އއ.މަތިވެރީގައި ފެނުގެ ނިޒާމު ގާއިމުކުރުމުގެ މަޝްރޫއުގެ ބޮޑުބައެއް ނިމިފައިވާ ކަމަށް އެމްޑަބްލިޔުއެސްސީން ބުނެފިއެވެ.

އެމްޑަބްލިއުއެސްސީން މިއަދު މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނީ މަތިވެރީގައި ފެނުގެ ނިޒާމު ގާއިމުކުރުމުގެ މަޝްރޫއުގެ ދަށުން ފެނުގެ ނިޒާމުގައި ހިމެނޭ 6.7 ކިލޯ މީޓަރުގެ ދިގު ފެން ހޮޅީގެ މައި ނެޓްވޯކުގެ ހޮޅިވަޅުލުމުގެ މަސައްކަތާއި ބޯހޯލް ތޮރުފުމުގެ މަސައްކަތް ނިމިފައިވާ ކަމަށެވެ.

އޭގެ އިތުރުން ފެން ރައްކާކުރުމަށްޓަކައި ދެ ތާންގީ ބެހެއްޓުމުގެ މަސައްކަތާއި ގޭގެއަށް ފެނުގެ ކަނެކްޝަން ގުޅައިދިނުމުގެ މަސައްކަތާއި ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިންގެ މަސައްކަތްތައްވެސް ނިމިފައިވާ ކަމަށް ބުންޏެވެ.

އެ ކުންފުނިން ބުނީ، ފެން އުފެއްދުމަށްޓަކައި ދެ އާރްއޯ ޕްލާންޓް ބެހެއްޓުމުގެ މަސައްކަތްތަކުގެ ބޮޑުބައެެއް މިހާރު ނިމިފައިވާ ކަމަށެވެ. އަދި ފެން ތަހުލީލުކުރުމަށް ބޭނުންވާ ސާމާނު، މި މަޝްރޫއުގެ ތެރެއިން ފޯރުކޮށްދޭނެ ކަމަށް ބުންޏެވެ.

މަތިވެރީގެ ފެނުގެ ނިޒާމު ގާއިމުކުރުމުގެ މަޝްރޫއު ޕްލޭނިން އެންޑް ހައުސިން މިނިސްޓްރީން އެމްޑަބްލިއުއެސްސީއާ ހަވާލުކުރީ 2021 ވަނަ އަހަރުގެ ތެރޭގައެވެ. މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށީ އެ އަހަރުގެ ޖުލައި މަހުގެ 21 ވަނަ ދުވަހުއެވެ. މިއީ ޖުމުލަ 38.83 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.