ޚަބަރު

ރާވައިގެން ވޯޓު ފޮށިތަކަށް ގެއްލުން ދިނުމުގެ އަމަލުތަކެއް ހިންގަން ބަޔަކު އެބަ މަސައްކަތް ކުރޭ: ފައްޔާޒު

މިއަދު ކުރިއަށްދާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވޯޓު ފޮށިތަކަށް ގެއްލުން ދިނުމުގެ އަމަލުތަކެއް ހިންގުމަށް ބަޔަކު އެބަ މަސައްކަތް ކުރާ ކަމަށް އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.

ޕްރައިމަރީގެ ވޯޓުލުން މިއަދު ހެދުނު 9:00 ގައި ފެށިގެން ކުރިއަށްދާ އިރު، ބައެއް ރަށްރަށުގައި ވޯޓުލާ މަރުކަޒުތަކުގައި ހަމަނުޖެހުން ހިންގައި، ވޯޓު ފޮށިތަކަށް ދަނީ ގެއްލުން ދެމުންނެވެ. އެގޮތުން މިހާތަނަށް ގދ. ތިނަދޫ އާއި އެ އަތޮޅު ރަތަފަންދޫގެ އިތުރުން ގައްދޫގައި އެފަދަ ހާދިސާތަކެއް ވަނީ ހިނގާފައެވެ.

ޕްރައިމަރީގެ ކަންކަން ކުރިއަށްދާ ގޮތާ ގުޅޭ ގޮތުން ފައްޔާޒު މިއަދު "ވަން" އަށް ވިދާޅުވީ، ވޯޓުލުމުގެ ކަންކަން ޖުމުލަކޮށް ދަނީ ރަނގަޅަށް ކަމަށާއި ނަމަވެސް ކުދިކުދި ކަންކަން އެބަ ހިނގާ ކަމަށެވެ.

"ރޭވިގެން ފޮށިތަކަށް ގެއްލުން ދިނުމުގެ އަމަލުތަކެއް ހިންގުމަށް ބަޔަކު މަސައްކަތް އެބަ ކުރޭ. އެއްވެސް ހާލެއްގައި ވޯޓު ފޮއްޓަށް ހަމަލާދީގެން ނުވާނެ،" ފައްޔާޒު ވިދާޅުވިއެވެ.

ޕްރައިމަރީގެ އިންސާފުވެރިކަމާމެދު އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ކެމްޕޭން ޓީމުން އުފައްދާ ސުވާލުތަކަށް ދޭނެ ޖަވާބަކީ ކޮބައިތޯ ސުވާލުކުރުމުން ފައްޔާޒު ވިދާޅުވީ، ޕާޓީގެ ގަވާއިދުތަކާ އެއްގޮތަށް މައްސަލައެއް އޮތް ނަމަ، އެކަން ހުށަހެޅުމުން އެކަން އިންސާފުވެރިކަމާއެކު ބަލާނެ ކަމަށެވެ.