ޚަބަރު

ދަނޑުވެރިކަމަށް ހާއްސަކޮށްގެން އުރީދޫން ތައްޔާރުކުރި ހިތްގައިމު ކަލަންޑަރު ނެރެފި

މުހައްމަދު ޖަމްޝަތް ވަހީދު

އުރީދޫ މޯލްޑިވްސް އިން މިއަހަރަށް ތައްޔާރުކުރި ހިތްގައިމު ކަލަންޑަރު އިފްތިތާހުކޮށްފިއެވެ.

އުރީދޫ މޯލްޑިވްސްގެ 18 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ފަށާފައިވާ "ގްރޯ ވިތު އުރީދޫ" ކެމްޕެއިންގެ ދަށުން އުރީދޫ އިން ތައްޔާރުކުރި މި ކަލަންޑަރު އިފުތިތާހު ކުރީ މިއަދު ހޮޓެލް ޖެންގައި ކުރިއަށްގެންދިޔަ ހާއްސަ ރަސްމިއްޔާތެއްގައެވެ.

ގޭގައި ގަސް ހައްދަން ލޯބި ކުރާ ފަރާތްތަކަށް ހާއްސަކޮށްގެން ގަސް އިންދުމަށް ހިތްވަރުދީ އުރީދޫއިން ތައްޔާރުކުރި މި ކަލަންޑަރުގައި ރާއްޖޭގައި އާއްމުކޮށް ހައްދާ 12 ވައްތަރެއްގެ ގަހުގެ ފޮޓޯ އާއި މައުލޫމާތު ހިމަނާފައިވެއެވެ. އޭގެ ތެރޭގައި ފެޝަންފުރުޓް އާއި ކަރާ، ގިތެޔޮ މިރުހުގެ އިތުރުން އަސުރުމާ، ސައިމާ އަދި ދެތަނޑިމާ ފަދަ ހިތްގައި މާގަސްތައް ހިމެނޭ އިރު، މި ކަލަންޑަރު އެންމެ ހާއްސަވަނީ އެ 12 ބާވަތުގެ ގަސް ހައްދަން ބޭނުންވާ މުޑުވަކުގެ އޮށުގެ ޕަކެޓް، ކަލަންޑަރާއެކު ހިމަނާފައިވުމެވެ.

އަހަރުގެ ކޮންމެ މަހަކަށް ވަކި ބާވަތެއްގެ ގަހެއް ކަނޑައަޅާފައިވާ އިރު، އެ މުޑުވައްކުރާނެ ކުޑަ ޕޮޓުވެސް ހިމަނާފައިވެއެވެ. އޭގެ އިތުރުން އެއިން ކޮންމެ ބާވަތެއްގެ ގަސް މުޑުވައް ކުރާނެ ގޮތުގެ މައުލޫމާތު ހިމަނާފައިވާ ޕޭޖަށް ދެވޭ ކިއުއާރު ކޯޑެއް ހިމަނާފައިވާ އިރު، ސްނެޕްޗެޓުގެ އޭއާރު ފީޗާ މެދުވެރިކޮށް ކަލަންޑަރުގެ ތްރީ ޑީ ޑިޒައިންވެސް ބަލައިލެވޭނެއެވެ.

މި ކަލަންޑަރާ ގުޅޭ ގޮތުން އުރީދޫގެ ޗީފް ކޮމާޝަލް އޮފިސަރު ހުސެއިން ނިޔާޒު ވިދާޅުވީ ކަލަންޑަރު ތައްޔާރުކުރުމުގައި މި އަހަރު ހިޔާރު ކުރި ތީމަކީ ރާއްޖޭއާ ގުޅޭ، މުހިންމު ތީމެއް ކަމަށާއި ކުރީގެ ކަލަންޑަރުތަކުގައި ހިމަނާފައިވާ އޭއާރު ފީޗާއަށް ވުރެ މި އަހަރުގެ ކަލަންޑަރުގެ އޭއާރް ފީޗާ އާއި ތްރީޑީ ކޮލިޓީ ރަނގަޅުވާނެ ކަމަށެވެ.

މިއަދުގެ ރަސްމިއްޔާތުގައި އުރީދޫއިން ވަނީ "ގްރޯ ވިތް އުރީދޫ" ކެމްޕެއިންގެ އެމްބަސަޑަރު ކަމަށް ރާއްޖޭގެ ޒުވާން ދަނޑުވެރިޔާގެ ނަމުން މަޝްހޫރުކަން ހޯދާފައިވާ ސ. މީދޫ އަބްދުﷲ ރަމްޒީ ހަސަން ކަނޑައަޅައިފައެވެ. އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަމުން ރަމްޒީ ބުނީ އުރީދޫއާ އެކު އާ ޓެކްނޮލަޖީގެ އެހީގައި ރާއްޖޭގެ ދަނޑުވެރިކަމަށް އުފެއްދުންތެރި ގޮތްތަކެއް ހޯދުމަށް މަސައްކަތް ކުރާނެ ކަމަށާއި ދަނޑުވެރިކަމަށް އާއްމުން ހޭލުންތެރިކޮށް، ދަނޑުވެރިކަމާ މެދު ޒުވާނުން ދެކޭ ގޮތް ބަދަލުކުރުމަށް މަސައްކަތް ކުރާނެ ކަމަށެވެ.