އަންނަ ހޮނިހިރު ދުވަހު ބާއްވަން ހަމަޖައްސާފައިވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއާ ގުޅިގެން ބައެއް މަންދޫބުންނަށް ނުފޫޒު ފޯރުވާ ކަމަށް ބުނެ ޝަކުވާ ހުށަހެޅި ނަމަވެސް، އެއީ ކޮން ނުފޫޒެއް ކަމެއް ބުނެދެފައިނުވާތީ އެ މައްސަލަ ނުބެލޭނެ ކަމަށް އެ ޕާޓީން މިއަދު ބުނެފިއެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއާ ގުޅޭގޮތުން އެޕާޓީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެޕާޓީގެ ޗެއާޕާސަންގެ ނައިބު އިދާރީ އަދި ޝަކުވާ ބަލާ ކޮމިޓީގެ މުގައްރިރު އިބްރާހިމް ވަހީދު ވިދާޅުވީ، ޕްރައިމަރީއާ ގުޅޭގޮތުން 555 ޝަކުވާއެއް ލިބިފައިވާ ކަމަށާއި އެ ހުރިހާ ޝަކުވާތަކަށް ޖަވާބު ދީފައިވާ ކަމަށެވެ.
އެ ޝަކުވާތަކުގެ ތެރޭގައި އެންމެ ގިނައިން ހުރީ، ޕާޓީގެ ވޯޓާސް ލިސްޓުގައި ނަން ނެތުމުގެ ޝަކުވާ ކަމަށާއި މަންދޫބުންނަށް ނުފޫޒު ފޯރުވާ ކަމަށް ބުނެ ޝަކުވާތައްވެސް ލިބިފައިވާ ކަމަށެވެ.
"އަޅުގަނޑުމެންނަކަށް އެކަމެއް ނުބެލޭނެ އެގޮތަކަށް. އެންމެ ކުޑަމިނުން އަޅުގަނޑުމެން ކައިރީގައި ބުނަންވާނެ ކޮން މަންދޫބަކަށްތޯ ނުފޫޒު ފޯރުވީ. އޭރުން އަޅުގަނޑުމެންނަށް އެ މަންދޫބެއް ކައިރީގައި އަހާލެވޭނީ ވެސް،" އިބުރޭ ވިދާޅުވިއެވެ.
އިބުރޭ ވިދާޅުވީ، ޝަކުވާތައް ބެލުމަކީ ޕާޓީގެ މެންޑޭޓުގައި ހިމެނޭކަމެއް ކަމުގައިވީނަމަވެސް އެ ޝަކުވާތައް ހުށަހަޅަންވާނީ އެކަން ބެލޭނެ ގޮތަކަށް ކަމަށެވެ. އަދި ޝަކުވާ ކުރުމުގެ ފުރުސަތު އޮތުމަކީ ނުބެލޭނެ ކަންކަމާ ގުޅޭގޮތުން ޝަކުވާ ހުށަހެޅުމެއް ނޫން ކަމަށްވެސް އިބުރޭ ވިދާޅުވިއެވެ.
ޝަކުވާތަކާ ގުޅިގެން އެމްޑީޕީގެ ތަރުޖަމާނު އަނަސް އަބްދުއްސައްތާރު ވިދާޅުވީ ވޯޓު ކުރިއަށްދާ ވަގުތަކުގައިވެސް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އޮންނާނެ ކަމަށާއި ކޮމިޓީގެ މެމްބަރުން އެދުވަހުވެސް ޝަކުވާތަކަށް ޖަވާބުދާރީވަމުންދާނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު