އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ވޯޓްލުން ގދ. ގައްދޫގައި ކުރިއަށްދަނިކޮށް، ބޮޑީކެމެރާ ހަރުކޮށްގެން މީހަކު ވޯޓްލީ މައްސަލަ ހޫނުވެ، އެރަށުގައި ބަހައްޓާފައިވާ ވޯޓް ފޮށި ހަލާކުކޮށްލައި، ވޯޓް ކަރުދާސްތަކާއި ވޯޓާސް ލިސްޓް ވީދާލައިފިއެވެ.
ގައްދޫން "ވަން" އާ ވާހަކަ ދެއްކި މީހަކު ބުނީ ހަމަނުޖެހުން ހިނގީ ބޮޑީ ކެމެރާއެއް ހަރުކޮށްގެން މީހަކު ވަދެ ވޯޓުލުމުން ކަމަށެވެ. އަދި އެކަމާ ހިތްހަމަ ނުޖެހިގެން އެތަނުގައި އެވަގުތު ތިބި މީހުން ވޯޓުލާ މަރުކަޒަށް ވަދެ، ވޯޓު ކަރުދާސްތައް ވީދައި މާރާމާރީ ހިންގާފައިވާ ކަމަށެވެ.
އޭނާ ބުނީ އެއްބަޔަކު ވޯޓުކަރުދާސް ހިފައިގެން ގެއަށްވެސް ގޮސްފައިވާ ކަމަށެވެ. އެހެންކަމުން ވޯޓުގެ ސައްހަކަން ގެއްލިފައިވާ ކަމަށާއި މިވަގުތު ވޯޓުލުން ހުއްޓިފައިވާ ކަމަށެވެ.
"ސައްހަކަމެއް ނޯންނާނެ ދެއްތޯ މޮހެން ކަންތައް ވީމަ. މަރުކަޒަށްވެސް ގެއްލުންދީފަ މިވަނީ. ހުރިހާ ރައްޔިތުންތައް އަރައިގަތީ. އެއްބަޔަކު ވޯޓު ކަރުދާސް ވީދި އިރު އަނެއްބަޔަކު ގެއަށްވެސް ވޯޓުކަރުދާސް ގެންދިޔަ." އޭނާ ބުންޏެވެ.
ގައްދޫ ދާއިރާގެ މަޖިލިސް މެމްބަރު އަހުމަދު ޒާހިރު ވަނީ ގައްދޫގައި ހިނގައިދިޔަ ހަމަނުޖެހުމުގެ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ޕޯސްޓްކުރައްވައިފައެވެ. އެ ވީޑިއޯއެއްގައި ފެންނަނީ ވޯޓްލާ މަރުކަޒަށްވަދެ، އަޑުގަދަކޮށް، ވޯޓު ފޮށީގެ މަތި ނަގައި އެ ފޮށި ބިންމައްޗަށް އެއްލާލި މަންޒަރެވެ. އަދި ބިންމަތީގައި ހުރި ވޯޓު ކަރުދާސްތައް ބޮނޑިކޮށް ބައެއް ކަރުދާސްތައް ވީދާލާ މަންޒަރުވެސް ފެނެއެވެ.
އެމްޑީޕީގެ ޕްރައިމަރީ އިންތިޒާމު ކޮމިޓީގެ މުގައްރިރު އިބްރާހިމް ވަހީދު (އިބުރޭ) "ވަން" އަށް ވިދާޅުވީ ގައްދޫގައި ދިމާވި މައްސަލަ ހައްލު ކުރުމަށްފަހު ވޯޓްލުން އަލުން ފަށާފައިވާ ކަމަށެވެ.
ގައްދޫގެ ވޯޓްލާ މަރުކަޒުގައި ހަމަނުޖެހުން ހިންގާފައިވާ އިރު، މާލޭގައި ބައެއް ވޯޓު ފޮށިތައް ކައިރީގައި މައްސަލަ ވަނީ ބޮޑުވެފައެވެ. އެގޮތުން ތާޖުއްދީން ސްކޫލްގައި ބަހައްޓާފައި ހުރި ގއ. ވިލިނގިލީ ވޯޓު ފޮއްޓަކަަށް ލިސްޓުގައި ނެތް މީހަކު ވޯޓު ދިން ކަމަށް ބުނެ މައްސަލަ ހޫނުވެފައެވެ. ނަމަވެސް މިހާރު ވަނީ މައްސަލަ ހައްލުކޮށް، އަލުން ވޯޓްލާން ފަށައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު