންގެ މަޝްވަރާއާއި ހިޔާލު ސަރުކާރަށް ލިބި، ގައުމު ހިންގުމުގައި ޒުވާނުންގެ ބައިވެރިވުން އިތުރުވެގެންދާނެކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

އެ ޕާލަމަންޓާ ގުޅޭ އިތުރު ތަފުސީލުތަކާއި، ބައިވެރިވެވޭނެ އުމުރުފުރާ ފަދަ މައުލޫމާތުތައް ކުރިއަށް އޮތް ތަނުގައި ހާމަކުރައްވާނެކަމަށް ރައީސް ވިދާޅުވިއެވެ.