ޚަބަރު

ދިރާގު ޓީވީން އެސްއެސްނެޓަށް ބަދަލުވުމަށް ހާއްސަ ޕޯޓަލްއެއް

ރިފާ ހަލީލު

ދިރާގު ޓީވީ ކަސްޓަމަރުންގެ ތެރެއިން ސަން ސިޔާމް ނެޓްވޯކް (އެސްއެސްނެޓް)އަށް ބަދަލުވާން ބޭނުންވާ ފަރާތްތަކަށް ހާއްސަ ޕޯޓަލްއެއް ދިރާގުން ހަމަޖައްސައިފިއެވެ.

ދިރާގުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ދިރާގު ޓީވީގެ ހިދުމަތް ހުއްޓާލަން ނިންމުމާ ގުޅިގެން، އެ ހިދުމަތް ބޭނުންކުރާ ކަސްޓަމަރުންނަށް އެސްއެސްނެޓަށް ބަދަލުވުމަށް https://register.ssnet.mv/ ޕޯޓަލް މެދުވެރިކޮށް ރެޖިސްޓްރީ ކުރެވޭނެ ކަމަށެވެ. އެ ލިންކުގައި ކަސްޓަމަރުގެ ދިރާގު ޓީވީ ނަންބަރާއި އެ އެކައުންޓާއި ގުޅުންހުރި ފަރާތުގެ އައިޑީކާޑު/ ޕާސްޕޯޓް/ ވޯކްވިސާ ކާޑު ނަންބަރު ހިމަނާފައިވާނެ ކަމަށެވެ.

އޭގެ ފަހުން ކަސްޓަމަރުގެ އަމިއްލަ ނަމާއި މޯބައިލް ނަންބަރުގެ އިތުރުން އީމެއިލް ޖެހުމަށްފަހު އައިޑީކާޑު ނުވަތަ ވޯކް ވިސާކާޑުގެ ކޮޕީއެއް އަޕްލޯޑު ކުރަންޖެހޭނެއެވެ. މި ބައި ފުރިހަމަވުމުން އެޕްލިކޭޝަން ފޯމު އެސްއެސްނެޓަށް ބަލައިގަންނާނެއެވެ. އަދި ރަޖިސްޓްރީވުމުން އެކަން ކަސްޓަމަރަށް އަންގާނެއެވެ.

ދިރާގު ޓީވީގެ ކަސްޓަމަރުންނަށް އެސްއެސްނެޓަށް ބަދަލުވާން ހުޅުވާލީ މިދިޔަ އާދީއްތަ ދުވަހުއެވެ. އެއާއެކު ކަސްޓަމަރުންގެ ބޮޑު ތަރުހީބެއް ލިބެމުންދާ ކަމަށް އެސްއެސްނެޓުން ބުނެއެވެ.

ރީބްރާޑްކާސްޓް ކުރުމުގެ ގަވާއިދަށް ބްރޯޑްކޮމްއިން ގެނައި ބަދަލާ ގުޅިގެން، ރާއްޖޭގައި ރީބްރޯޑްކާސްޓް ކުރުމުގެ ހުއްދަ ދިރާގަށް ގެއްލުނެވެ. އެހެންވެ ދިރާގުގެ ބޯޑުން ނިންމީ އެ ކުންފުނީގެ ރީބްރޯޑްކާސްޓް ކުރުމުގެ ހިދުމަތް ސަން ސިޔާމް ނެޓަށް ދިނުމަށެވެ.