އިންޓަގްރޭޓެޑް ޓޫރިޒަމަށް ތަރައްގީ ކުރާ އައްޑޫ ހަންކެޑެ މަޝްރޫއު ސަރުކާރުން މިއަދު އިއުލާންކޮށްފިއެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު، ގަރާރަކުން ސަރުކާރުގެ ޓުއަރިޒަމް ރިއަލްއެސްޓޭޓް ޑިވަލޮޕްމަންޓް ޕްރޮޖެކްޓް ސަރަހައްދަކަށް ހަންކެޑެ ކަނޑައަޅުއްވާފައިވަނީ 2021 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ދެވަނަ ދުވަހުއެވެ.
އިންޓަގްރޭޓެޑް ޓޫރިޒަމަށް އައްޑޫ ހަންކެޑެ ތަރައްގީ ކުރަން ހަވާލުކޮށްފައިވަނީ މޯލްޑިވްސް ފަންޑު މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (އެމްއެފްއެމްސީ) އާއެވެ. އެ ކޯޕަރޭޝަނުން ހަންކެޑެ މަޝްރޫއު އިއުލާންކޮށްފައިވަނީ އެތަނުގެ ޑިޒައިންގެ ފޮޓޯއާއެކުއެވެ.
އެމްއެފްއެމްސީން މިއަދު ކުރި ޓްވީޓެއްގައި ބުނީ މި މަޝްރޫއުގެ ދަށުން ހަންކެޑޭގައި 1،041 ކޮޓަރި ހެދުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި ކޮޓަރިތައް ހެދުމަށް ހަމަޖެހިފައިވަނީ ތަފާތު އެކި ރޭންޖުތަކާއި ތަފާތު ޑިޒައިންތަކަށް ކަމަށެވެ.
މި މަޝްރޫއަކީ އައްޑޫގެ ޓޫރިޒަމް ބަދަލުކޮށްލާނެ މަޝްރޫއެއް ކަމަށާއި މި މަޝްރޫއުގެ ސަބަބުން އައްޑޫގެ ރައްޔިތުންނަށް ގިނަ ވަޒީފާތަކެއް ފަހިވެގެންދާނެ ކަމަށެވެ. އަދި ކުދި، މެދުފަންތީގެ ވިޔަފާރިތަކަށް ފުރުސަތު ހުޅުވިގެންދާނެ ކަމަށްވެސް އެމްއެފްއެމްސީން ބުންޏެވެ.
ހަންކެޑެ ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމަށް 2006 ވަނަ އަހަރު ވަނީ ބަޔަކާ ހަވާލުކޮށްފައެވެ. ނަމަވެސް ދެ ފަހަރަށް ހަވާލުކުރުމުންވެސް އެ މަސައްކަތް ކުރިއަށް ގެންދެވިފައެއް ނުވެއެވެ.