އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ގަޑުބަޑު ކުރުމަށް ބަޔަކު މަސައްކަތްކުރާ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެއެވެ.

އަންނަ ހޮނިހިރު ދުވަހު ބާއްވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނަށް އއ. މާޅޮހަށް މިއަދު ވަޑައިގެން އެެ ރަށުގައި ބޭއްވި ހަރުގެ ޖަލްސާއެއްގައި ރައީސް ސޯލިހު ވިދާޅުވީ، ރިޔާސީ ޕްރައިމަރީއަކީ އެމްޑީޕީގެ އެތެރޭގެ އިންތިހާބެއް ނަމަވެސް ކެމްޕޭނުގައި އެހެން ކުލައްތައް ޖެހެން ފަށާފައިވާ ކަމަށާއި ބައެއް ރަށްރަށުން އެ މަންޒަރު ފެންނަމުންދާ ކަމަށެވެ.

"ތި ބޭފުޅުން ވިސްނަވަންވާނެ އޭގެ މަގުސަދަކީ ކޮބައިކަން. އެ ބޭފުޅުން އެ ކުރައްވަނީ ކޮންކަމެއް ކަން. ސާފުކޮށް އެެމްޑީޕީއަށް ވެރިކަމުގައި ދެމި ތިބެވެން އޮތްކަން އެނގޭތީ، އެކަމަށް ހުރަސް އެޅެން އޮތް ކަންތައްތައް އެ ބޭފުޅުން އެެ ކުރައްވަނީ. ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ކިރިޔާވެސް، އެ ބޭފުޅުންނަށް ވާދަކޮށްލެވެން އޮތީވެސް މީގެ ތެރެއަށް ވަދެ މި ގަޑުބަޑުކޮށްގެން ކަމަށް ފެންނާތީ އެ ބޭފުޅުން ނުކުމެ މިތިބީ،" އިދިކޮޅަށް އިޝާރާތް ކުރައްވައި ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، އެމްޑީޕީން އަމަލުކުރާނީ ޑިމޮކްރަސީގެ އުސޫލުތަކާ އެއްގޮތަށް ކަމަށާއި އެމްޑީޕީގެ އެތެރޭގައި ހިންގާ ޕްރައިމަރީތައް ވާދަވެރިވާނެ ކަމަށެވެ. އަދި މި ފަހަރުގެ ޕްރައިމަރީ ވެގެންދާނީ ރާއްޖެއަށް ނަމޫނާއަށް ކަމަށް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ، މާޅޮހަކީ އެ މަނިކުފާނާއި ރައީސް ނަޝީދާވެސް އާއިލީ ގޮތުން ގުޅުން އޮންނަ މީހުން ގިނަ ރަށެއް ކަމަށާއި އެހެންކަމުން ރައީސް ނަޝީދަށް ދޭންވާ ގަދަރާއި އިހުތިރާމާއި ލޯބި އެ ރަށުން ދޭންވާނެ ކަމަށެވެ. އަދި ޕްރައިމަރީގައި ވާދަކުރައްވަނީ ވަކި މީހަކާ ދެކޮޅަށް ނޫން ކަމަށް ވިދާޅުވިއެވެ.