އިސްލާމީ ތާރީޚު

މާލެއިން ބުރުސާއިން އިސްތަންބޫލަށް - 31

އަބްދުﷲ ފާރޫގް ހަސަން

(20 ޖެނުއަރީގެ އަދަދާ ގުޅޭ)

سـلطـــان محمّـــد ރަށް ޙިޞާރުކުރެއްވުމަށްފަހު އެމަނިކުފާނުގެ ހެޑްކްއާޓަރުގެ ކުރިމަތީގައި ދިދަޖެއްސެވުމުގެކުރީން ތިންފަހަރު ސަޖިދަކުރެއްވިއެވެ. ފަތަޙަދެއްވުން އެދިވަޑައިގެން ދުޢާކުރެއްވިއެވެ. ޢުޘްމާނީ މުޖާހިދުންވެސް سـلطـــان އާ ބައިވެރިވިއެވެ. ޖަރުމަން މުސަންނިފް ސްޓާފުން ސުވޭގު/ޒުވޭގު ލިޔުއްވައިފައިވެއެވެ. "އޭނާގެ ހެޑްކްއާޓަރުގެ ކުރިމަތީގައި ދިދަ ވިހުރުވައިލެއްވުމުގެކުރީން އޭނާގެ މުސައްލަކޮޅު ގެންނާން އަމުރުކުރެއްވިއެވެ. މުސައްލަ ފަތުރައިލެވުނުހިނދު ހުސްފައިންޕުޅާ މުސައްލައަށް އަރައިވަޑައިގެން މައްކާއާ ދިމާޔަށް އެނބުރިވަޑައިގެން އޭނާގެ ނިތްކުރިފުޅު ތިންފަހަރު ބިންމަތީގައި ޖެއްސެވިއެވެ. (ސަޖިދަކުރެއްވިއެވެ.) އެވަގުތު އޭނާގެ ފަހަތްޕުޅުން އޭނާގެ އާމީގެ އެތަކެއްހާސް މީހުން އެބައިމީހުންގެ ސާހިބާއާ ތަބާވެ އެކަން ތަކުރާރުކުރިއެވެ. އަދި އޭނާ ވިދާޅުވި ބަސްފުޅު ތަކުރާރުކުރަމުން ގެންދިޔައެވެ. އެއީ އެއުރެންކުރި ދުޢާއެކެވެ. އާރާއި ބާރާއި ހަކަތައާއި ބުންވަރާއި ފަތަޙަދެއްވުންއެދި މާތް اللّـــه އަށް ކުރި ދުޢާއެކެވެ. محمّـــد އެހައިތަނުން މުސައްލައިން ތެދުވެވަޑައިގެންފިއެވެ. މާތް اللّـــه ގެ އަޅުވެރިޔާ އެހައިތަނުން ހަނގުރާމަވެރިޔަކަށް (މޭން އޮފް އެކްޝަން) ބަދަލުވެވަޑައިގެންފިއެވެ. މާތް اللّـــه ގެ އަޅަކު މާތް اللّـــه ގެ ސިފައިންގެ މީހަކަށް ބަދަލުވިކަހަލައެވެ." (ޞަފުޙާ: 43)

ޤުސްޠަންޠީނިއްޔާގެ މުޙާޞިރާ ދެމިއޮތީ ފަންސާސް ތިންދުވަހަށެވެ. އެމުއްދަތުގައި މުސްލިމުންވަނީ ރަށް ފަތަޙަކުރަން އިންތިހާދަރަޖަޔަށް ހިތްވަރުކޮށްފައެވެ. އެކަމަކު މުސްލިމުންނާ ކުރިމަތިވަމުންއައީ ހައްތާވެސް ނާކާމިޔާބީއެވެ. އޭގެ އެއްސަބަބަކީ ރަށުގެ ފާރުތަކުގެ ވަރުގަދަކަމެވެ. ތުރުކިޔޭއިންގެ ވަރުގަދަ ބޮޑުބަޑިތަކުގެ ޙަމަލަތަކުންވެސް ރަށުގެ ފާރު ހަލާކުކޮށެއް ނުލެވެއެވެ. ފާރުގެ އެއްވެސްބަޔެއް ކުޑަކޮށްވެސް ދެރަވަރުވެ ދޯހަޅިވެއްޖެކަމުގައިވާނަމަ ޔޫނާނީން ވަގުތުން އެތަނެއް މަރާމާތުކޮށްލައެވެ. ކުރީންވެސް ދަންނަވައިފައިވާނެ ފަދައިން سـلطـــان محمّـــد ثــانـــــى ވަނީ އެފާރުތަކަށް ޙަމަލަދެއްވުމަށްޓަކައި ޚާއްޞަގޮތެއްގައި ވަރުގަދަ ބަޑިތަކެއް ހައްދުވައިފައެވެ. ޔޫރަޕުގެ ތާރީޚުގައި އެއީ ގަދަފަދަ ކިއްލާއެއްގެ ފާރު ވައްޓައިލުމަށްޓަކައި ބޮޑުބަޑީގެ ބޭނުންކުރެވުނު އެންމެފުރަތަމަ ފަހަރުކަމުގައި ބެލެވެއެވެ. ވާރލްޑް ހިސްޓްރީގެ މުސަންނިފް ވިލިޔަމް އެލް. ލެންގަރ ލިޔުއްވައިފައިވެއެވެ. "ގަދަފަދަ ކިއްލާތަކަކުން ބަންދުކުރެވިފައިވާ ރަށެއް ޙިޞާރުކުރުމުގައި ބޮޑުބަޑި ބޭނުންކުރުމުގެ މިސާލެއް އެންމެފުރަތަމަ ދުނިޔެއަށް ދެއްކީ ތުރުކިޔޭއިންނެވެ. ޤުސްޠަންޠީނިއްޔާ ޙިޞާރު ކުރުމުގެ ތެރޭގައެވެ."

ލަކުޑީގެ ޓަވަރުތަކެއް

سـلطـــان محمّـــد ثــانـــــى ޤުސްޠަންޠީނިއްޔާ ފާރުގެ ބޭރުގައި އޮންނަ ޚަންދަޤުގެ ކައިރިޔަށް އޭނާގެ ލަޝްކަރު ގެންދަވައި އެތައްދިމާއަކުން ޚަންދަޤު ބަރުއްވައިގެން ފާރާހަމަޔަށްދެވޭނެ މަގުހެއްދެވިއެވެ. އެގޮތުން ޢުޘްމާނީ ލަޝްކަރަށް ޤުސްޠަންޠީނިއްޔާގެ ފާރާހަމަޔަށް ދެވުނެވެ. އެކަމަކު ފާރުމައްޗަކަށް އަރައެއް ނުގަނެވެއެވެ. ޢީސާއީން "ރޫމީ އަލިފާން" އުކަމުން ގެންދާތީއެވެ. ތުރުކިޔޭއިންނަށް މަޖްބޫރުވަނީ އެނބުރި އަންނާށެވެ. سـلطـــان محمّـــد ثــانـــــى އެހެން ތަދުބީރެއް ވިސްނައިވަޑައިގެންނެވިއެވެ. އެމަނިކުފާނު އުސް ލަކުޑި ޓަވަރުތަކެއް ނުވަތަ ޖުންގުތަކެއް ހެއްދެވިއެވެ. އެތަކެތި ހެއްދެވީ ފާރާ އެއްއުސްމިނަކަށެވެ. އެ ޖުންގުތަކުގެ މަތީގައި ހުންނަނީ ލަކުޑި ސިޑިއެއް ހަރުކޮށްފައެވެ. އެ ޖުންގުތަކުގައި ހުންނަނީ ފުރޮޅުލައިފައެވެ. ފަސޭހަކަމާއެކު ތަންތަނަށް ގެންދެވޭގޮތަށެވެ. އެ ޖުންގުތައް ޚަންދަޤު ދޮށަށް ކައިރިކޮށްލައިފައި ޖުންގުގެ މަތީގައި ހަރުކޮށްފައިހުންނަ ހަރުގަނޑުގެ އެއްކޮޅު ފާރުމައްޗަށް އަރުވަނީއެވެ. އެގޮތުން ޚަންދަޤުގެ މަތީން ފާލަމެއް އަޅައިލެވެއެވެ. ޢުޘްމާނީ ސިފައިން "އެފާލަމުން" ލައިފައި ފާރުމައްޗަށް އަރައިގަންނާން ހިތްވަރާއެކު މަސައްކަތްކުރެއެވެ. އެކަމަކު އެގޮތަކަށްވެސް ފާރުމައްޗަކަށް ނޭރެއެވެ. ރަށުގެ އަހުލުވެރީން ނުހަނު ހީވާގިކަމާއި ހުސިޔާރުކަމާއެކު އަލިފާން ބޯޅަތައް އުކައި ޖުންގުތަކުގައި ރޯކޮށްލައެވެ. އެހެންކަމުން ޖުންގުތަކުގެ ފާލަމަކުން ފާރުމައްޗަކަށެއް ނޭރުނެވެ. (ތާރީޚެ އިސްލާމް: 380)

سـلطـــان محمّـــد ގެ ލަޝްކަރު ވަރުގަދަޔަކަށް ޙަމަލަދެމުން ގެންދާއިރު ރޫމީންވެސް ގެންދިޔައީ އެހައިމެ ފޯރިއާއި ކުޅަދާނަކަމާއެކު ދިފާޢުކުރަމުންނެވެ. ނަތީޖާއެއްގެގޮތުން ތުރުކިޔޭއިންނަށް ފަހަތަށްޖެހޭންވެސް ޖެހުނެވެ. އަނެއްކޮޅުން އެދުވަހު ކަނޑުމަތީގައި ހިނގި ހަނގުރާމައިގައިވެސް ޔޫނާނީންގެ ބޮޑެތިބޮޑެތި ނައުފަހަރާ ދިމާކުރުމުން ތުރުކިއޭއިންގެ ނައުފަހަރަށް ވަރަށްބޮޑަށް ގެއްލުން ލިބުނެވެ. އެދުވަހު ޖެނީވާއިން ޣަލްޠާއަށް އައި ނައުފަހަރު ވަށައިލަން ތުރުކީ ނައުފަހަރުން ކުރިމަސައްކަތްވެސްވީ ނާކާމިޔާބެވެ. ކުއްލިޔަކަށް ވައިބަދަލުވުމުގެ ސަބަބުންނެވެ. ޖެނީވާގެ ނައުފަހަރު ތުރުކިޔޭ ނައުފަހަރުގެ ތެރެއިންލައިފައިގޮސް ބަނދަރަށް ވަދެއްޖެއެވެ.

އެއްގަމުގައި ނައުފަހަރު ދުއްވެވުން

سـلطـــان محمّـــد ثــانـــــى ޤުސްޠަންތީނިއްޔާ ޙިޞާރުކުރެއްވުމުގެ ތެރޭގައިވަނީ އެއްގަމުގައި ނައުފަހަރު ދުއްވެވުމުގެ ޢަމަލީ މިސާލު ދުނިޔެއަށް ދައްކަވައިފައެވެ. ޝައްކެއްނެތެވެ. އެކަމަކީ އެޒަމާނުގައިވެސް އަދި މިޒަމާނުގައިވެސް ބުއްދިތައް އަންތަރީސްކޮށްލާފަދަ މަސައްކަތެކެވެ. އިނގިލިކުރީގައި ދައިގަނެވޭފަދަ އާދަޔާ ޚިލާފު މަސައްކަތެކެވެ. سـلطـــان محمّـــد ގެ އާދަޔާ ޚިލާފު ދުރުވިސްނުންފުޅާއި ބުއްދިފުޅު ތަނަވަސްކަމާއި ހިންމަތްތެރިކަމާއި ޢަޒުމުފުޅު ވަރުގަދަކަމަށް ސާބަސް ދަންނަވާންޖެހޭ ކަމެކެވެ.

ޖަރުމަން މުސަންނިފް ސްޓެފަން ސުވޭގު/ޒުވޭގު ލިޔުއްވައިފައިވެއެވެ. "ފަރުބަދަތަކުގެ މަތީންލައިފައި އެއްބަނދަރުން އަނެއް ބަނދަރަށް ނައުފަހަރު ގެންދިޔުމުގެ ހުށަހެޅުއްވުމަކީ ޙައިރާންވާފަދަ އާދަޔާޚިލާފު ހުށަހެޅުއްވުމެކެވެ. އެއްނަޒަރަކުން ބަލާއިރު އެއީ ޚިޔާލީ ވާހިޔާތެއްފަދަ ކަމެކެވެ. ބައިޒެންޓެއިނުންވެސް ޣަލްޠާ (އިސްތަންބޫލުގެ ބަޔެއް) ގައި ތިބި ޖެނީވާ މީހުންވެސް އެކަމުގެ އެކަށޭނަކަމާމެދު ދުވަހަކުވެސް ވިސްނައިފައެއްނެތެވެ. އެކަމަކީ ރޯމަނުންނާއި އޮސްޓްރިޔާގެ މީހުން ހަނީބާލަށް ނުވަތަ ބޯނާޕާޓަށް އެލްޕުސް ފަރުބަދަ ހުރަސްކުރެއްވޭނެކަމަށް ހުވަފެނެއްގައިވެސް ނުދެކޭ ފަދައިން ޣަލްޠާއާއި އިސްތަންބޫލުގެ މީހުންވެސް ދުވަހަކުކޮޅުންވެސް ވެދާނެކަމަށް ޚިޔާލަށްވެސް ނުގެންނަ ކަމެކެވެ. އެކަމަކު އޭނާ (سـلطـــان محمّـــد ثــانـــــى) ބަޔެއްގެ ޚިޔާލަށްވެސް ނުގެނެވޭހައި އަވަހަށް އެކަން ކުރައްވައި ނިންމައިލެއްވިއެވެ."

މިދެންނެވި މުސަންނިފް އިތުރަށް ލިޔުއްވައިފައިވެއެވެ. "އިންސާނީ ތަޖުރިބާއިން ސާބިތުވާގޮތުގައި ނައުފަހަރަކީ ފެނުގައި (ކަނޑުތަކާއި ކޯރުތަކުގައި) ދުއްވާ އެއްޗެކެވެ. އެއީ ކަނޑުގައި ދުއްވަން ބަންނަ އުޅަނދުފަހަރެވެ. ފަރުބަދަމައްޗަކު ނައުފަހަރެއް ނުދުއްވެއެވެ. އެކަމަކު ޢަޒުމާއި ޔަޤީންކަމުގެ ބާރަކީ "އެކަށީގެންނުވާ ކަމެއް" މިނަން ނުވެސް ދަންނަ ވަރުގަދަ ބާރެކެވެ. ޙަޤީޤީ ޢަސްކަރީ ވިސްނުންތެރިކަމަކީ ހަނގުރާމައިގެ ދުވަސްވަރު ހަނގުރާމައިގެ ޢާންމު އުސޫލުތައް ދޫކޮށްލައި ތަފާތު އައުގޮތްތައް އީޖާދުކޮށްގަތުމެވެ. ބޭނުންވާހިނދު މުސްކުޅި ގޮތްތައް އެއްފަރާތްކޮށްލައިފައި ތިމާގެ އުފެއްދުންތެރި އައު ޚިޔާލުގެ މައްޗަށް ބަރޯސާވެ ތަފާތު ގޮތްތައް ހޯދައިގަތުމެވެ. (ޞަފުޙާ: 35)

سـلطـــان محمّـــد ثــانـــــى އަށް އެއްގަމުގައި ނައުފަހަރު ދުއްވަވަން ޖެހިވަޑައިގެންނެވި ޤުސްޠަންޠީނިއްޔާ ޙިޞާރުކުރައްވައިގެން އެރަށް ފަތަޙަކުރައްވާން އެއްގަމުމަގުން ކުރެއްވި ވަރުގަދަ ޖިހާދުން އެދެވޭ ނަތީޖާއެއް ފެނިވަޑައިނުގެންނެވުމުންނެވެ. އެމަނިކުފާނަށް ޔަޤީންވެވަޑައިގެންނެވީ ގޯލްޑަންހޯނުގެ ތެރެއިން ލައްވައިފައި ވަޑައިގެން އެދިމާއިން ބަނދަރުމަތީންވެސް ޙަމަލަދެއްވައިގެން މެނުވީ ރަށް ފަތަޙަ ނުކުރެއްވޭނެކަމެވެ. އެދިމާއިން ޙަމަލަދެއްވަން ނިސްބަތުން ފަސޭހަވާނެކަމެވެ. ސަބަބަކީ އެދިމާއިން ރަށުގެ ފާރު ތަންކޮޅެއް ތިރިވެފައި ޚަންދަޤުވެސް ވަރުގަދަ ނޫންކަމެވެ. ގޯލްޑަންހޯނަކީ ބޮސްފަރަސް ކަނޑުއޮޅީގެ ތެރެއިން ރަށުގެ ފަސްގަނޑާ ގުޅިގެން މޭލުތަކަކަށް އެތެރެޔަށް ވަދެފައިއޮންނަ ކަތްޕެކެވެ. ނުވަތަ ކޮއްލަވާންޏެކެވެ. ގޯލްޑަންހޯނުގެ ދެފަރާތުގައިވެސް ޤުސްޠަންޠީނިއްޔާގެ އާބާދީ އޮވެއެވެ. އެއްފަރާތަކަށް ކިޔަނީ ޣަލްޠާއެވެ. (އެދުވަސްވަރު ޣަލްޠާގައި ތިބީ ޖެނީވާގެ މީހުންނެވެ.) އަނެއްފަރާތަށް އިސްތަންބޫލެވެ. އެކަމަކު ކުރީންވެސް ދަންނަވައިފައިވާ ފަދައިން ގޯލްޑަންހޯނަށް ވަދެވޭން އޮންނަ އެ ކަނޑުއޮޅީގެ އަނގަމަތީގައި ރޫމީންވަނީ ވަރުގަދަ ޗޭނެއް އަޅައިފައެވެ. ހުސްއެކަނި އެ ޗޭނާހުރެވެސް ބޭރުބަޔެއްގެ ނަވަކަށް އެތެރެޔަށް ވަދެވުމަކީ މުސްތަޙީލު ކަމެކެވެ. އޭގެއިތުރަށް އެ ކަނޑުއޮޅީގެ އަނގަމަތި ބަލަހައްޓަން ޔޫނާނީންގެ ކަނޑުގެ އަރުމާޒުގެ ބަޔެއް ސަމާލުވެ ހޭލައި ތިބެއެވެ. އިނގިރޭސީންގެ މަޝްހޫރު މުއައްރިޚެއްކަމުގައިވޭ އެޑްވަޑް ގިބޯން އޭނާގެ މަޝްހޫރު ތަޞްނީފެއްކަމުގައިވާ (The Decline & Fall of Roman Empire - ch. IVIII) ގައި ލިޔުއްވައިފައިވެއެވެ.

"އެއްގަމުމަގުންނާއި ބަނދަރުގެ ތެރެއިން އެއްފަހަރާ ޙަމަލަދެވިގެން މެނުވީ ރަށް ފަތަޙަކުރެވުމުގެ ކުޑަވެސް އުންމީދެއްނެތެވެ. އެކަމަކު ބަނދަރާ ހަމަޔަށް ވާސިލުވެވުމަކީ އެކަށީގެންވާ ކަމެއްނޫނެވެ. އެންމެފުރަތަމަ ކަމެއްގެގޮތުން އެކަނޑުއޮޅި އަނގަމަތީގައި އަޅައިފައިވާ ވަރުގަދަ ފުކުރައިނުލެވޭ (ކަނޑައިނުލެވޭ) ވަރުގެ ވަރުގަދަ ޗޭނެވެ. ދެވަނަޔަށް ގޯލްޑަންހޯނުގެ އަނގަމަތި ބަލަހައްޓަން ޔޫނާނީންގެ ހަނގުރާމަމަތީ އަރުމާދުގެ އެންމެބޮޑެތި އަށްނަވާއި ވިއްސަށްވުރެގިނަ ކުދި ނައުފަހަރާއި އެތައްބައިވަރު ބައްތެލިފަހަރެއް އަބަދު ސަމާލުވެ ހޭލައި ތިބެއެވެ. އެހުރަސްތައް ގިރާކުރުމަށްޓަކައި ތުރުކިޔޭއިން ވިސްނާންޖެހެނީ ޔޫނާނީންގެ ކަނޑުގެ އަރުމާދާ ބޭރުކަނޑުގައި ކުރިމަތިލާށެވެ. އެއީވެސް ފަސޭހަކަމެއް ނޫނެވެ. سـلطـــان محمّـــد ثــانـــــى ގެ ތޫނު ވިސްނުންފުޅުން ނުހަނު ހިތްވަރުފުޅުގަދަ އަދި ޤަބޫލުކުރާންދަތި އަދި ޙައިރާންކުރުވަނިވިގޮތެއް ހޯއްދެވީ މިއުނދަގޫތަކުން ސަލާމަތްވެވަޑައިގެންނެވުމަށްޓަކައެވެ. އޭނާ އެ ވިސްނުންފުޅާ އެއްގޮތަށް ކަންކަން ރާއްވަވައި އެކަން ތަންފީޒުވެސް ކުރެއްވިއެވެ. سـلطـــان محمّـــد އޭނާގެ ހަނގުރާމަމަތީ ކުދި ނައުފަހަރާއި ޢަސްކަރީ ކޮށާރު އެއްގަމުމަގުން ލައްވައިފައި ބޮސްފަރަސުން ގޯލްޑަންހޯނަށް ބަދަލުކޮށްލެއްވިއެވެ. އެއީ ގާތްގަނޑަކަށް ދިހަމޭލުގެ މަގެކެވެ. ނުވަތަ އަރިވަރެކެވެ. އެތާނގެ ބިންގަނޑު އަޑިގުޑަނެވެ. ކުދިބޮޑު ގަސްތައް ފެތުރިފައި ހުއްޓެވެ. (ބާބު: 1، ޞަފުޙާ: 68)

سـلطـــان محمّـــد ثــانـــــى އެމަނިކުފާނުގެ ސިކުނޑިފުޅުގައި ރޭއްވެވި މަޝްރޫޢު އެމަނިކުފާނުގެ އިންޖިނޭރުންގެ ކުރިފުޅުމައްޗަށް ހުށަހެޅުއްވުމުން އެބޭފުޅުން ވަރަށްބޮޑަށް ޙައިރާންފުޅުވިއެވެ. ނަމަވެސް سـلطـــان محمّـــد ވާހަކަފުޅު ދައްކަވައިގެން އެކަމަކީ ކުރެވިދާނެ ކަމެއްކަން އިންޖިނޭރުން ލައްވައި ޤަބޫލުކުރުއްވިއެވެ. سـلطـــان ވިދާޅުވިއެވެ. އެންމެފުރަތަމަ އެތާނގައިހުރި ގަސްތައް ކޮށައި ބިންގަނޑު އެއްވަރުކުރާނީއެވެ. އެއަށްފަހު ޖަންގަލީގެ ތެރެއިން ބޮޑެތި ގަސްތައް ކަނޑައިގެން އެއިން ފިލާކީހައިފައި ގިނަޢަދަދެއްގެ ޖަނަވާރު ކަތިލައި އެތަކެތީގެ ސަރުބީއާއި ތެލާއެއްކޮށްފައި ފިލާތަކުގައި ލާނީއެވެ. އެއަށްފަހު ފިލާތަކުގެ މައްޗަށް ނައުފަހަރު އަރުވައިގެން ފަސޭހަކަމާއެކު ކޮއްޕައިފައި ގޯލްޑަންހޯނަށް ގެންދެވިދާނެއެވެ. (ތާރީޚެ އިސްލާމްކީ ޢަޡީމު ޝަޚްޞިއްޔާތު)
سـلطـــان محمّـــد ثــانـــــى އެމަނިކުފާނުގެ ނައުފަހަރު ބޮސްފަރަސްއިން ގޯލްޑަންހޯނަށް ގެންދެވިގޮތާ ބެހޭގޮތުން ޔޫރަޕިޔަން މުއައްރިޚުންނާއި އެނޫންވެސް ތާރީޚު ޢިލްމުވެރީންވަނީ ވާހަކަ ދައްކަވައިފައެވެ. ލިޔުއްވައިފައެވެ. އަޅުގަނޑު މިވާހަކަ މިނަކަލުކުރަނީ މުސްލިމު މުއައްރިޚެއްގެ ތަޞްނީފަކުންނެވެ. މިދެންނެވި މުއައްރިޚު ލިޔުއްވައިފައިވެއެވެ.

"ބައިޒެންޓެއިން ނައުފަހަރާއި ބައްތެލިފަހަރުން ހުރަސްއަޅާތީ ޢުޘްމާނީ ނައުފަހަރަކަށް ގޯލްޑަންހޯނަކަށް ނުވަދެވެއެވެ. އެހެންކަމުން سـلطـــان محمّـــد ثــانـــــى ބޭނުންފުޅުވީ ބައިޒެންޓެއިން އަރުމާދާ ހުރަހޮޅިވަޑައިނުގެން ގޯލްޑަންހޯނަށް ވެދެވަޑައިގެންނެވޭނެ ގޮތެކެވެ. އެމަނިކުފާނު ބޭނުންފުޅުވީ ޢުޘްމާނީ އަރުމާދުގެ އެއްބައި ބޮސްފަރަސްއިން ގޯލްޑަންހޯނަށް ބަދަލުކުރެއްވޭނެގޮތެއް ހޯއްދަވާށެވެ. އެކަމަށްޓަކައި އެމަނިކުފާނު ކުރެއްވި ތަދުބީރަކީ ޢުޘްމާނީ އަރުމާދުގެ އެއްބައި އެއްގަމުމަގުން ލައްވައިފައި ގެންދަވައި ގޯލްޑަންހޯނަށް ބޭލުއްވޭނެ ގޮތެކެވެ. އެކަމަށްޓަކައި ޖަންގަލީން ގަސްކަނޑުއްވައިގެން ފިލާ ކީއްސެވިއެވެ. އެއަށްފަހު އެފިލާތަކުގައި ސަރުބީއާއި ތެޔޮލެއްވިއެވެ. އެއަށްފަހު އެފިލާތަކުގެ މައްޗަށް ނައުފަރު އަރުވައިގެން ފަސޭހައިން ދަމައިފައި ގެންދެވޭގޮތަށެވެ. ނައުފަހަރު ގެންދަވަންޖެހޭ މަގުގައި ތަންކޮޅެއް އުސްހިލަގަނޑުގަނޑާއި ފަރުބަދަތައްވެސް ހުއްޓެވެ. ނައުފަހަރު އެތަންތަނަށް އެރުވުމަކީ ފަސޭހަކަމެއް ނޫނެވެ. އެކަމަކު ޢުޘްމާނީ ނައުފަހަރުގެ ކޮޑިގަނޑު ތަންކޮޅެއް ކުއްޖެވެ. އެހެންކަމުން ތުރުކިޔޭ ސިފައިން އެކިގޮތްގޮތުން މަސައްކަތްކޮށްގެން އެ ނައުފަހަރު ފަރުބަދަތަކުގެ މައްޗަށް އެރުވުމުގައި ކާމިޔާބު ހޯދިއެވެ. 24 އެޕްރީލް 1453 ގައި (12 ޖުމާދަލްއޫލާ 857 ގައި) އެއްރެއެއްގެ މަސައްކަތުން ހަތްދިހަވަރަކަށް ނައު (ސްޓެފަން ސުވޭގު/ޒުވޭގު ލިޔުއްވާގޮތުގައި ހަތްދިހަ ނައު) ބޮސްފަރަސުން އެއްގަމުން ލައްވައިފައި ގެންދަވައި ގޯލްޑަންހޯނަށް ބާލުއްވައިފިއެވެ. سـلطـــان ހުންނެވީ މުޙާޞިރާގެ ތެރޭގައި ދިމާވެދާނެ ހުރިހައި ޙާލަތަކާ ކުރިމަތިލައްވަން ކުރީއްސުރެ ތައްޔާރުވެވަޑައިގެންނެވެ. އެކަމަކު ނައުފަހަރު ބަދަލުކުރުމުގެ މަސައްކަތަކީ އައުވިސްނުންފުޅެކެވެ. މަސައްކަތްކޮށްލެއްވި ހަލުއިކަމާއި އަވަސްކަމުން ބައިޒެންޓިޔަނުންނަކަށް މަސައްކަތްޕުޅަށް ހުރަސްއަޅާނެ ފުރުޞަތެއް ނުލިބުނެވެ. ރަށުގެ އަހުލުވެރީން ހެނދުނު ތެދުވެ ބަލައިލިއިރު ފެނުނީ ތުރުކިޔޭ އަރުމާދު ގޯލްޑަންހޯނުގެ އެންމެ އެތެރޭގައި އޮއްވައެވެ. އެމަންޒަރު ފެނުމުން އެބައިމީހުންނަށް ލިބުނު އަޖައިބުކަމާއި ޙައިރާންކަމުގެ ކޮޅެއްނެތެވެ. ބިރުވެރިކަމާއި ކަންބޮޑުވުމުގެ ހައްދެއްނެތެވެ. އެބައިމީހުންގެ ބޮޑެތި ނައުފަހަރާއި ގަދަފަދަ ޗޭނުގެ ހުރަސް ގިރާކޮށް ތުރުކިޔޭއިން އެހައިގިނަ ނައުފަހަރު ރޭގަނޑެއްގެ ހަތަރުދަމުން ގޯލްޑަންހޯނަށް ގެންދިޔަގޮތެއް ޚިޔާލަށްވެސް ނުގެނެވުނެވެ. އެބައިމީހުންގެ ލޯތަކަށް ފެނުނު ފެނުން ޔަޤީނެއް ނުކުރެވުނެވެ. އެބައިމީހުން ލޯ އުނގުޅައުނގުޅައިފައި އެމަންޒަރު ބަލަމުން ގެންދިޔައެވެ. މިފެންނަނީ އަނެއްކާ ހުވަފެނެއް ނޫންބާވައޭ އެބައިމީހުންގެ ހިތަށްއެރިއެވެ."

މުޢުޖިޒާތަކުގެ މުޢުޖިޒާ

މިދެންނެވި މުސަންނިފް އިތުރަށް ލިޔުއްވައިފައިވެއެވެ. "ފެންނަ ފެނުމަށް ބަލާއިރު މިކަމާމެދު ބެލެވެނީ މުޢުޖިޒާއެއްފަދަ ކަމެއްކަމުގައެވެ. ދިގުމަގެއްގައި ފިލާއަތުރައިގެން އެފިލާތަކުގެމަތީން ނައުފަހަރު ދަމައިފައި ނުވަތަ ކޮއްޕައި ގެންދިޔުމާއި މަގުމަތީން ދިމާވާ އުސް އެތަކެއް ފަރުބަދަތަކެއްގެ މައްޗަށް އަރުވައިގެން ފަތިސްވެ އަލިވިލުމުގެކުރީން އެހައިގިނަ ނައުފަހަރު ގޯލްޑަންހޯނަށް ގެންގޮސް ބޭލުމަކީ އެކަމަށްޓަކައި ކިތަންމެވަރަކަށްވެސް ފަޚުރުވެރިވެވޭފަދަ އާދަޔާ ޚިލާފު މާސިންގާ މަސައްކަތެކެވެ. ބޮޑު މަސައްކަތެކެވެ. އެކަމުން އެނގެނީ سـلطـــان محمّـــد ثــانـــــى އަށް ޤުދުރަތުން ދެއްވައިފައިވަނީ ކިހައިމަތިވެރި ކިހައިތަނަވަސް ވިސްނުންފުޅެއްކަމެވެ. އަދި އެމަނިކުފާނަކީ ކިހައިވަރުގަދަ ޢަޒުމުފުޅެއްގެ ވެރިޔެއްކަމެވެ. މީގެއިތުރަށް އެމަނިކުފާނަށް ލިބިވަޑައިގެންފައިވާ ބައިވެރީންނަކީވެސް އެމަނިކުފާނުގެ ކޮންމެ އަމުރުފުޅަކީ ފަރުޟުޢައިނެއް ކަމުގައިބަލާ ބަޔެއްކަމެވެ. ބިރުވެރި މުޞީބަތްތަކާއި ދަތިއުނދަގޫތަކަށް އެމީހުން އެއްގޮތަކަށްވެސް ފަރުވާލެއް ނުބަހައްޓާކަމެވެ. މި އަފޫރުއްބަ މަސައްކަތް ކޮށްނިންމައިލި ތުރުކިޔޭ އިންޖިނޭރުންނަށް ކިތަންމެވަރަކަށް ތާރީފުކުރި ކަމުގައިވިޔަސް ކުރެވޭ ތާރީފު ކުޑައެވެ. އެދުވަސްވަރުގެ ބޭރުގެ މުއައްރިޚުންނާއި ތުރުކިޔޭގެ މުއައްރިޚުންވެސްވަނީ އެބައިމީހުންގެ މަތިވެރި ލިޔާޤަތާއި މިސާލެއްނުވާފަދަ ޤާބިލިއްޔަތަށް ހިތްފުރޭންދެން ތަޢުރީފު ކޮށްފައެވެ. އެބައިމީހުން މިވަނީ ނާމުމްކިން ކަމެއް މުމްކިން ކަމަކަށް ހަދައިފައެވެ." (سـلطـــان محمّـــد فــاتــــح، ޞަފުޙާ: 69-71)

ޖަރުމަން މުއައްރިޚު ސްޓެފަން ސުވޭގު/ޒުވޭގު سـلطـــان محمّـــد الــفــاتــــح ގެ މިމަތިވެރި މަސައްކަތްޕުޅު ސިފަކުރައްވައިފައިވަނީ މުޢުޖިޒާތަކުގެ މުޢުޖިޒާއެއް (The Miracle of Miracles) ކަމުގައެވެ. (ޞަފުޙާ: 53) ތާރީޚުގައި އޭގެ މިސާލެއްނުވާ ކަމެއްކަމުގައެވެ. (Almost without Parallel in History) ހަނީބާލާއި ނަޕޯލިޔަންގެ އިންތިހާދަރަޖައިގެ ހިތްވަރުފުޅުގަދަ މަސައްކަތްޕުޅުތަކާ (Boldest Exploits) އެއްފެންވަރެއްގެ މަސައްކަތްޕުޅެއް ކަމުގައެވެ. (ޞަފުޙާ: 54)

މިތާނގައި ފާހަގަކޮށްލުން އެކަށީގެންވާ ކަމެކެވެ. ތުރުކިޔޭއިން ބޮސްފަރަހުން ގޯލްޑަންހޯނަށް ނައުފަހަރު ބަދަލުކުރަމުން ގެންދިޔައިރު ތުރުކިޔޭއިންގެ ބޮޑުބަޑިތައް އެސްފިޔަޖަހައިލާހައި ހިނދުކޮޅަކަށްވެސް ހިމޭނެއް ނުވެއެވެ. އަދި ކީއްތޯއެވެ؟ ހުއްޓައިނުލައި ދިޔައީ ބަޑިޖަހަމުންނެވެ. މަޤްޞަދަކީ ތުރުކިޔޭއިން ގޯލްޑަންހޯނަށް ބާލަމުންގެންދިޔަ ނައުފަހަރަށް ޙަމަލަދިނުމުގެ ހޭވެރިކަން ޔޫނާނީ އަރުމާދަށް ލިބުނަ ނުދިނުމެވެ. ތުރުކިޔޭއިން ގެންދާން ބޭނުންވި ޢަދަދަށް ގޯލްޑަންހޯނަށް ނައުފަހަރު ގެންދިއުމުގެ ފުރުޞަތު ތުރުކިޔޭ ޢަސްކަރިއްޔާއަށް ހޯދައިދިނުމެވެ.

(ނުނިމޭ)