ޕޯޗުގަލްގެ އަންހެނުންގެ އެފްއޭކަޕް ފުޓްބޯޅަ މުބާރާތުގައި ސްޕޯޓިން ލިޒްބަން އާއި ބެންފީކާ މިހަފުތާގައި ބައްދަލުކުރި މެޗުން މުޅިން އައުކަމެއް ވަނީ ފެނިފައެވެ. ތާރީޚީ މެޗަކަށް ވަނީ ވެފައެވެ. މުޅިން އަލަށް ހުދު ކާޑެއް ވަނީ ދައްކައިފައެވެ. މިއީ އަދަބު ދިނުމަށް ދެއްކުނު ކާޑެއް ނޫނެވެ. ކުޅިވަރުގެ އަޚުލާގާއި ރިވެތި ސުލޫކާއި ކުޅިވަރުގެ ފުރިހަމަ ރޫހު ފާހަގަކުރުމުގެ ގޮތުން ދައްކާފައިވާ ކާޑެކެވެ. ދުނިޔޭގެ ހުރިހާ ތަނެއްގައިވެސް މިހާތަނަށް ބޭނުންކުރަމުން އައީ ރީނދޫކާޑާއި ރަތްކާޑެވެ. އެއީ ކުޅިވަރުގެ އަޚުލާގާއި ކުޅިވަރުގެ ރޫހާއި ޚިލާފު އަމަލުތައް ހިންގީމާ އަދަބު ދިނުމުގެ ގޮތުންނެވެ. ޕޯޗުގަލްގައި ހުދުކާޑެއް ބޭނުންކުރަން މިފެށީ އައު ކަންކަން ތައާރަފުކުރުމުގެ ވިސްނުމެއްގެ ތެރެއިންނެވެ. ސާބަސްދިނުމާއި ހިތްވަރުދިނުންވެސް އެންމެނަށް ފެންނަގޮތަށް ކުރުމުގެ ގޮތުންނެވެ.
ހުދުކާޑެއް ދެއްކީ ކީއްވެގެން ކޮންބަޔަކަށް ބާވައެވެ. މެޗުގެ ފުރަތަމަ ހާފު ނިމެން ވަރަށް ކައިރިވެފައިވަނިކޮށް ސްޕޯޓިން ލިޒްބަންގެ ބެންޗުގައި ތިބި މީހުންގެ ތެރެއިން ކޮންމެވެސް މީހަކު ކުއްލިއަކަށް ބަލިވެގެން ސިއްހީ އަވަސް ފަރުވާއަށް ބޭނުންވީއެވެ. އޭނާއަށް އެހީތެރިވުމަށް ދެ ޓީމުގެ މެޑިކަލް ޓީމުންވެސް އަވަސްވެގަތެވެ. އިދިކޮޅު ޓީމަށްވެގެން ދުރުގައި ބަލަން ތިބުމުގެ ބަދަލުގައި ބެންފީކާއިންވެސް ދެއްކީ ކުޅިވަރުގެ ފުރިހަމަ ރޫހާއި އަޚުލާގެވެ. މި މަންޒަރު ބަލަންހުރެފައި ރެފްރީގެ ޖީބުން ހުދުކާޑެއް ނަގައިފައި ދެ ޓީމުގެ އޮފިޝަލުންނަށާއި ކުޅުންތެރިންނަށް ދެއްކީއެވެ. އަދި މެޗު ބަލަން ސްޓޭޑިއަމަށް ވަދެތިބި ސަޕޯޓަރުންނަށްވެސް ދެއްކީއެވެ. ވީގޮތް ސަޕޯޓަރުންނަށް މޭރުންވީ އެހިސާބުންނެވެ. ދެން މުޅި ސްޓޭޑިއަމް ގުގުމައިލީ އަތްތިލްބަޑީގެ ހޫނު ތަރުހީބުގެ އަޑުންނެވެ.
ޕޯޗުގަލްގެ އަންހެނުންގެ އެފްއޭ ކަޕަށް ކިޔަނީ ޓާކާ ޑި ޕޯޗުގަލް ފެމިނީނާ އެވެ. މި މުބާރާތުގެ ކުއާޓަރ ފައިނަލުގައި ބެންފީކާ އާއި ސްޕޯޓިން ލިސްބަން ބައްދަލުކުރި މެޗު ކުޅުނީ ބެންފީކާގެ އަމިއްލަ ދަނޑު ކަމަށްވާ އެސްޓާޑިއޯ ލުޒްގައެވެ. މި މެޗުގެ ރެފްރީއަކީ ކެތަރީނާ ކަމްޕޯސް އެވެ. އޭނާގެ ޖީބުން ހުދު ކާޑެއް ނަގައިފައި ދެއްކީ ރެފްރީއަކު އާދަވެގެން ރީނދޫކާޑާއި ރަތްކާޑުވެސް ދައްކާ ބީދައިން އެގޮތަށެވެ. އެހެންވީމާ ބަލަންތިބި މީހުންނަށް އެންމެ ފުރަތަމަ މިކަމުގެ ބޭނުން މޭރުމެއްވެސް ނުވިއެވެ. މެޗު ބަލަން ފަނަރަހާސް މީހުންނަށްވުރެ ގިނަ މީހުން ވަދެ ތިއްބެވެ. މިއީ އަންހެނުންގެ މެޗެއް ބަލަން ޕޯޗުގަލްގައި އެންމެ ގިނަބަޔަކު ދިޔަކަމަށް ރިކޯޑް ކުރެވުނު މެޗުވެސްމެއެވެ. މި މެޗު ފަހެއް ސުމަކުން ކާމިޔާބުކޮށް ބެންފީކާ ވަނީ މުބާރާތުގެ ސެމީފައިނަލަށް ދަތުރުކޮށްފައެވެ.
ހުދުކާޑު ތައާރަފުކުރީ ފެއަރޕްލޭ ފާހަގަކޮށް، ހިތްވަރު ދިނުމުގެ ގޮތުންނެވެ. މިކަންކުރަން ނިންމީ ކުޅިވަރުގެ އަޚުލާގު ހިފެހެއްޓުމަށް ބާރުއެޅުމުގެ ގޮތުންނެވެ. އަދަބުދިނުން އެކަނި އޮތުމުގެ ބަދަލުގައި އިނާމު ދިނުމުގެ ތެރެއިންވެސް ކުޅިވަރުގެ އަޚުލާގު ޕްރޮމޯޓްކުރުމުގެ ގޮތުންނެވެ. މިއީ ފީފާގެ އިސްނެގުމެއް ނޫނެވެ. އަދި ދުނިޔޭގެ ފުޓްބޯޅައިގެ އުސޫލުތަކާއި ގަވާއިދުތައް ހަދައި އިސްލާހުކުރާ ދުނިޔޭގެ މައި އިދާރާއަކުން ނިންމި ނިންމުމެއްވެސް ނޫނެވެ. މިއީ ޕޯޗުގަލްގެ ފުޓްބޯޅަ އެސޯސިއޭޝަނުގެ އިސްނެގުމެކެވެ. އަމިއްލަ ނިންމުމެކެވެ. އެހެންވީމާ ބައިނަލްއަގުވާމީ މުޖުތަމައުން ހުދުކާޑު ބަލައިގަންނާނެ މިންވަރު އަދިއޮތީ ނޭނގުމެއްގެ ތެރޭގައެވެ. ޕޯޗުގަލްއިން ތައާރަފުކުރި ހުދުކާޑާއިމެދު އެންމެންވެސް އަދި ވާހަކަ ދައްކަމުންދަނީ ވަރަށް ބަރާބަރު ކަމެއްގެ ގޮތުގައެވެ. ފާޑުކިޔާ ބަޔަކު ނުފެނެއެވެ.
ސާބަސްދިނުމާއި ހިތްވަރުދިނުމުގެ ގޮތުން ޕޯޗުގަލްއިން ހުދުކާޑެއް ތައާރަފުކުރިއިރު މިކަމަކީ އަދި އެހެންގޮތަކަށް ކުރަން ޔޫރަޕުގެ ފުޓްބޯޅައިގެ މައިއިދާރާކަމަށްވާ ޔުއޭފާއިން ތަންކޮޅެއްކުރިން ޚިޔާލުކުރި ކަމެކެވެ. ޔުއޭފާގެ ކުރީގެ ރައީސް މިޝެލް ޕްލަޓީނީ ހުށައަޅުއްވާފައިވަނީ ރެފްރީންނާ ކުރިމަތިލައި މާބޮޑަށް ޝަކުވާކުރާ ކުޅުންތެރިންނާއި އޮފިޝަލުންނަށް ވަގުތީ އަދަބެއް ދިނުމަށް ހުދުކާޑު ތައާރަފު ކުރުމަށެވެ. ހުދުކާޑު ދެއްކޭ ކުޅުންތެރިން ދިހަ މިނިޓަށް އަދަބުގެ ގޮޅީގައި ބޭތިއްބުމަށެވެ. ޕްލަޓީނީ ވިދާޅުވެފައިވަނީ ރެފްރީންނާ ކުރިމަތިލައި ޝަކުވާ ގިނަކޮށް ހުތުރުމޫނު ދެއްކުމަކީ ފުޓްބޯޅަޔަށް ޖެހިފައިވާ ބައްޔެއް ކަމަށާއި އެބަލީގެ ހައްލަކަށް ހުދުކާޑު ބޭނުންކުރެވިދާނޭ ކަމުގައެވެ. ޕްލަޓީނީގެ މި ޚިޔާލު އެޔަށްވުރެ މައްޗަކަށް ނުދެއެވެ. އެޔާމެދު މާގިނަބަޔަކު ބަހުސެއްވެސް ނުކުރެއެވެ. އޮތްގޮތަށް އޮތީއެވެ.
ރީނދޫކާޑާއި ރަތްކާޑު ދެއްކުން ތައާރަފުކުރީ 1970 ވަނަ އަހަރުގެ ވޯލްޑްކަޕުގައެވެ. އޭގެކުރިން ކުލަކުލައިގެ ކާޑު ދެއްކުމެއް ނޯވެއެވެ. ކުރިން އޮންނަނީ ރެފްރީއަކު އަނގަބަހުން އިންޒާރުދިނުމެވެ. ދަނޑުން ފޮނުވައިލަންޏާ އެކަންވެސް "ކަލޭ ހަމަމިހާރު ދަނޑުން ފައިބާށޭ" ބުނާ ގޮަތަށެވެ. ބަލަންތިބޭ މީހުންނަށް ވާނުވާވެސް ނޭނގެއެވެ. ދިނީ އިންޒާރެއްތޯ ނުވަތަ ފައިބަން އަމުރުކުރީތޯ ނޭނގި އޮޅުންބޮޅުންވާ ފަހަރުވެސް އާދެއެވެ. ބަލަންތިބޭ މީހުންނަށާއި ކުޅުންތެރިންނަށްވެސް ރެފްރީގެ ނިންމުން އެނގޭނޭ ގޮތަށް ދެކުލައިގެ ކާޑު ތައާރަފުކުރުމުގެ ވިސްނުމަކީ ހަގީގަތުގައި އިނގިރޭސިވިލާތުގެ ރެފްރީ ކެން އެސްޓަންގެ ވިސްނުމެކެވެ. އެޔާމެދު ފީފާއިން ވަރަށް ބޮޑަށް ދިރާސާކުރުމަށްފަހު 1970 ވަނަ އަހަރުގެ ވޯލްޑްކަޕުން ފެށިގެން ދެކުލައިގެ ކާޑު ތައާރަފުކުރުމަށް ނިންމީއެވެ. އެކަންވެގެންދިޔައީ ފުޓްބޯޅަޔަށް އައި ބޮޑު އިންގިލާބަކަށެވެ.