ޚަބަރު

ޔާސިރާއަށް 3.34 މިލިއަން ރުފިޔާ ދޭން ޕީއެސްއެމްގެ މައްޗަށް ކުރި ހުކުމް ސުޕްރީމް ކޯޓަށް

އިބްރާހިމް ޒަކީ

ހުޅުމާލެ ފްލެޓް 02-2-111، ޔާސިރާ ޔޫސުފަށް 3.34 މިލިއަން ރުފިޔާ ދިނުމަށް ޕަބްލިކް ސާވިސް މީޑިއާ ލިމިޓެޑް (ޕީއެސްއެމް) ގެ މައްޗަށް ސިވިލް ކޯޓުން ކުރި ހުކުމަށް ބަދަލު ގެންނަން ނުޖެހޭ ކަމަށް ހައިކޯޓުން ކުރި ހުކުމް ޕީއެސްއެމްގެ ފަރާތުން ސުޕްރީމް ކޯޓުގެ އިސްތިއުނާފަށް ހުށަހަޅައިފިއެވެ.

މި މައްސަލައަކީ ޔާސިރާ ޔޫސުފްގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ އަމިއްލަ ވިޔަފާރިއެއް ކަމަށްވާ "ޖޭއެމްޖޭ އިންވެސްޓްމަންޓް" އާ 20 ޖޫން 2018 އިން 30 ސެޕްޓެމްބަރު 2018ގެ ނިޔަލަށް ޕީއެސްއެމުން ހަވާލުކުރި މަސައްކަތްތަކުގެ ތެރެއިން ކޮށް ނިންމާފައިވާ މަސައްކަތްތަކަށް އެ ފަރާތަށް ލިބެންޖެހޭ ފައިސާގެ ތެރެއިން ނުލިބި އޮތް 3.34 މިލިއަން ރުފިޔާ ހޯދަން ޔާސިރާގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައެކެވެ.

މި މައްސަލަ ސިވިލް ކޯޓުން ބެލުމަށްފަހު ނިންމީ އެ ފައިސާއަކީ ޕީއެސްއެމުން ޔާސިރާއަށް ދޭންޖެހޭ ފައިސާއެއް ކަމަށެވެ. އަދި އެ ފައިސާ ޔާސިރާއަށް ލިބިދިނުމުގެ ގޮތުން 31 އޮކްޓޫބަރު 2021 އިން ފެށިގެން ކޮންމެ މަހަކު އެ މަހަކަށް ޖެހޭވަރު ސިވިލް ކޯޓަށް ދައްކަމުން ގޮސް ހަތަރު މަސް ދުވަހުގެ ތެރޭގައި އެ ދަރަނި ހަލާސްކުރުމަށް ޕީއެސްއެމުގެ މައްޗަށް ސިވިލް ކޯޓުން ހުކުމްކުރިއެވެ.

ނަމަވެސް ސިވިލް ކޯޓުގެ އެ ހުކުމަކީ ޝަރުއީ ނުވަތަ ގާނޫނީ އުސޫލާ ހިލާފަށް ކޮށްފައިވާ ހުކުމެއް ކަމަށް ބުނެ ޕީއެސްއެމްގެ ފަރާތުން ހައިކޯޓުގައި އެ ހުކުމް އިސްތިއުނާފު ކުރިއެވެ.

އެ މައްސަލާގައި ހައިކޯޓުން ހުކުމްކުރީ ޔާސިރާއަށް 3.34 މިލިއަން ރުފިޔާ ދިނުމަށް ޕީއެސްއެމްގެ މައްޗަށް ސިވިލް ކޯޓުން ކޮށްފައިވާ ހުކުމަކީ ޝަރުއީ ނުވަތަ ގާނޫނީ އުސޫލަކާ ހިލާފަށް ކޮށްފައިވާ ހުކުމެއް ކަމަށް ބުނެ، ޕީއެސްއެމްގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކުގެ މައްޗަށް ބިނާކޮށް، އެ ހުކުމަށް ބަދަލު ގެންނަންޖެހޭ ފަދަ ޝަރުއީ އަދި ގާނޫނީ ސަބަބެއް ނެތް ކަމަށެވެ.