މަލްޓި ޔޫތު އެސޯސިއޭޝަން އޮފް ތުލުސްދޫ (މިޔަޓް) އިން އިންތިޒާމު ކޮށްގެން ބާއްވާ ކ. އަތޮޅުގެ އެންމެ ބޮޑު އެއް ކުޅިވަރު ހަރަކާތް، މިޔަޓް ސްޕޯޓްސް ފިއެސްޓާގެ ތެރެއިން ކުރިއަށްދާ މިޔަޓް ޔުނިޓީ ރަން 2026 މޫސުން ގޯސްވުމުގެ ސަބަބުން ފަސްކޮށްފިއެވެ.

މިޔަޓްއިން މިއަދު ބުނީ އެ ދުވުން ބާއްވާނެ ތާރީހެއް ފަހުން އާންމުކުރާނެ ކަމަށެވެ.

އެ ޖަމިއްޔާއިން މީގެކުރިން ބުނެފައިވަނީ މިއަހަރުގެ މިޔަޓް ސްޕޯޓްސް ފިއެސްޓާ ފެށުމަށް ހަމަޖެހިފައި ވަނީ މިމަހުގެ 30 ވަނަ ދުވަހު ކަމަށެވެ. އިވެންޓްގެ ހަރަކާތްތައް އޮގަސްޓް 13 ވަނަ ދުވަހާ ހަމައަށް ދެމިގެންދާ އިރު، މިއަހަރު ސްޕޯޓްސް ފިއެސްޓާގެ ތެރެއިން މިޔަޓް ފިރިހެން ފުޓްސަލް މުބާރާތް، މިޔަޓް ފުޓްސަލް ޗެލެންޖްގެ އިތުރުން، އަންހެން ކުޅުންތެރިންނަށް ހާއްސަކޮށްގެން ބާއްވާ މިޔަޓް ފެމީނާ ފުޓްސަލް ޗެލެންޖްވެސް ކުރިއަށް ދާނެކަމަށް މިޔަޓުން ބުނެފައިވެއެވެ.

އޭގެ އިތުރުން ސްޕޯޓްސް ފިއެސްޓާ ކުރިއަށްދާ ތުލުސްދޫގައި ފަން ރަންއެއްގެ އިތުރުން ފިއެސްޓާގެ ތެރެއިން އިސް ރަށްވެހިންނަށް ހާއްސަ އިވެންޓެއްވެސް ކުރިއަށް ގެންދަން މިޔަޓުން ވަނީ ނިންމައިފައެވެ.

މިޔަޓް ސްޕޯޓްސް ފިއެސްޓާއަކީ ކ. އަތޮޅުގެ ކުޅިވަރު އީދަކަށްވީ އިރު، އަންހެން އަދި ފިރިހެން ފުޓްސަލް މުބާރާތް އަމާޒުކޮށްފައި ވަނީ ކ. އަތޮޅުގެ ކުޅުންތެރިންނަށެވެ. އެހެން ނަމަވެސް ކޮންމެ ޓީމެއްގައިވެސް އަތޮޅުން ބޭރު ދެ ކުޅުންތެރިޔަކު ހިމަނޭނެކަމަށް ގަވާއިދުގައި ބުނެއެވެ.