ފްރާންސްގެ ވިންގް އުސްމާން ޑެމްބެލޭ ޖެހި ގޯލާއެކު ބާސާއިން ކޮޕާ ޑެލް ރޭގެ ސެމީ ފައިނަލަށް ދަތުރުކޮށްފިއެވެ.
ރަށުން ބޭރުގައި ރެއާލް ސޮސިއެދާދާ ދެކޮޅަށް ބާސާއިން ރޭ ކުޅުނު މެޗު ކާމިޔާބުކުރީ 1-0ގެ ނަތީޖާ އަކުންނެވެ. ސޮސިއެދާދުން ރޭގެ މެޗުގެ ދެވަނަ ހާފުގެ އެއްކޮށް ކުޅުނީ ކުޅުންތެރިޔަކު މަދުކޮށެވެ. މެޗުގެ 40ވަނަ މިނެޓުގައި ސޮސިއެދާދުގެ ބްރައިސް މެންޑޭޒަށް ރެފްރީ ރަތް ކާޑު ދައްކާފައިވާ އިރު، އެއީ ސާޖިއޯ ބުސްކަޓްސް ފަޔަށް ކުރި ނުރައްކާތެރި ޓެކުލަކަށް ދެއްކި ރަތް ކާޑެކެވެ.
ބާސާއިން ރޭ ޖެހި ހަމައެކަނި ގޯލް، ދެވަނަ ހާފުގެ ކުރީކޮޅުގައި 52ވަނަ މިނެޓުގައި ޑެމްބެލޭ ޖެހީ ޖޫލް ކޫންޑޭ ދިން ޕާހެއްގައެވެ. ބާސާއިން ރޭގެ މެޗުގައި ދެވަނަ ގޯލަކާވެސް ގާތަށް ޖެހިލިއެވެ. މެދުތެރެއިން މޮޅަށް ކުޅުނު ގަވީ ޖެހި ބޯޅަ އަމާޒުވީ ގޯލުގެ ދަނޑިއަށެވެ.
ރޭ ކުޅުނު ކުއާޓާ ފައިނަލްގެ އަނެއް މެޗުގައި އޮސަސޫނާއި ވަނީ 2-1 އިން ސެވިއްޔާ ބަލިކޮށްފައެވެ. އެ މެޗު ފޯރިގަދަކޮށް ފެނިގެން ދިޔައިރު، މެޗުގެ ނަތީޖާ ކަނޑައެޅީ އިތުރު ވަގުތުވެސް ކުޅެގެންނެވެ.
ފުރިހަމަ ވަގުތުގެ ފަހު މިނެޓުގައި އޮސަސޫނާގެ އެޒްގީލް އަވީލާ ޖެހި ގޯލުން އޮސަސޫނާ މޮޅުވާން ދަނިކޮށް، ސެވިއްޔާގެ ޔޫސުފް އެއް-ނެސީރީ ވަނީ ނަތީޖާ ހަމަހަމަކޮށްފައެވެ. އޮސަސޫނާ މޮޅުކޮށްދިން ގޯލް ޖަހައިދިނީ ބާސާގެ ލޯނެއްގައި ހުރި އަބްދޭ އެއްޒަލްޒޫލީއެވެ.