މައުލުމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން، ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އަދަދު އޮޅުން ފިލުވައިދިނުމަށް އެދުމުން، އެމީހުންގެ އަދަދު ހާމަނުކުރަން ޑިފެންސް މިނިސްޓްރީން ނިންމި ނިންމުމަކީ ރަނގަޅު ނިންމުމެއް ކަމަށް އިންފޮމޭޝަން ކޮމިޝަނަރު ކަނޑައެޅުއްވި މައްސަލައިގެ އިސްތިއުނާފުގައި، ފުރަތަމަ ބަލާނީ އެ މައްސަލައަކީ މިހާރު ހުށަހެޅިފައިވާގޮތަށް ކުރިއަށް ގެންދެވިދާނެ މައްސަލައެއްތޯ ކަމަށް އެ މައްސަލަ ބައްލަވާ ހައިކޯޓުގެ ފަނޑިޔާރުންގެ ބެންޗުގެ އިސްފަނޑިޔާރު ހުސެއިން ޝަހީދު ވިދާޅުވެއްޖެއެވެ.
ރާއްޖޭގައި ތިބޭ އިންޑިއާ ސިފައިންގެ އަދަދާއި އެ ސިފައިންނަށް ދައުލަތުން ކުރާ ހަރަދުގެ ތަފްސީލު ހޯދަން ޑިފެންސް މިނިސްޓްރީގައި އެދުނީ "ދިޔަރެސް" ނޫހުގެ ފަރާތުން އަހުމަދު އަޒާން އެވެ. ނަމަވެސް މި މައުލޫމާތު ހިއްސާކުރުމަކީ ގައުމީ ސަލާމަތަށް ނުރައްކާވެދާނެ ފަދަ މައުލޫމާތެއް ކަމަށް ބުނެ ޑިފެންސް މިނިސްޓްރީން އެ މައުލޫމާތު ހިއްސާކޮށްފައެއް ނުވެއެވެ.
އިންފޮމޭޝަން ކޮމިޝަނަރަށް ހުށަހެޅި އެ މައްސަލައިގައި އެ އޮފީހުން ބޭއްވި އަޑުއެހުމުގައި އެއިރުގެ އިންފޮމޭޝަން ކޮމިޝަނަރު ހުސައިން ފިޔާޒު މޫސާ ވިދާޅުވެފައިވަނީ ޑިފެންސް މިނިސްޓްރީގެ މުރާޖާ ކޮމިޓީން ނިންމާފައިވާ ނިންމުމަކީ ގާނޫނާ އެއްގޮތުގެ މަތީން ނިންމާފައިވާ ނިންމުމެއް ކަމަށެވެ. އަދި އެ ނިންމުން ބަދަލުކުރަން ނުޖެހޭ ކަމަށާއި އެ ނިންމުން ރަނގަޅު ކަމަށްވެސް ވިދާޅުވިއެވެ. އެއީ 2020 ވަނަ އަަހަރުއެވެ.
އެ ނިންމުން ދިޔަރެސް ނޫހުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރީ 2020 ވަނަ އަހަރުގެ ނޮވެމްބަރު 24 ގައެވެ.
ގިނަ ދުވަސްތަކަކަށްފަހު ހައިކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ފަނޑިޔާރު ހުސެއިން ޝަހީދު ވިދާޅުވީ، މި މައްސަލައިގެ އަޑުއެހުމެއް މީގެ ކުރިން ބޭއްވި ނަމަވެސް މިއަދުގެ އަޑުއެހުމަކީ ކުރިން މި މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗު ބަދަލުވުމާ ގުޅިގެން ބާއްވާ އަޑުއެހުމެއް ކަމަށެވެ.
އެ މައްސަލައިގެ ފަނޑިޔާރުންގެ ބެންޗު ބަދަލުވީ، ކުރިން ތިއްބެވި ބައެއް ފަނޑިޔާރުން ރިޓަޔާ ކުރެއްވުމާއި، ބައެއް ފަނޑިޔާރުން ވަކިވެ ވަޑައިގަތުމާއި، އަދި ބައެއް ފަނޑިޔާރުން ވަކިކުރެއްވުމާ ގުޅިގެން ކަމަށްވެސް ވިދާޅުވިއެވެ.
އެހެންކަމުން މި މައްސަލައިގައި ފުރަތަމަ އޮންނާނީ، އެ މައްސަލަ މައުލޫއީގޮތުން ކުރިއަށް ގެންދެވިދާނެ ކަމާމެދު ފަނޑިޔާރުންގެ މެދުގައި އުފެދިފައިވާ ބަހުސާ މެދު ގޮތެއް ނިންމުން ކަމަށްވެސް ވިދާޅުވިއެވެ.
މިއަދުގެ އަޑުއެހުމުގައި އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގެ ވަކީލު އާއިޝަތު އިޝާ ވިދާޅުވީ އެ މައްސަލަ އިސްތިއުނާފު ކުރުމުގެ ބާރު ގާނޫނުން ލިބިދީފައިވާތީ، މިހާރުވެސް ހުށަހަޅާފައިވާގޮތަށް އެ މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށެވެ. އަދި މައްސަަލަ ކުރިއަށް ނުގެންދެވޭނެކަމެއް އިޖުރާއީގޮތުން ފާހަގަ ނުކުރެވޭ ކަމަށްވެސް ވިދާޅުވިއެވެ. ނަމަވެސް މި މައްސަލައިގައި އަޒާން ވިދާޅުވީ އެއްޗެއް ވިދާޅުވާން މިވަގުތު ނެތް ކަމަށެވެ.
މިއަދުގެ އަޑުއެހުން ނިންމަވައިލައްވަމުން ފަނޑިޔާރު ހުސެއިން ޝަހީދު ވިދާޅުވީ، އެ މައްސަލަ މައުލޫއީގޮތުން ކުރިއަށް ގެންދިއުމާ މެދު އޮތް ބަހުސްގައި ގޮތެއް ނިންމުމަށްފަހު ވަރަށް އަވަހަށް އެ މައްސަލައިގެ އިތުރު އަޑުއެހުމެއް ބާއްވަވާނެ ކަމަށެވެ. އަދި މައުލޫއީގޮތުން މައްސަލަ ކުރިއަށް ގެންދިއުމާ މެދު ނިންމާ ނިންމުން، މައްސަލައާ ގުޅޭ ދެ ފަރާތާ ހިއްސާ ކުރައްވާނެ ކަމަށްވެސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު