އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ވޯޓުލުން ކުރިއަށްދާއިރު، މާލޭގައި ބަހައްޓާފައި ހުރި އައްޑޫ ސިޓީގެ އެއްވެސް ފޮއްޓަކަށް އަދިވެސް ވޯޓުލާން ނުފަށައެވެ.

ޕްރައިމަރީގެ ވޯޓުލުން ކުރިއަށްދާނީ މިއަދު ހެނދުނު 9:00 އިން ހަވީރު 5:00 އަށެވެ. ނަމަވެސް އިއްޒުއްދީން ސްކޫލުގައި ބަހައްޓާފައި އައްޑޫގެ އެއްވެސް ވޯޓު ފޮއްޓަކަށް އަދިވެސް ވޯޓުލާން ފަށާފައެއް ނުވެއެވެ.

އިއްޒުއްދީން ސްކޫލުގައި ހަރަކާތްތެރިވާ "ވަން" ނޫސްވެރިޔާ މުހައްމަދު ޖަމްޝަތު ބުނީ، ވޯޓުލުން ނުފެށި ލަސްވަނީ ބައެއް ދާއިރާތައް އެއްކޮށް، އެއް ފޮއްޓަކަށް ވޯޓުލާން ހަމަޖައްސާފައިވުމުން އުފެދުނު ޝަކުވާތަކާ ގުޅިގެން ކަމަށެވެ.

އެގޮތުން މަރަދޫ ދާއިރާއާއި މީދޫ ދާއިރާ އެއްކޮށްލާފައިވާއިރު ހިތަދޫގެ ތިން ދާއިރާވެސް ވަނީ އެއްކޮށްލައިފައެވެ.

މި ދާއިރާތައް އެއްކޮށްލުމުން ދާއިރާތައް ވަކިކުރުމަށް އެ ތަނުގައި ތިބި ކެންޑިޑޭޓުންގެ މަންދޫބުން ގޮވާލި ކަމަށް ނޫސްވެރިޔާ ބުންޏެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވޯޓުލުމުގެ ހައްގު ލިބިގެންވަނީ 57،000 މީހުންނަށެވެ. ޕްރައިމަރީގެ އެންމެ ފަހުގެ ތައްޔާރީތައް ކުރިއަށްދާ އިރު، ޕްރައިމަރީގެ ވޯޓުލުން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ މިއަދު ހެނދުނު 9:00 އިން ހަވީރު 5:00 އަށެވެ.

ޕްރައިމަރީގައި ވޯޓުލުމަށް މާލޭގައި 87 ވޯޓުފޮށި ބަހައްޓާފައިވާއިރު، އަތޮޅުތެރޭގައި 192 ވޯޓު ފޮށި ބަހައްޓާފައިވެއެވެ.