ސަތޭކަ ޕަސެންޓް ދިވެހިންގެ ހިއްސާ އޮންނަ ކުންފުނިތަކަށް އެކަނި ރީބްރޯޑްކާސްޓްކުރުމުގެ ހުއްދަ ދޭގޮތަށް، ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އިން ރީބްރޯޑްކާސްޓް ކުރުމުގެ ގަވައިދަށް ގެނައި އިސްލާހާ ގުޅިގެން، ދިރާގު ޓީވީ ހިންގުމަށް ދިރާގަށް ދޫކޮށްފައިވާ، ރީބްރޯޑްކާސްޓް ކުރުމުގެ ހުއްދަ އާކުރުމަށް ބޭނުންވާ ޝަރުތު ހަމަނުވާ ކަމަށް ކަނޑައަޅައި އިތުރަށް ރީބްރީޑްކާސްޓް ކުރުމުގެ ހުއްދަ ނުދިނުމަށް ބްރޯޑްކޮމް އިން ނިންމި ނިންމުން ބާތިލް ކުރުމަށް ދިރާގުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ އަނބުރާ ގެންގޮސްފިއެވެ.
އެ މައްސަލައިގައި ސިވިލް ކޯޓުން މިއަދު ބުނީ ރީބްރޯޑްކާސްޓް ކުރުމުގެ ހުއްދަ ދިނުމަށް ބޭނުންވާ ޝަރުތު ފުރިހަމަނުވާ ކަމަށް ބްރޯޑްކޮމް އިން ދިރާގަށް އަންގާފައިވާ އެންގުމަކީ ބާތިލު ނިންމުމެއް ކަމަށް ކަނޑައަޅައިިދނުމަށް އެދި ބްރޯޑްކޮމްއަށް ރައްދުވާގޮތަށް ދިރާގުން އެ ކޯޓުގައި ކޮށްފައިވާ ދައުވާ އިތުރަށް ކުރިއަށް ގެންދަން ބޭނުން ނުވާތީ، މި މައްސަލަ އަނބުރާ ގެންދިއުމަށް ދިރާގުން އެދިފައިވާ ކަމަށެވެ.
އެހެންކަމުން އެ މައްސަލައިގެ ދައުވާފޯމް ބާތިލުކުރާ ކަމަށްވެސް، އެ މައްސަލައާ ގުޅިގެން ސިވިލް ކޯޓުން މިއަދު ކުރި ހުކުމުގައި ބުނެފައިވެއެވެ.
މި މައްސަލަ ދިރާގުން އަނބުރާ ގެންގޮސްފައިވާ އިރު، ރީބްރޯޑްކާސްޓު ކުރުމުގެ ހުއްދަ ދިރާގަށް ނުދެވޭނެ ކަމަށް ބްރޯޑްކޮމް އިން ނިންމުމާ ގުޅިގެން ދިރާގުގެ ބޯޑުން ވަނީ އެކުންފުނީގެ ރީބްރޯޑްކާސްޓް ކުރުމުގެ ހިދުމަތް ސަންސިޔާމް ނެޓުން ދިނުމަށް ނިންމައިފައެވެ.
އެ ބަދަލާއެކު މިމަހު 29 އިން ފެށިގެން ދިރާގު ޓީވީގެ ހިދުމަތަށް ނިމުން އަންނާނެއެވެ. އަދި އެ ދުވަހުގެ ރޭ މެންދަމު 12:00 ގައި ދިރާގު ޓީވީގެ ހިދުމަތް ހުއްޓާލާނެ ކަމަށާއި ދިރާގު ޓީވީގެ ކަސްޓަމަރުން ފަސޭހަކަމާއެކު އެސްއެސްނެޓްގެ ހިދުމަތަށް ބަދަލުވެވޭނެކަން ބަޔާންކޮށް ދިރާގު ޓީވީގެ ހުރިހާ ކަސްޓަމަރުންނަށް ދިރާގުން ވަނީ މީގެ ކުރިން އެސްއެމްއެސް ކޮށްފައެވެ. ދިރާގުގެ މި މެސެޖުގައި އެސްއެސްނެޓަށް ރަޖިސްޓްރީ ކުރާނެ ލިންކާއި އެހެނިހެން މައުލޫމާތު ހިމަނާފައިވެއެވެ.
ސަން ސިޔާމް ނެޓަކީ މީދޫ ދާއިރާގެ މެމްބަރު އަދި މޯލްޑިވްސް ޑިމޮކްރަޓިކް އެލަޔަންސް (އެމްޑީއޭ) ގެ ލީޑަރު އަހްމަދު ސިޔާމް މުހައްމަދުގެ ވިޔަފާރިއެކެވެ. ރީބްރޯޑްކާސްޓް ކުރުމުގެ ލައިސެންސް އެ ކުންފުންޏަށް ވަނީ ދީފައެވެ. އެސްއެސްނެޓްގެ ހިދުމަތާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު އެސްއެސްނެޓްގެ ކޯލް ސެންޓަރު ނަންބަރު 1633 އަށް ގުޅުމުން ލިބޭނެއެވެ.