ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ރަހުނަކާ ނުލާ ދޫކުރާ ލޯނާއި އިސްލާމިކް ފައިނޭންސިން ފެސިލިޓީގެ ލިމިޓް 1.2 މިލިއަނާ ހަމައަށް އިތުރުކޮށްފިއެވެ.
ބީއެމްއެލުން މިއަދު ވަނީ އަމިއްލަ އެކި ބޭނުންތަކަށް ނަގާ ލޯނުތައް އެއްކޮށްލައި "ބީއެމްއެލް ލުއި ލޯނު"ގެ ނަމުގައި އެ ލޯނު ދޫކުރަން ނިންމައިފައެވެ.
ބީއެމްއެލުން ބުނީ, މި ބަދަލާއެކު ބީއެމްއެލް އިސްލާމިކް ޕާސަނަލް ފައިނޭންސިން މެދުވެރިކޮށް ކަސްޓަމަރުންނަށް 1.2 މިލިއަނާ ހަމައަށް މުދާ ގަތުމަށް ނުވަތަ ނަގުދު ފައިސާ ލިބޭ ގޮތަށް ފައިނޭންސިން ދޫކުރާނެ ކަމަށެވެ.
އަދި ލުއި ލޯނާއި ޕާސަނަލް ފައިނޭންސިން ދޫކުރާއިރު މުސާރައިގެ އިތުރުން ލިބޭ އެހެނިހެން އާމްދަނީއަށްވެސް ބަލާނެ ކަމަށް ބުންޏެވެ.
ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ކާލް ސްޓުމްކަ ވިދާޅުވި ގޮތުގައި، އެ ބޭންކުގެ ޕޯޓްފޯލިއޯއަށް ގެނައި މި ބަދަލާއެކު ކަސްޓަމަރުންނަށް އަމިއްލަ ބޭނުންތަކަށް ބޮޑު އަދަދެއްގެ ފައިސާ ހޯދުމަށް އެދި ހުށަހެޅުމުގެ ފުރުސަތު މިހާރު އޮންނާނެއެވެ.
"ބީއެމްއެލްއަކީ ދިވެހިން ހިޔާރުކުރާ ބޭންކަށްވީ ހިނދު، ކަސްޓަމަރުން ބޭނުންވާ ފަދަ އަދި އުންމީދު ކުރާ ފެންވަރަށް ވުރެ ރަނގަޅު ހިދުމަތެއް ދިނުމަށް ނުހަނު ބުރަކޮށް މަސައްކަތް ކުރަމުންދާނަން،" އޭނާ ވިދާޅުވި އެވެ.
ލުއި ލޯނު އަދި ފައިނޭންސިންއަށް އެދި އިންޓަނެޓް އަދި މޯބައިލް ބޭންކިން މެދުވެރިކޮށް ހުށަހެޅޭނެއެވެ. އަދި ފަސް ދުވަސް ތެރޭ ޕްރޮސެސް ކުރާނެއެވެ.