ޚަބަރު

ދައުލަތަށް 13.1 މިލިއަން ރުފިޔާ ދައްކަން އެފްޓެކް ކޯޓުން ހުކުމްކޮށްފި

އިބްރާހިމް ޒަކީ

1

ސިއްހީ ކަންކަމަށް ބޭނުންވާ ސާމާނު ގެނައުމަށް ވެފައިވާ އެއްބަސްވުމެއްގެ ދަށުން ފައިސާ ނެގުމަށްފަހު، އެ އެއްބަސްވުމުގައިވާ ގޮތަށް ތަކެތި ނުގެނެސްދިން މައްސަލާގައި ދައުލަތަށް 13.1 މިލިއަން ރުފިޔާ ދެއްކުމަށް އެފްޓެކް ސޮލިއުޝަންސް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ސިވިލްކޯޓުން ހުކުމްކޮށްފިއެވެ.

މި މައްސަލައަކީ އޭރުގެ މިނިސްޓްރީ އޮފް ހެލްތް އެންޑް ފެމިލީއަށް ބޭނުންވާ މެޑިކަލް އަދި ލެބޯޓްރީ ކޮންސިއުމަބަލްސް ސަޕްލައިކޮށް، އެ ތަކެތި ގުދަންކޮށް ޑެލިވާ ކޮށްދިނުމާ ގުޅޭ ގޮތުން އެފްޓެކްއާ ދެމެދު 7 ސެޕްޓެމްބަރު 2010 ގައި ވެފައިވާ އެއްބަސްވުމުގެ ދަށުން، އެ އެއްބަސްވުމުގެ ޖުމުލަ އަގު ކަމަށްވާ 12.7 މިލިއަން ރުފިޔާ ލެޓާ އޮފް ކްރެޑިޓެއްގެ ދަށުން އެފްޓެކްއަށް ހަވާލުކުރި ނަމަވެސް އެ އެގްރީމެންޓްގައި ފޯރުކޮށްދިނުމަށް އެއްބަސްވެފައިވާ މުދާތަކުގެ ތެރެއިން 11.8 މިލިއަން ރުފިޔާގެ މުދާ ލިބިފައިނުވާތީ ދައުލަތުން ކުރި ދައުވާއެކެވެ.

ދައުވާގައި ހެލްތް މިނިސްޓްރީން އެދިފައިވަނީ، ލިބިފައިނުވާ މުދަލަށްވާ 11.8 މިލިއަން ރުފިޔާއާއި ލިކުއިޑޭޓަޑް ޑެމޭޖާސްގެ ގޮތުގައި 1.2 މިލިއަން ރުފިޔާއާއެކު ޖުމުލަ 13.1 މިލިއަން ރުފިޔާ ދައުލަތަށް ދެއްކުމަށް އަމުރު ކޮށްދިނުމަށާއި އެފްޓެކުން އެއްބަސްވުމާ އެއްގޮތަށް އަމަލުކޮށްފައި ނުވާތީ، އެ ފަރާތުގެ ކިބައިން ނުސީދާކޮށް ލިބުނު ގެއްލުމުގެ ބަދަލަށް ދައުވާކުރުމުގެ ހައްގު ދައުލަތަށް އޮތް ކަމަށް ކަނޑައަޅައި ދިނުމަށެވެ.

ގާޒީ ފައްޔާޒު ޝާތިރު އިއްޔެ ކުރެއްވި ހުކުމުގައި ވަނީ އެފްޓެކް ކުންފުނި ރަޖިސްޓްރީ ކޮށްފައިވާ އެޑްރެހުގައި އެ ކުންފުނީގެ އޮފީހެއް ނެތުމުން ދައުވާއަށް ޖަވާބުދާރީ ވާން އަންގައި ފޮނުވި އަމުރުތައް އެ ކުންފުންޏަށް ރައްދު ކުރެވިފައި ނުވާ ކަމަށެވެ. އަދި އެ ކުންފުނީގެ ފަރާތުން ޖަވާބުދާރީވާނެ ފަރާތެއް ހާޒިރުވުމަށާއި ކުންފުނީގެ ފަރާތުން ޖަވާބުދާރީވާނެ ފަރާތެއް ހާޒިރު ނުވެއްޖެނެމަ ޣައިރު ހާޒިރުގައި މައްސަލަ ހިންގައި ނިންމާނެ ކަމަށް 20 ނޮވެމްބަރު 2019 ގައި އެ ކޯޓުން އިއުލާންކޮށް، އާއްމުކޮށް އެންގުމުންވެސް އެ ކުންފުނީގެ ފަރާތުން ޖަވާބުދާރީވާނެ ފަރާތެއް ކޯޓަށް ހާޒިރުވެފައިނުވާ ކަމަށެވެ.

ކުންފުންޏާ ބެހޭ ގާނޫނުގެ ދަށުން އެއީ އުވާލާފައިވާ ކުންފުންޏެއް ކަމަށް އިކޮނޮމިކް މިނިސްޓްރީގެ 9 ޖުލައި 2020 ވަނަ އަހަރުގެ އިއުލާނުގައި ބަޔާންކޮށްފައިވާތީ، އުވާލާފައިވާ ކުންފުންޏެއްގެ މައްޗަށް، ދައުވާކުރިއަށް ގެންގޮސް ދައުވާއާމެދު ފައިސަލާ ނުކުރެވޭނެކަން ދައުލަތަށް އެންގުމުން "ރިސްޓޯޑް" ކުންފުންޏެއްގެ ގޮތުގައި އެ މިނިސްޓްރީގެ ދަފުތަރުގައި އެފްޓެކް ހިމަނާފައިވާކަން އިކޮނޮމިކް މިނިސްޓްރީން އެޓާނީ ޖެނެރަލްގެ އޮފީހާ 28 ޑިސެމްބަރު 2021 ގައި ހިއްސާކޮށްފައިވާ ކަމަށްވެސް ހުކުމުގައިވެއެވެ.

އެހެންކަމުން އެފްޓެކްގެ ފަރާތުން އެ މައްސަލައަށް ޖަވާބުދާރީވާނެ ފަރާތެއް ހާޒިރުނުވެއްޖެނަމަ، ޣައިރު ހާޒިރުގައި މައްސަލަ ހިންގައި ނިންމާނެކަން، ދެވަނަ ފަހަރަށް 16 ޖެނުއަރީ 2023 ގައި އަނެއްކާވެސް އެ ކޯޓުން އިއުލާންކުރި ނަމަވެސް އެ ކުންފުނީގެ ފަރާތުން ޖަވާބުދާރީވާނެ ފަރާތެއް ކޯޓަށް ހާޒިރުވެފައިނުވާ ކަމަށްވެސް ހުކުމުގައިވެއެވެ.

އެހެންކަމުން 13.1 މިލިއަން ރުފިޔާއަކީ އެފްޓެކުން ދައުލަތަށް ދައްކަންޖެހޭ ފައިސާ އެއް ކަމަށް ކަނޑައަޅައި، އެ ފައިސާ ދައުލަތަށް ލިބިދިނުމުގެ ގޮތުން 15 ދުވަހުގެ ތެރޭގައި އެ ފައިސާ ސިވިލް ކޯޓަށް ދައްކައި، މި ދަރަނި ހަލާސް ކުރުމަށް އެފްޓެކަށް އަންގައި އެ ކުންފުނީގެ ޣައިރު ހާޒިރުގައި ހުކުމްކުރާ ކަމަށްވެސް ސިވިލް ކޯޓުގެ ހުކުމުގައިވެއެވެ.