އަންނަ ހޮނިހިރު ދުވަހު ބާއްވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ "ހައިޖެކް" ކުރުމުގެ ފުރުސަތު އެއްވެސް ކެންޑިޑޭޓަކަށް ނުދޭނެ ކަމަށް އެ ޕާޓީގެ ޕްރައިމަރީގެ އިންތިޒާމު ކޮމިޓީން ބުނެފިއެވެ.

އެމްޑީޕީގެ ޕްރައިމަރީއާ ގުޅޭ މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި އެ ކޮމިޓީގެ މުގައްރިރު އިބްރާހިމް ވަހީދު (އިބުރޭ) ވިދާޅުވީ، ޕްރައިމަރީގެ ސައްހަކަމާއި އިތުބާރު ދެމެހެއްޓުމަށްޓަކައި ކޮންމެހެން ފުރިހަމަ ވާންޖެހޭނެ ކަމަށް ޕްރައިމަރީގައި ވާދަކުރައްވާ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ކެމްޕެއިން ޓީމަށް ގަބޫލުކުރެވޭ ނުކުތާތަކެއް ފާހަގަކޮށް ސިޓީއެއް ލިބިފައިވާ ކަމަށެވެ. ނަމަވެސް އެ ސިޓީގައި އޮތީ މިދިޔަ އަހަރުގެ ތާރީހެއް ކަމަށް ވިދާޅުވިއެވެ.

  • ވޯޓުލާ މަރުކަޒުގައި އެ ފޮއްޓަކަށް ވޯޓު ހައްގުވާ މީހުންގެ، ދެ ކެންޑިޑޭޓު ސޮއިކޮށްފައިވާ ލިސްޓު (ސުމާރު ނަންބަރާއި ފުރިހަމަ ނަމާއި އައިޑީ ކާޑު ނަންބަރާއި ދާއިމީ އެޑްރެސް ހިމެނޭ ގޮތުން) އާންމުކޮށް، ހާމަކޮށް ފެންނާން ހުންނާނެހެން ބެހެއްޓުން.
  • ވޯޓުލާ މަރުކަޒުގައި ވޯޓު ލާން ފެށުމުގެ ކުރިން، އެ މަރުކަޒަކަށް ލިބުނު ވޯޓު ކަރުދާސްތައް ކެންޑިޑޭޓުންގެ މަންދޫބުންގެ ކުރިމަތީގައި ކަނޑައި، ގުނައި، އަދަދުކޮށް، އެ މަރުކަޒަކަށް ލިބުނު ވޯޓު ކަރުދާހުގެ އަދަދު ޖުމުލަ އިއުލާންކުރުން.
  • ވޯޓުލާން ދާ މީހާގެ ވަނަވަރު ކަށަވަރުކުރުމަށްފަހު، އެ މީހާގެ ސުމާރު ނަންބަރާއި ފުރިހަމަ ނަމާއި އައިޑީ ކާޑު ނަންބަރާއި ދާއިމީ އެޑްރެސް ބާރަށް އިއުލާންކުރުން.
  • ވޯޓުލާ މަރުކަޒުގެ ތެރެއަށް ފޯނު ވެއްދިޔަ ނުދިނުން.
  • ވޯޓުލާ މީހާގެ އިނގިލީގައި ޖަހާ ފާހަގައަކީ ފޮހެނުލެވޭ ފަދަ އިތުބާރު ހުރި ދެއްޔަކުން ޖަހާ އެއްޗަކަށްވުން.
  • ވޯޓު ކަރުދާހުގެ ފޮޓޯ ވޯޓުލުމުގެ ކުރިންވެސް އަދި ފަހުގައިވެސް ނެގުން މަނާކުރުން.
  • ވޯޓު ކަރުދާހުގައި ފާހަގަޖެހުމަށްފަހު އެ ވޯޓު ކަރުދާސްކޮޅެއް ދެއްކުން މަނާކުރުން.
  • ވޯޓު ކަރުދާހުގައި ފާހަގައިގެ އިތުރު ކުރެހުމާއި ނިޝާނެއް ޖަހައި ލިޔެފިނަމަ ވޯޓު ބާތިލުވުން.
  • ކެންޑިޑޭޓުގެ ހަ މަންދޫބަކަށް ކޮންމެ ވޯޓު ފޮއްޓަކަށް ފާސްދޫކުރުމާއި މަދުވެގެން ދެ މަންދޫބަކަށް ވޯޓު ފޮށި ދޮށުގައި އަބަދުވެސް ތިބެވުން.
  • ކެންޑިޑޭޓުންގެ މަންދޫބުން ނުވަތަ އޮބްޒާވަރުންނަށް ވޯޓު ފޮށިދޮށުގައި ފޯނުގެ ބޭނުން ހިފުމުގެ ހުއްދަ އޮތުން
  • ވޯޓު ގުނާ ވަގުތު އޮބްޒާވަރުންނާއި މޮނީޓަރުންގެ އިތުރުން ވޯޓު ހައްގުވާ ޕާޓީގެ އިތުރު މެންބަރުންނަށް ވޯޓު ގުނާ ތަން ބަލާން ތިބުމުގެ ފުރުސަތު އޮތުން.
  • ވޯޓުގެ ނަތީޖާ ޝީޓު ތައްޔާރުކޮށް، ކެންޑިޑޭޓުންގެ މަންދޫބުން އޭގައި ސޮއިކުރުމަށްފަހު، އާންމުކޮށް ފެންނާން ހުންނާނެހެން މަރުކަޒުގައި ހަރުކޮށްފައި ބެހެއްޓުން.
  • ވޯޓުލީ މީހުންގެ ލިސްޓާއި ވޯޓު ކަރުދާހާއި ބާކީ ހުރި ވޯޓު ކަރުދާސް ސިޓީ އުރައެއްގައި ބަންދުކޮށް، ސީލު ޖަހައި އެ ސީލުގައި ސޮއިކޮށްފައި އޮތުން.
  • ވޯޓުގެ ނަތީޖާ ޝީޓް ވަކި ސިޓީ އުރައެއްގައި ބަންދުކޮށް، ސީލުޖަހައި، އެ ސީލުގައި ސޮއިކޮށްފައި އޮތުން.
  • ވޯޓުލީ މީހުންގެ ލިސްޓާއި ވޯޓު ކަރުދާހާއި ބާކީ ހުރި ވޯޓު ކަރުދާސް ލާފައިވާ ސިޓީއުރަ ކެންޑިޑޭޓުންގެ މަންދޫބުންގެ ހާޒިރުގައި މެނުވީ ނުކެނޑުން.
  • ލިޔުމުންނާއި އީމެއިލުންނާއި ފޯނުންނާއި ގޫގުލް ފޯމު މެދުވެރިކޮށް އިންތިޚާބާ ބެހޭ ޝަކުވާ އިންތިޚާބުގެ ދުވަހު ހުށަހެޅުމުގެ ފުރުސަތު ފަހިވެފައި އޮތުން
  • ޕާޓީގެ ފަރާތުން ފޮށިތަކުގެ އޮފިޝަލުންގެ ގޮތުގައި ހަރަކާތްތެރިވާ ފަރާތްތަތަކުގެ ލިސްޓު މިއަދުގެ ނިޔަލަށް ކެންޑިޑޭޓުންނަށް ލިބޭނޭ އިންތިޒާމް ހަމަޖެއްސުން.
  • ވޯޓު ލާންދާ މީހާގެ އައިޑީކާޑާމެދު ޝައްކުވެއްޖެ ހާލަތެއްގައި އޮބްޒާވަރުންނަށް އައިޑީކާޑު ދެއްކުން.
  • ވޯޓު ލަމުންދާއިރު ކޮންމެ 50 ވޯޓަކުން އެ ވަގުތެއްގައި ވޯޓުލީ މީހުންގެ އަދަދު ވޯޓުލާ މަރުކަޒުގައި އިއުލާނުކުރުން.
  • ކޮންމެ ވޯޓު ފޮއްޓަކަށް ފޮނުވާ ވޯޓު ކަރުދާހުގެ އަދަދު އިއުލާނުކުރުން.

އިބުރޭ ވިދާޅުވީ، އެ ސިޓީއަކީ ކޮންމެ އިންތިހާބަކާ ދިމާކޮށްވެސް ލިބޭ ސިޓީއެއް ކަމަށާއި ބަދަލުވަނީ ތާރީހާއި ސޮޔާއި ލެޓަހެޑް އެކަނި ކަމަށެވެ. އަދި އެ ސިޓީގައި ބަޔާންކޮށްފައިވާ ކަންކަމަކީ އާންމު އުސޫލުންވެސް ކުރާ ކަންކަން ކަމުގައި ވިދާޅުވިއެވެ.

"އެ ސިޓީ އަޅުގަނޑުމެންނަށް ލިބުނީ ރޭ 09:43 ގައި. އެހާއިރުވީއިރު ހުރިހާ ލިސްޓުތައް ޑިސްޕެޗުކޮށް ނިމިއްޖެ. އެހެންވީމާ ކުރެވޭނެ ކަންތައްތަކާއި މިސާލަކަށް ކޮށް ނިންމިފައި ހުރި ކަންތައްތަކަކާ އެއްޗެހި މި ލިޔަނީ،" އެމްޑީޕީގެ ޗެއާޕާސަންގެ ނައިބުކަންވެސް ކުރައްވާ އިބުރޭ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ވޯޓާސް ލިސްޓުގައި ދެ ކެންޑިޑޭޓުން ސޮއިކުރަން ރައީސް ނަޝީދު އެދިވަޑައިގެންފައިވާ ކަމަށާއި ނަމަވެސް އެކަމަށް ނަޝީދު އެދިވަޑައިގަތީ، ވޯޓާސް ލިސްޓުތައް ފޮނުވަންޖެހޭ ތަންތަނަށް ފޮނުވައި ނިމުމުން ކަމަށެވެ. އަދި އެއް ފަރާތަކުން ލިސްޓުގައި ސޮއިނުކޮށްފި ނަމަ އިންތިހާބު ނުބޭއްވޭ ހާލަތަށް ގޮސް، އިންތިހާބު ހައިޖެކް ކުރުމުގެ ފުރުސަތަކީ އެމްޑީޕީން ދޭނެ ފުރުސަތެއް ނޫން ކަމަށް ވިދާޅުވިއެވެ.