ކ. ވާވެއްދިފަރަށް އެރި އޭއެމް އާގަމް ނަމަކަށް ކިޔާ ބާޖު، ކ. ބޮޑުގިރިއަށް އެރުމާ ގުޅިގެން އެ ބާޖުގެ ވެރިފަރާތް ކަމުގައިވާ ދި މިޑްލްއީސްޓް މެރިން އެލްއެލްސީ އިތުރު 31.4 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފިއެވެ.

''އޭއެމް އާގަމް'' ނަމަކަށް ކިޔާ ބާޖު ވާވެއްދިފަރަށް އެރީ މިދިޔަ އަހަރުގެ ޖުލައި މަހުގެ 23 ވަނަ ދުވަހުއެވެ. އަދި އެ ބާޖު ބޮޑުގިރިއަށް އަރާފައިވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތިންވަނަ ދުވަހުއެވެ.

އީޕީއޭ އިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ އޭއެމް އާގަމް ނަމަކަށް ކިޔާ ބާޖު، ފުންކޮށް ނިމުމުން އެ ސަރަހައްދުގެ ތިމާވެއްޓަށް ލިބުނު ގެއްލުންތައް ބެލުމަށް އެ އެޖެންސީން އެ އުޅަނދުގެ ވެރިފަރާތުގެ ސާވެޔަރުންނާއެކު މިދިޔަ ނޮވެމްބަރު މަހުގެ 20 ވަނަ ދުވަހު، އެ ސަރަހައްދަށް ގޮސް ޖޮއިންޓް ސާވޭއެއް ކޮށްފައިވާ ކަމަށެވެ. އެގޮތުން ބެލިބެލުމުން އެ ފަރުގެ 1248 އަކަމީޓަރުގެ ސަރަހައްދަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަން ފާހަގަކުރެވިފައިވާ ކަމަށްވެސް އެ އެޖެންސީން ވަނީ ބުނެފައެވެ.

އެހެންކަމުން އެ ފަރުގެ މާހައުލަށް ލިބުނު ގެއްލުންތަކަށް، ރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާ ބެހޭ ގާނޫނުގެ ދަށުން ހެދިފައިވާ ތިމާވެއްޓަށް ދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލުހޯދުމުގެ ގަވާއިދުގެ ދަށުން، އެ ބާޖުގެ ވެރިފަރާތް ކަމުގައިވާ ދި މިޑްލްއީސްޓް މެރިން އެލްއެލްސީ 31.4 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފައިވާ ކަމަށް އީޕީއޭއިން ބުންޏެވެ. އަދި އެ ފައިސާ 30 ދުވަހުގެ ތެރޭގައި އެ އެޖެންސީއަށް ދެއްކުމަށް މިިމަހުގެ 24 ވަނަ ދުވަހު އަންގާފައިވާ ކަމަށްވެސް ބުންޏެވެ.

ވާވެއްދިފަރަށް އެ ބާޖުގެ އިތުރުން އެކުންފުނީގެ އިތުރު ޓަގު ބޯޓެއްވެސް ވަނީ އަރައިފައެވެ. އެ ދެ އުޅަނދު ފަރަށް އެރި ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި 100 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށް އެ ފައިސާ 30 ދުވަހުގެ ތެރޭގައި އީޕީއޭއަށް ދެއްކުމަށް މިމަހުގެ 22 ވަނަ ދުވަހު ވަނީ އަންގައިފައެވެ.

މިއީ ''އޭއެމް އާގަމް'' ބާޖު ފަރަށް އަރައިގެން ތިމާވެއްޓަށް ލިބުނު ގެއްލުންތަކަށް ޖޫރިމަނާ ކުރާ ތިންވަނަ ފަހަރެވެ.