އެސްޓީއޯއިން އާޓިފިޝަލް އިންޓެލިގެންސް ވިޝަން ބޭނުން ކޮށްގެން ހިންގާ ފިހާރެއް ހުޅުވަން ތައްޔާރުވެއްޖެއެވެ.
މި ފިހާރައާ ގުޅިގެން އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު ވިދާޅުވީ, ރާއްޖެއަށް އާ ޓެކްނޮލޮޖީ ތައާރަފު ކުރުމާއި އާ ޓެކްނޮލޮޖީއަށް އިންވެސްޓް ކުރުމަކީ އެސްޓީއޯގެ މުހިންމު އެއް އަމާޒު ކަމަށެވެ.
އެގޮތުން ކޭޝިއަރެއް އަދި ސޭލްސްމަނެއް ނެތް ފިހާރަ އަންނަ މަހުގެ ފަހުކޮޅު ހުޅުމާލޭގައި ހުޅުވަން ތައްޔާރުވަމުން އަންނަ ކަމަށް ވިދާޅުވި އެވެ.
ފިހާރައާ ގުޅޭ އިތުރު ތަފުސީލު ދެއްވަމުން އެސްޓީއޯގެ ޗީފް އިންފޮމޭޝަން އޮފިސަރު އިސްމާއިލް މިފްރާހު ވިދާޅުވީ ރާއްޖޭގައި މިހާތަނަށް ބޭނުން ކޮށްފައިނުވާ މި އާ ޓެކްނޮލޮޖީއާއެކު ހުޅުވާ ފިހާރައިގެ ކޮންސެޕްޓަކީ ގްރެބް އެންޑް ގޯ ނުވަތަ ކަސްޓަމަރު ފިހާރައަށް ވަދެފައި ބޭނުންވާ އެއްޗެއް ހިފައިގެން ނުކުތުން ކަމަށާއި އެ ކޮންސެޕްޓުގައި ޗެކްއައުޓް ޕުރޮސެސް އެއް ނޯންނާނެ ކަމަށެވެ.
އެސްޓީއޯގެ ކޯޕަރޭޓް ބްރޭންޑިން އޮފިސަރު ޔޫސުފް ޝާހް "ވަން" އަށް ވިދާޅުވީ މިއީ ކަސްޓަމަރުންނަށް މާރައްކާތެރި ގޮތަކަށް ވާނެ ކަމަށެވެ. އެގޮތުން ކޮވިޑާއެކު މިފަދަ އާ ޓެކްނޮލޮޖީތަކުގެ މުހިންމުކަން ދުނިޔެއަށް އެނގިގެން ގޮސްފައިވާ ކަމަށް ވިދާޅުވިއެވެ.
ޝާހު ވިދާޅުވި ގޮތުގައި، އެސްޓީއޯއިން ތައާރަފުކުރާ މި ޓެކްނޮލޮޖީއާއެކު ކަސްޓަމަރުން ފިހާރައިގައި ހޭދަކުރަންޖެހޭ ވަގުތު އެތައް ގުނައެއް ކުޑަކޮށްދޭނެއެވެ. އަދި އެ ފިހާރައިން ކުރާ ވިޔަފާރީގެ ހުރިހާ މުއާމަލާތެއްގައިވެސް ބޭނުން ކުރާނީ މޯބައިލް އެޕްލިކޭޝަނެއް މެދުވެރިކޮށް ކަމަށް ވިދާޅުވިއެވެ.
"ފިހާރައަށް ވަންނަ ދޮރުގައި އިންނަ ކިއުއާރު ކޯޑު ސްކޭން ކޮށްލީމަ ދޮރު ހުޅުވޭނެ، ދެން ބޭނުންވާ އެއްޗެއްހި ނަގައިގެން ނުކުންނަތާ ސިކުންތު ކޮޅެއްގެ ތެރޭގައި އެޕުގައި ރަޖިސްޓްރީކޮށްފައި އިންނަ ކަސްޓަމަރުގެ ބޭންކު ކާޑުން ފައިސާ ކެނޑޭނެ،" އޭނާ ވިދާޅުވިއެވެ.