އަނެއް ދިވެހިރާއްޖޭގެ މަލަމަތި ފެނިވަޑައިގަންނަވާ ކަމަށާއި މިއަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބުކުރައްވައި، އަނެއް ދިވެހިރާއްޖެއަށް ކުރާ ދަތުރު މި ނޮވެމްބަރު މަހު ފައްޓަވާނެ ކަމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދުގެ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭން ނިންމުމުގެ ޖަލްސާ މިރޭ އާޓިފިޝަލް ބީޗްގައި ބާއްވާފައިވާ އިރު، އެމަނިކުފާނަށް ސަޕޯޓް ކުރާ ގިނަ ބަޔަކު ވަނީ އެ ޖަލްސާގައި ބައިވެރިވެފައެވެ. ޖަލްސާގައި ވާހަކަދެއްކެވީ ރައީސް ނަޝީދު އެކަންޏެވެ.
ނަޝީދު ވާހަކަފުޅުދެއްކެވީ، އެމަނިކުފާނުގެ ކެމްޕޭން ލަވަ ޖަހައިގެންނެވެ. ލަވައާ އެއްވަރަށް ފޯރި ނަންގަވަމުން، އަތްޖައްސަވަމުން ރައީސް ނަޝީދު ގެންދެވީ ދޭތެރެ ދޭތެރެއިން އެމަނިކުފާނުގެ ވައުދުފުޅުތައް ވިދާޅުވަމުންނެވެ.
ނަޝީދު ވިދާޅުވީ އަސްލު އެމްޑީޕީ ނުކުމެއްޖެ ކަމަށާއި މި އިންތިހާބު ވަރަށްވެސް ފަސޭހަކަމާއެކު ކާމިޔާބުކުރައްވާނެ ކަމަށެވެ.
"އަޅުގަނޑުމެންގެ ރާއްޖެ މިވަނީ ބަދަލުވެފައި. އަޅުގަނޑުމެން ދެން ނުގަނެވޭނެ. ސަރުކާރު ހިއްސާވާ ކުންފުނީގެ ކަސްދޮޅުގައި އަޅުގަނޑުމެނެއް ނުބޭތިއްބޭނެ،" ނަޝީދު ވިދާޅުވިއެވެ.
"އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ދެން ނުހުއްޓުވޭނެ. ހޮނިހިރު ދުވަހުންވެސް އަޅުގަނޑުމެން މޮޅުވާނެ އިރާދަކުރެއްވިއްޔާ، ސެޕްޓެމްބަރު މަހުވެސް މޮޅުވާނެ. ނޮވެމްބަރު މަހު އަޅުގަނޑުމެން ތިބޭނީ އަނެއްކާވެސް އެމްޑީޕީގެ ވެރިކަމެއްގައި،" ނަޝީދު ވިދާޅުވިއެވެ.
މި އިންތިހާބު އެމަނިކުފާނުގެ އަތްޕުޅުން ނުގެންދެވޭނެ ކަމަށާއި ވަގު ވެސް ނުހެދޭނެ ކަމަށެވެ. ފައިސާދީގެން ނުގަނެވޭނެ ކަމަށާއި އިންތިހާބު އޮޅުވައިވެސް ނުލެވޭނެ ކަމަށް ނަޝީދު ވަނީ ވިދާޅުވެފައެވެ.
"މާ ކުރީގައި އަޅުގަނޑުމެން ފެށި ދަތުރެއް. މި ރާއްޖެ ބަދަލުކުރުމުގެ ދަތުރެއް. އުނދަގޫ ދަތުރެއް. ގޮންޖެހުންތައް ގިނަ ދަތުރެއް. އަނެއްކާވެސް އަޅުގަނޑުމެން މިދަނީ ކާމިޔާބަށް. މި ހޮނިހިރު ދުވަހު ނަގާ ވޯޓު އަޅުގަނޑުމެންނަށް ކާމިޔާބުވާނެކަމީ އެއްވެސް ބޭފުޅެއްގެ ހިތުގައި ޝައްކު އުފެދޭނެކަމެއް ނޫން،" ނަޝީދު ވިދާޅުވިއެވެ.
މި އިންތިހާބު އަލުން ކާމިޔާބު ކުރައްވަން ބޭނުންފުޅުވާ އެންމެ ބޮޑު އެއް ސަބަބަކީ އެމްޑީޕީ މެންބަރުންނަށް އެމްޑީޕީ އަލުން ހޯދައިދިނުން ކަމަށާއި ހޮނިހިރު ދުވަސް އެއީ ކާމިޔާބުގެ އައްސޭރީގައި ސާބިތުކަމާއެކު ތިއްބަވާނެ ދުވަސް ކަމަށް ވިދާޅުވެ، ނަޝީދު ވަނީ ސަރުކާރަށާއި ކޯލިޝަނަށް ފާޑު ވިދާޅުވެފައެވެ.
"ފާގަތި މާދަމައަށް އަލިވިލެން މި އަންނަނީ. އަޅުގަނޑަށް އެ މަންޒަރު އެބަ ފެނޭ. އަޅުގަނޑަށް އެބަ އެނގޭ ދިވެހި ރާއްޖެ މިސްރާބު ހިފާފައި މިހުރީ ތިބޭފުޅުންގެ ރާއްޖެއަކަށް މި ރާއްޖެ ހެދުމަށް. އަނެއް ދިވެހިރާއްޖޭގެ މަލަމަތި އަޅުގަނޑުމެންގެ ކުރިމަތީގައި އެ ދިވެހިރާއްޖެއަށް ކުރާ ދަތުރު މި ނޮވެމްބަރު މަހު އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ފަށާނަން،" ނަޝީދު ވިދާޅުވިއެވެ.
ވާހަކަފުޅު ނިންމަވައިލައްވަމުން ނަޝީދު ވިދާޅުވީ "އަޅުގަނޑުމެންގެ އަޒުމެއް ނުގުޑާނެ، މި އޮޑިއެއް ނުފެތޭނެ. އަޅުގަނޑުމެންގެ ހިތްވަރެއް ބައްޔެއް ނުވާނެ. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ކާމިޔާބު ކުރާނެ،" ކަމަށެވެ.