މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ވިލިމާލެއަށް ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް)ގެ ބަހުގެ ހިދުމަތް ދޭން ފަށާފައިވާއިރު، އެ ހިދުމަތް 24 ގަޑިއިރު ލިބޭގޮތަށް މިހާރު ބަދަލުކޮށްފައިވާކަމަށް އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.
ޕީއެސްއެމްގެ "ވުނަދަމާ" ޕްރޮގްރާމަށް ދެއްވި އިންޓަވިއެއްގައި އާޒިމް ރޭ ވިދާޅުވީ، ދެ ހަފުތާ ވަންދެން ވިލިމާލޭގައި ބަހުގައި ހިދުމަތް ދޭނީ ހިލޭ ކަމަށެވެ. އެއަށްފަހު ބަސްތައް ދުއްވާނެ މަގުތަކާއި ގަޑިތައް ކަނޑައަޅާނެކަމަށް އާޒިމް ވިދާޅުވިއެވެ.
ބަހުގެ ހިދުމަތް ބޭނުންކުރާ ބައެއް ރައްޔިތުންގެ ފަރާތުން ލިބެމުން އަންނަ ހިޔާލުތަކަށް ބަލައި ބަހުގެ ހިދުމަތް ދަންވަރު ނުލިބޭކަން ފާހަގަ ކުރުމުން، މިހާރު ވަނީ 24 ގަޑައިރިއަށް ބަހުގެ ހިދުމަތް ބަދަލުކޮށްފައިކަމަށް އާޒިމް ވިދާޅުވިއެވެ.
"މިހާރު ދަންވަރު 12 ގެ ފަހުން ފެރީ އެބަ އޮވޭ ކޮންމެ އެއް ގަޑިން އެއް ގަޑިން. އެ ގަޑީގަ އަޅުގަނޑުމެން ބަސް ނުބާއްވައިފިއްޔާ އެގަޑީގަ ވަޑައިގަންނަވާ ބޭފުޅުންނަށް ވަރަށް ދަތިވާނެ. އެހެންވެ އެ ރިކުއެސްޓް ފުދޭ ވަރަކަށް ބޮޑުކޮށް އައީމާ، އަޅުގަނޑުމެން މިހާރު އޮންނާނީ ބަދަލުކޮށްފަ ހަމަ 24 ގަޑިއިރު އޮޕަރޭޝަނަކަށް މިހާރު ވިލިމާލެ އެ ދިޔައީ. އެހެންވީމާ ވިލިމާލޭގައި 12 ގެ ފަހުން ބަސް އޮޕަރޭޓް ކުރާނެ" އާޒިމް ވިދާޅުވިއެވެ.
އާޒިމް ވިދާޅުވީ އިލެކްޓްރިކް ބަސް ވިލިމާލޭގައި ބޭނުންކުރަން ނިންމީ އެރަށުގެ ހިތްފަސޭހަކަން ނުގެއްލޭގޮތަށް ބަހުގެ ހިދުމަތް ދިނުމުގެ ބޭނުމުގައި ކަމަށެވެ. ވިލިމާލެއަށް އިލެކްޓްރިކް 6 ގެންގޮސްފައިވާނެ ކަމަށާއި އޭގެ ތެރެއިން ހިދުމަތަށް ބޭނުން ކުރަނީ ހަތަރު ބަސް ކަމަށާއި ބާކީ ދެ ބަސް ބާއްވާފައިވަނީ ބެކެޕަށް ކަމަށް އާޒިމް ވިދާޅުވިއެވެ. ވިލިމާލޭގައި ކޮންމެ ފަސް މިނިޓަކާއި 10 މިނިޓަކުން ބަސް ދަތުރުތައް ބޭއްވުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް އާޒިމް ވިދާޅުވިއެވެ.
ވިލިމާލެއިން ބަހުގެ ހިދުމަތަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށް އާޒިމް ވިދާޅުވިއެވެ. އެގޮތުން ވިލިމާލޭގައި ބަހުގެ ހިދުމަތް ފެށި ދުވަހު 400 މީހުން ދަތުރުކުރި ކަމަށާއި ޖެހިގެންއައި ދުވަހު 1،500 މީހުން ދަތުރުކުރި ކަމަށެވެ. މިދިޔަ އަންގާރަ ދުވަހު 3،300 މީހުން ބަހުގެ ހިދުމަތް ހޯދި ކަމަށާއި ދުވަހަކަށްވުރެ ދުވަހަކު ބަހުގެ ހިދުމަތަށް ތަރުހީބު ބޮޑުވަމުން އަންނަކަމަށް އާޒިމް ވިދާޅުވިއެވެ.
އެހެންކަމުން ބަހުގެ ހިދުމަތަށް ފައިސާ ނަގަން ފެށިނަމަވެސް ތަރުހީބު ކުޑަވެގެންދާނެކަމަށް ނުބެލެވޭ ކަމަށް އާޒިމް ވިދާޅުވިއެވެ. ވިލިމާލޭގައި ބަހުގެ ހިދުމަތް ދިނުމުގައި ދިމާވާ ދަތިތަކުގެ ތެރޭގައި ގަސްގަހުގެ ގޮފިތައް މާ ބޮޑަށް ތިރިވެފައިވުން ހިމެނޭތީ އެކަން ހައްލުކޮށްދިނުމަށް މާލޭ ސިޓީ ކައުންސިލްގައި އެދިވަޑައިގެންފައިވާނެމަށް އާޒިމް ވިދާޅުވިއެވެ.
އާޒިމް ވިދާޅުވީ ވިލިމާލޭ ރައްޔިތުންނަށް އެރަށުގައި ދަތުރުފަތުރު ކުރުމުގައި ދަތިތަކެއް ކުރިމަތިވާކަމުގެ ޝަކުވާ ލިބެމުންދާތީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ބޭނުންފުޅުވީ އާރްޓީއެލްގެ ހިދުމަތް ވިލިމާލޭގައި ފަށަން ކަމަށެވެ. ރައީސް ބޭނުންފުޅުވީ ވީހާވެސް އަވަހަކަށް އެ ހިދުމަތް ވިލިމާލޭގައި ފަށަން ކަމަށްވެސް އާޒިމް ވިދާޅުވިއެވެ.